ކޮންމެހެން ފިރިހެނުން ސިއްރު ކުރާނީ އެމީހުންގެ އާމްދަނީއެއް ނޫނެވެ. ފިރިހެނުންގެ ސިއްރުތަކެކޭ މި ބުނަނީ ވަކި ހިލޭ އަންހެނުންނާއި ވާހަކަދެއްކުމުގެ ވާހަކައެއް ނޫނެވެ.
އަންހެނުންނަކީ ޒާތުގައިވެސް ހިތަށް އަރާ ވާހަކަތައް ދުލުން ނޫނީ އެހެނިހެން ގޮތްގޮތުންވިޔަސް ފާޅުކުރާ ބައެކެވެ. އެއާއި ހިލާފަށް ފިރިހެނުންނަކީ އެމީހުންގެ އިހުސާސްތައް ހިތުގެ އަޑީގައި ފޮރުވާ ބައެކެވެ. ހިތުގެ އަޑީގައި ފޮރުވާފައިވާ އިހުސާސްތައް ބޭރުކުރުމަކީ ފިރިހެނުންނަށް ފަސޭހަ ކަމެއް ނޫނެވެ. ކުޑައިރުއްސުރެ އެމީހުންގެ އިހުސާސްތައް ފޮރުވައިގެން ތިބުމަށް އެމީހުންނަށް ހިތްވަރުދިނުމަކީ ދުނިޔޭގެ ސަގާފަތެވެ. އެހެނަސް، ފިރިހެނަކަށްވީތީ ފިރިހެނުން ކުރަން ލާޒިމް ކަންތައްތަކުގެ ޒިންމާ އުފުލަމުން މި އިހުސާސްތައް ބޭރުކުރަންވެސް ފިރިހެނުންނަށް ދަތިވާނެ އެވެ. އަދި އެ އިހުސާސްތައް ސިއްރުކުރަން ފިރިހެނުންނަށް މަޖުބޫރުވެ އެވެ.
ފިރިހެނުންގެ އިހުސާސްތައް ދެނެގަތުމަކީ އަންހެނުންގެވެސް ޒިންމާއެކެވެ. މިފަހަރު އަހަރެމެން މި ބަލާލަނީ އެންމެ ރަނގަޅު އަނބިން ވިސްނާލާނެ ނުކުތާތަކަކަށެވެ. މި ވާހަކަތައް އަންހެނުންނަށް އެނގޭނެ ނަމައޭ ފިރިހެނުން ހިތަށް އަރާނެ އެވެ.
އަސްލު އެހާ ކާމިޔާބެއް ނޫން!
ގިނަ އަންހެނުން ގަބޫލުކުރާ ގޮތުގައި ފިރިހެނުންނަކީ ހުސްވެދާނެ ރަނެކެވެ. ނަމަވެސް ތިބާގެ ލޯބި ހާސިލުކުރަން ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ މި ރަންގަނޑެވެ. އެއީ ތިބާ އޭނާ ހޯދަން ކުޑަވަރެއްގެ މަސައްކަތެއް ކޮށްފިއްޔާ އެއީ 'މަތިންބައިން ޖެހުން' ކަމަށް ތިބާ ގަބޫލުކުރާތީއެވެ. ނަމަވެސް މިހާރު ޒަމާން ވަނީ ބަދަލުވެފައެވެ. މި ޒަމާނުގައި ރީތި ގޮތުގައި ތިބާގެ އިހުސާސްތައް ބާލިޣުވެފައިވާ ހުސްހަށިބައި ފިރިހެނަކަށް ކޮންމެވެސް ވަރަކަށް ހާމަކުރުމަކީ 21 ވަނަ ގަރުނުގެ ހަމައެވެ. ކޮންމެހެން ސީދާ ސީދަލަށް އޭނާ ކައިރީވާ ލޯބި ކިޔާނުދިނަސް އެންމެ ރަނގަޅެވެ. އަންހެނެއްގެ ފަހަތުން އާދޭސްކުރުމުގެ ޒަމާން ފަހަނައަޅައިގޮއްސިއެވެ. 'ރިޖެކްޓް'ވުމުގެ ބިރު އޮތުމުން އަންހެނުން ކައިރިން ރައްޓެހިވާން ނާހާ ފިރިހެނުން މަދެއް ނޫނެވެ. ނަމަވެސް އޭނާގެ ކޮންފިޑެންސް އިތުރުކުރުމަށް ފެހި ސިގްނަލެއް އިޝާރާތްކުރުމަކީ މިހާރުގެ ފިރިހެނުން ގަބޫލުކުރާ ހަމައެކެވެ.
'ކާމިޔާބު' ވުމުގެ ޕްރެޝަރ
ހަރަދުތައް ބޮޑުވަމުންދާ ޒަމާނެއްގައި އަންހެނުންވެސް މަސައްކަތުގެ ޒިންމާ އުފުލަމުންދާ ނަމަވެސް، އާއިލާގެ ހަރަދުތައް ބެލެހެއްޓުމަކީ ފިރިހެނުންގެ މައްޗަށް އޮތް ވާޖިބެކެވެ. މި ވާޖިބު އަދާކުރުމަށް ފުދުންތެރިވުމަކުން މިހާރުގެ އަންހެނުންގެ ހިތެއް ނުފުރެއެވެ. ފައިސާވެރިވުމަކީ އެންމެ އެދެވޭ ސިފައެއްގެ ގޮތުގައި ދެކެވޭ މި ޒަމާނުގައި ފިިރިހެންމީހާގެ ބޮލުގައި އެޅިފައިވާ ޕްރެޝާ ހިތަށް ގެންނަނީ ކިތައް އަންހެނުން ބާއެވެ؟ މި ދެއްކީ އެހެން ކާމިޔާބީއެއްގެ ވާހަކައެވެެ. 'ލަވް ލައިފް'ގައި އެއްކަލަ ފިރިހެންމީހާގެ ހާލަތުގެ ވާހަކަ ދެން ދައްކަމާ ހެއްޔެވެ؟ ތިމާ މީހާ 'ބިޓުން ހިއްލުމުގައި ހާދަހާ ވާ ކާމިޔާބޭ' ބުނުމަކީ މިއީ ދިވެހި ކޮފީ މޭޒުތަކުގައި ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގައި ބިޓުން ލިބޭވަރު ދަށްވުމަކީ އެއީ ނަތީޖާ ދަށްވުން ކަމުގައި ބައެއް މީހުން ދެކެއެވެ. ބިޓުން މަދުވުމަކީ ހުތުރެއް ކަމަށް ދެކޭނަމަ އެއީ އެމީހެއްގެ ވިސްނުމުގައި ހުރި ކޮށިކަމެކެވެ. އެހެނަސް، ހިތާމައަކީ މި ޕްރެޝަރގައި ޖެހި، ހިތަށް ތަދުވާ ފިރިހެނުންވެސް އުޅޭ ކަމެވެ. ކޮންމެ މޫދުގަލަކަށް މަހެއް ވާހިނދު، އެ މޫދުގަލުގެ ފުރިހަމަކަމާއި ރީތި ސިފަތަކުގެ ފަހުރުވެރިކަން އިހުސާސްކުރުވުމަކީ އޭނާއަށްވީ މަހުގެ ޒިންމާއެވެ. ކުރުކޮށް ބުނާނަމަ، ފިރިހެނުންނަކީ ހިތްބަލި ބައެކެވެ. އެ މީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް އެމީހުން ކުރާ ކަންތައްތަކުގެ އަގު، އަނގަބަހުން ވަޒަންކުރުމަށް ބޭނުންވުމަކީ ފިރިހެނުންނަށް މުހިންމު ކަމެކެވެ.
އުނިކަމެއް ރަނގަޅުކުރަން ހިތްވަރެއް ބޭނުންވޭ
ކޮންމެ އިންސާނެއްގެ ކިބައިގައި އުނިކަމެއް ހުންނާނެކަން އަންހެނުން ވަރަށް ރަނގަޅަށް ދަނެއެވެ. ގިނަ އަންހެނުން އެމީހުންގެ އައިބެއް ހުރިއްޔާ އެކަމަކީ ގުދުރަތެއްކަން ގަބޫލުކޮށް އެކަމާއި އަޅާނުލާްނެއެވެ. އެއާއި ހިލާފަށް ފިރިހެނެއްގެ ދިރިއުޅުމުގައި އުނދަގުލެއް ހުރިއްޔާ، އޭނާ ކައިރީގައި 'ފިރިހެނަކަށްވާށޭ' ބުނުމުގެ ނަސޭހަތް އަޑުއިވެއެވެ. "ފިރިހެނުންނަކީ ރޯން ޖެހޭ ބައެއް ނޫނެވެ". ހިތާމައަކީ ޚުދު ފިރިހެންމީހާވެސް މިކަން ގަބޫލުކުރެއެވެ. މުއްސަނދި ނުވުމަކީ އެއީ މައްސަލައެއް ނޫންކަން އޭނާއަށް އިހުސާސްކޮށްދެނީ ކިތައް މީހުން ހެއްޔެވެ؟ ދެން އެހެން މިސާލަކަށް ޖެހިލާނަމެވެ. ދެމަފިރިން ވަރިވާން މެދުވެރިވާ މައްސަލަތަކަކީ ސިއްރު މައްސަލަތަކެކެވެ. ނަަމަވެސް އެއްބައި ހާލަތްތަކުގައި ބައެއް ކަންކަމަކީ އެއީ ރަނގަޅުކުރެވޭނެ ކަންކަމެވެ. އެކަމާއި ގުޅުންހުރި ޑޮކްޓަރެއް ނުވަތަ ނަފްސާނީ އިލްމުހުރި މީހުން ނުވަތަ ކައިވެންޏާއި ބެހޭ ކައުންސެލިން ދޭ ފަރާތްތަކުގެ ފަރުވާ ހޯދުމަކީ އެއީ އިހްތިޔާރެއް ކަމަށް ބައެއް ދިވެހިން ގަބޫލުނުކުރެއެވެ. އެއީ ތިމާގެ 'ފިރިހެންވަންތަކަން' ގެއްލުމެއް ނޫނެވެ. ބަދަލުގައި ލިބެން އޮތް ފަރުވާއެއް ހޯދަން މަސައްކަތްކުރުމަކީ އެއީ ތިމާގެ 'ގަޓް' ހުރިކަން އަމިއްލަ މީހާއަށް ދޭހަކޮށްދޭނެ ހިތްވަރެކެވެ. މިކަންތައް ފިރިހެނުންނަށް އަންގައިދޭނީ ކާކުބާއެވެ؟
'ސްލޯ ވުން'
މިތާނގައި ސްލޯ ވުމޭ މި ކިޔަނީ 'ސޯޝަލް ކިއުސް' ދެނެގަތުމުގައި ފިރިހެނުންގެ ކުޅަދާނަކަން އަންހެނުންނާއި ގާތްނުވުމުގެ ވާހަކައަށެވެ. ކިތަންމެ ވަރަކަށް ވަށާޖަހާފައި ވާހަކަދެއްކިޔަސް، އަމަލުން އެއްޗެއް އަންގައިދޭން ބޭނުންވިޔަސް ބައެއް ފިރިހެނުންނަށް އެކަންކަން ދޭހަނުވެދާނެއެވެ. ލަދުރަކިކަމަކީ އެއީ ހަމައެކަނި އަންހެން ސިފައެއް ނޫނެވެ. ވީމާ، ބައެއް ފަހަރު ފިރިހެނުން ކައިރީ ބުނަން އުޅޭ އެއްޗެއް