ވޭތުވެދިޔަ ފަސް އަހަރު އަފްޣާނިސްތާނުގައި ދިން އެކި އެކި ހަމަލާތަކުގައި މަރުވި މީހުންގެ 40 އިންސައްތައަކީ ކުޑަކުދިން ކަމަށް ތަފާސް ހިސާބުތަކުން ދަށްކައިފިއެވެ.

އެކްޝަން އޮން އާމްޑް ވަޔަލެންސް (އޭއޯއޭވީ) ގައި ހިއްސާ ކޮށްފައިވާ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް 3،977 މީހަކު ވަނީ މަރާލާފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 1،600 މީހުންނަކީ ކުޑަކުދިން ކަމަށް ވެސް މި ތަފްސާ ހިސާބުގައި ވަނީ ބުނެފައެވެ.

އަފްޣާނިސްތާނަށް އެކި ގައުމުތަކުން ދިން ހަމަލާތަކަށް ބަލާއިރު، 2017 ވަނަ އަހަރުގެ ވައިގެ މަގުން 247 މިސައިލް ހަމަލާ ދީފައިވާއިރު، އެ އަދަދު ވަނީ 2019 ވަނަ އަހަރު 757 އަށް އަރާފައި ކަމަށް ޔުނައިޓެޑް ނޭޝަންސް އެސިސްޓެންސް މިޝަން އިން އަފްޣާނިސްތާން (ޔޫއެންއޭއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންސާނީ ހައްކުތަކާއި ކުޑަކުދިންގެ ހައްގުތަކުގެ ވާހަކަ ގަދަޔަށް ދެކެވޭ މި ޒަމާނުގައި ބައިނަލްއަގުވާމީ ބޮޑެތި ޖަމާއަތްތަކުގެ ސަމާލުކަމަށް މިކަންކަން އައިސްފައި ނުވުމަކީ އެކަމާ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.