ކަރަންފޫ ސަޔަކީ މީރު، ގަދަ ވަހަކާއި އެކު ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކޮށްދޭ ބުއިމެކެވެ. މި ސައި ބުއިމުން ހަށިގަނޑަށް ކުރާ ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމަށް އެހީތެރިވެދިނުމާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުމާއި، ހުންއައުމާއި ގުޅިފައިވާ ބައެއް އަލާމާތްތައް ކުޑަކޮށްދިނުން ހިމެނެއެވެ.

ކަރަންފޫ ސައިގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން މި ސައި ބުއިމުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެއެވެ. މީގެ އިތުރުން، ކަރަންފޫގައި އެކުލެވޭ ޔޫޖެނޯލްގެ ސަބަބުން ހަށިގަނޑުގެ އިންފްލަމޭޝަން ކުޑަކޮށްދެއެވެ. މިކަމުގެ ސަބަބުން ކަށީގައި ރިހުމާއި މަސްގަނޑުތަކުގެ ރިހުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. ބައެއް ހަކީމީ ބޭސްވެރިން ދެކިލައްވާ ގޮތުގައި މިއީ "އޮސްޓިއޯޕޮރޯސިސް" އަށް ރަނަގަޅު ގެވެހި ފަރުވާއެކެވެ.

ކަރަންފޫ ސައި ބުއިމުން އަނގައިގެ ސިއްހަތަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. ކަރަންފޫގައި އެކުލެވޭ އެންޓި-ބެކްޓީރިއަލް އަސަރުގެ ސަބަބުން ހިރުގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، އަނގައިން އަންނަ ނުބައި ވަސް ކުޑަކޮށްދެއެވެ.

ކަރަންފޫ ސަޔަށް ހަކުރު ނާޅަ ބުއިމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކަރަންފޫ ސައި ބުއިމުން އިންސިއުލިންގެ މަސައްކަތް ރަނގަޅުކޮށްދެއެވެ. މިކަމުގެ ސަބަބުން ޚާއްސަކޮށް ހަކުރު ބަލީގެ ބަލިމީހުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ.

ކަރަންފޫ ސައި ބުއިމުން އަންހެނުންނަށް ޚާއްސަ ބައެއް ފައިދާތައްވެސް ކުރެއެވެ. މިގޮތުން މައްސަރުކަންކަން އައުުމާއި ގުޅިގެން އަންނަ ބަނޑުގެ ރިހުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ކަރަންފޫ ސައިގެ ހޫނުކަމާއި މީރުވަހުގެ ސަބަބުން ނަފްސާނީ ގޮތުން ހިތްހަމަޖެހުމެއް ލިބި، ސްޓްރެސް ކުޑަކުރުމަށްވެސް އެހީތެރިވެދެއެވެ.

ހަށިގަނޑު ޑީޓޮކްސް ކުރުމަށާއި ފުއްޕާމޭގެ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް ކަރަންފޫ ސައި އެހީތެރިވެދެއެވެ. ކަރަންފޫގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން ފުއްޕާމެއާއި ފުރަމެއިން ވިހަ ތަކެތި ބޭރުކޮށް، ފުއްޕާމެއާއި ފުރަމޭގެ މަސައްކަތް ރަނގަޅުކޮށްދެއެވެ.

ކަންމިހެން ހުރިނަމަވެސް ކޮންމެ ކަމެއްގައިވެސް މިންގަނޑެއް ގެންގުޅެން ވާނެއެވެ. ކަރަންފޫ ސަޔަކީ އަބަދު ބޯ ބުއިމަކަށް ހެދުމުގެ ބަދަލުގައި ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު މި ބުއިން ބޭނުން ކުރުން ބުއްދިވެރިއެވެ. މިއީ އެ ބުއިމެއް ބުއިމުން ގިނަބަޔަކަށް ތަފާތު ހިތްހަމަ ޖެހުމަކާއި އުފާވެރިކަމެއް ގެނެސްދޭ، ހަށިގަނޑަށް ތާޒާކަން ވެރިކޮށްދޭ މީރު ބުއިމެކެވެ.