އދ. ދަނގެތީގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީންއެވެ.
330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 14،870،413 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށެވެ. އަދި ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމްއަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާކަމަށެވެ.
މީގެ އިތުރުން މިއަދުގެ މި އެއްބަސްވުމާއި އެއްކޮށް، އެމީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށާއި ދަނގެތީ ރައްޔިތުންނަށް މިކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ބިންދަތިކޮށް އުޅެމުންވެސް އައު އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސިކަމަށްޓަކައި ދަނގެތީގެ ކައުންސިލަށާއި، ކައުންސިލްރައީސަށް ޝުކުރު ދަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރިދުވަހެއް ކަމަށާއި، މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ. އަދި މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމުގެ ޝަކުވާބޮޑުކަމަށާއި އެހެން ނަމަވެސް މިއަދު މިއީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސް ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް. އަދި މިއާއެކީގައި ދަނގެތީގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކެއް ހާސިލްވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިކަމަށް ހައްލުހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެކަމަށާއި، މިކަމަށް ހައްލު ހޯދަދެއްވާކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން