އިސްރާއީލުގެ އުތުރު ސަރަޙައްދުގައި އޮންނަ ހެދޭރާ ސިޓީގެ އޮލްގާ ބީޗުގައި މިޔަރެއް ހަމަލާދީ މީހަކު ގެއްލިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު، ތެލް އަވީވުން އުތުރަށް 40 ކިލޯމީޓަރު ދުރުގައިވާ ސަރަޙައްދެއްގައެވެ.

މި ހާދިސާ ހިނގިއިރު އެތަނުގައި ތިބި މީހުން ހައިރާންވެ ހަޅޭއްލަވާ އަޑު އިވޭ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވެއެވެ. މި ސަރަޙައްދަކީ ކައިރީގައިވާ ކަރަންޓު އުފައްދާ ޕްލާންޓަކުން ހޫނު ފެން ބޭރުކުރާތީ، ޚާއްޞަކޮށް މި މޫސުމުގައި މިޔަރު އެއްވެ އުޅޭ ސަރަޙައްދެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް، އާންމު ގޮތެއްގައި މި ސަރަޙައްދުގެ މިޔަރުތަކަކީ ނުރައްކާތެރި ބާވަތްތަކެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ދަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ސަރަޙައްދުގެ ގޮނޑުދޮށްތައް ވަގުތީގޮތުން ބަންދުކޮށް، އާންމުންނަށް އިންޒާރު ދީފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާއާއި ގުޅިގެން މީސްމީޑިޔާގެ އެކި މަންސަ ތަކުގައި މީހުން ޝުއޫރު ފާޅުކުރަމުން ދާއިރު ގިނަބަޔަކު ދަނީ މިހާދިސާއާއި ގުޅުވާ ﷲ އަށް ހަމްދުކޮށް ޝުކުރު ކުރަމުނެވެ. އެހެނީ އިސްރާއީލުގެ އަނިޔާވެރިންނަށް މިފަދަ ހާދިސާއެއް ކުރިމަތިވުމީ އަނިޔާލިބެމުންދާ މީހުންގެ ހިތްތަކަށް ކުޑަނަމަވެސް އުފާވެރިކަމެއް ގެނުވާނެ ކަމެއް ކަމުގައި ވާތީއެވެ.