ސީދަލަށް ބުނުމަކީ މިކަމުގެ ހައްލެވެ. އޭގެ އަނެއް ހައްލަކީ ޑޭޓިން ކޯޗުންގެ އެހީ ހޯދުމެވެ. އަންހެނުންގެ ހިތް ފަތަހަކުރުމަކީ އެއީ ހާއްސަ ތަމްރީނެއް ބޭނުންވާ ކަމެއް ނޫންކަން ގަބޫލުކުރަމެވެ. އެކަމަކު، ބައެއް ގުޅުންތައް ނިމުމަކަށް އަންނަނީ ކޮންމެވެސް އެއް ފަރާތަކުން އަނެކާއާއި ދޭތެރޭ ކަންތައް ކުރެވޭ ގޮތް ފުރިހަމަނުވުމުގެ ސަބަބުންކަން ގަބޫލުކުރަންޖެހެއެވެ. މިއީ ރާއްޖޭގައި މުޅިން ބީރައްޓެހި ލަފްޒެކެވެ. އޮންލައިންކޮށް މިފަދަ މާހިރުންގެ ލިޔެކިޔުންތައް ފެންނަން ހުއްޓަސް، ކައުންސެލިން ހޯދުމަކީ އެއީ އަހަރެމެންނަށް ކުރެވިދާނެ ކަމެކެވެ. އަދި އެއީ ލަނދުގަންނަން ޖެހޭ ވަރު ކަމެއްވެސް ނޫނެވެ.
ރީތިވާން މަސައްކަތްކުރަންވީ ކިހާވަރަކަށް؟
ޒީނަތްތެރިވުމުގައި އުޑުގައި ޖެހިފައި ބިމުގައި ޖެހުމަކީ އަހަރެމެން އަންހެނުންގެ އާދައެކެވެ. ބައެއް އަންހެނުން ބުނާ ގޮތުންނަމަ 'ފިރިހެނުން އަހަރެންނާއި ދިމާލަށް ރީއްޗޭ ބުނުމުން ވަރަށް އުފާ' ވެއެވެ. ރީތިވާން މަސައްކަތްކުރުމަކީ އަހަރެމެންގެ ހައްގެކެވެ. ނަމަވެސް ރީތިވާންވީ ހުރިހާ ފިރިހެނުންގެ ތައުރީފު ހޯދަންތޯއެވެ؟ ތިބާ ދެކެ ހަގީގަތަށް ލޯބިވާ މީހަކު ތިބާ އެންމެންނަށް 'ޑިސްޕްލޭ' ކުރަން މަސައްކަތެއް ނުކުރާނެއެވެ. އެގޮތަށް 'ޑިސްޕްލޭ' ވުމުގެ ނިޔަތުގައި 'ޖަރީ'ވެފައިދާ އަންހެނުންގެ ފަހަތުން އެންމެން ދިއުމުން، އެ އަންހެނެއް ދެކެ ސީރިއަސްކޮށް ގަޔާވާ މީހަކު މަދުވާނެ ކަމަށް ފިރިހެނުން ގަބޫލުކުރެއެވެ. ހަތް އުޑަށް ރީތިވާން ބޭނުންވާނަމަ ރީތިވާންވީ ތިމާ މީހާގެ ހިތްހަމަޖެހުމަށްޓަކައި ނޫންތޯއެވެ؟
ނިންމާލުމުގެ ކުރިން އަދި ބުނެލާނަމެވެ. 'ޖެންޓްލްމޭން' އަކަށްވިޔަސް ޖާނާއި މާލުން ގުރުބާންވުމަކީ އެއީ ފިރިހެނުންނަށް އިންސާފެއްބާއެވެ؟ އެމީހުންގެ އިހުސާސްތައް ދަނެ، އެމީހުންގެ ބޮލުގައި އެޅިފައިވާ ޕްރެޝަރ ދަށްކުރުމަކީ މުޖުތަމައުގެވެސް ޒިންމާއެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން