ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުތަކާއި އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ޤައުމެކެވެ. އަޅުގަނޑުމެންގެ މާޒީއަށް ބަލާއިރު، ތަރުބިއްޔަތަކީ ޤައުމުގެ ބިންގަލެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދާ މަންޒަރުތަކަކީ ހިތާމަވެރި ކަންތައްތަކެކެވެ. ތަރުބިއްޔަތުކުރުމުގައި ބޮޑުތަނުން މި ގައުމު މިއޮތީ ފޭލިވެފައެވެ. މިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ޤައުމިއްޔަތު ގެއްލި، ދުރޫސުލް އަހުލާގު ނެތިގޮސް، ގައުމުގެ ދިވެހިވަންތަކަމާއި އިސްލާމީވަންތަކަން ފަނޑުވެއްޖެއެވެ. އާދޭހެވެ! އެހެން އިބާރާތަކުން ދަންނަވާނަމަ، ގައުމެއް ނެތެވެ! ދެލޯފުޅާ މަނިއްޕުޅާއެވެ! ގައުމެއް ނެތެވެ!

ދިވެހި ޒުވާން މައިންބަފައިން، މައިންބަފައިންގެ ޒިންމާ އަދާކުރުމުގައި ބޮޑުތަނުން ފޭލިވެއްޖެއެވެ. މަތީ ސަނަދުތަކުން ސަނަދު ނެގިޔަސް، މަތީ މަގާމުތަކުން ޝަހުސިއްޔަތު ބޮޑުކުރިޔަސް، މައިންބަފައިންގެ ދައުރުގައި ހަމަ ހަގީގަތުގައިވެސް ބޮޑުތަނުން ފޭލިވެއްޖެއެވެ. ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ މައިންބަފައިންގެ އެންމެ މުހިންމު ވާޖިބެވެ. ނަމަވެސް، މިއަދު ގިނަ މައިންބަފައިން ވަނީ މަސައްކަތްތަކާއި އަމިއްލަ ދިރުއުޅުމުގެ އުފަލާ މަޖަލުގައި މަޝްޢޫލުވެ، ދަރިންނަށް ވަގުތު ނުދެވި، އެކުދިންގެ ތަރުބިއްޔަތު އިހުމާލުވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުދިން ބޮޑުވަމުން އަންނަނީ ރަނގަޅު އަޚްލާޤާއި އާދަތައް ދަސްނުވެ، މުޖުތަމަޢުގެ ހަމަތަކާ ޚިލާފު ގޮތްގޮތަށެވެ. އައުކަމެއް ދަސްވަންޏާ ދަސްވަނީ ޓިކްޓޮކުންނާއި ޔޫޓިއުބުންނެވެ. އެދަރިންގެ އަމިއްލަ ނަފުސުތައް ތަރުބިއްޔަތު ކުރަނީ ހުޅަނގުގެ ޓީވީ ޗެނަލްތަކުން ދައްކާ އެކި ޒާތްޒާތުގެ އުޅުންތަކާއި ގޮތްތަކަށެވެ.

ތަޢުލީމީ ނިޒާމުގައި ހުރި މައްސަލަތަކަކީ ވަކި ކުޑަ މައްސަލަތަކެއް ނޫނެވެ. މިއަދު ސްކޫލުތަކުގައި ކިޔަވައިދެނީ ހަމަ އެކަނި ދެލިގަނޑެވެ. އަކުރާއި ފިއްޔެވެ! އަޚްލާޤީ ތަރުބިއްޔަތަށް އެކަށީގެންވާ އަހައްމިއްޔަތުކަމެއް ނުދެވެއެވެ. މީގެ ސަބަބުން، ކުދިން ބޮޑުވަމުން އަންނަނީ ޢިލްމީ ގޮތުން ކުރިއަރާފައި ވީނަމަވެސް، އިޖްތިމާޢީ ގޮތުން ނުބައި އާދަތަކާއެކުގައެވެ. މިކަމަކީ ޤައުމުގެ މުސްތަޤުބަލަށް ނުރައްކާތެރި ކަމެކެވެ. ޖަމީލްދީދީ ދުރޫސުލް އަހުލާގު ކިޔަވައިދިން ގޮތް މިއަދުގެ ކުދިންނަކަށް ކަމަކު ނުދެއެވެ. ސުކޫލުތަކުގައި ކޮޅަށް ނެގުމާއި ބޭރަށް ނެރުމާއި ގެއަށް ފޮނުވާލުމަކީ މިއަދު ކުރެވިގެންވާ ކަންކަމެއް ނޫނެވެ! ހައްގުތައް ގިނައީއެވެ! ފުދި އިތުރުވެ އިސްރާފުވެސް ވެއްޖެއެވެ! އެކަމަކުވެސް ހައްގުމިންވަރެއް ލިބުނު މީހަކު ނެތެވެ!

ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން، ކުޑަކުދިންނަށް ވެސް ފަސޭހައިން ލިބެން ހުންނަ ނޭދެވޭ މަޢުލޫމާތާއި މަންޒަރުތަކުގެ ސަބަބުން، ކުދިންގެ ސިކުނޑިތައް ވަނީ ވިހަވެފައެވެ. މައިންބަފައިންނާއި މުޖުތަމަޢުގެ ބޮޑުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ރަށުތެރެއިން ގެސްޓަކު، ނިވައިކަން ކުޑަކޮށް ހުއްޓާ ފެނިއްޖެނަމަ، މައިންބަފައިން ހީވަނީ އެހެންފަދަ ކަމެއް ހެއްނެވެ! ގޭތެރޭގައި އެކުދިން ބަލަމުން ދަނީ ކޮންފާޑެއްގެ، ކޮން ޒާތެއްގެ އެއްޗެހިތަކެއްތޯ ބަލައިލާ މަޔަކު ބަފަޔަކު ނޫޅެއެވެ! ބަލައިލާނެ ވަގުތެއްވެސް ހަގީގަތުގައި ނުވެއެވެ.

އަޅުގަނޑުމެންގެ އަމިއްލަ ސަގާފަތާއި އާދަކާދަތައް ގެއްލެމުން މި ދަނީ އިންތިހާ ހަލުއި އިސްޕީޑެއްގައެވެ. ބޭރުގެ ނުބައި ސަގާފަތްތަކަށް ހިތް ޖެހި، އަމިއްލަ ދީނާއި މިނިވަންކަމާއި ޤައުމިއްޔަތު ގެއްލެމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. މިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ޤައުމީ ވަންތަކަން ގެއްލި، ޤައުމެއް ނެތޭ ބުނާހިސާބަށް މިއަދު މިއޮތީ ކަންތައްތައް ގޮސްފައެވެ!

މި ހުރިހާ ކަމެއްގެ ނަތީޖާއަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަޚްލާޤީ ގޮތުން ދަށްދަރަޖައިގެ ޢަމަލުތައް އިތުރުވެ، ކުށްކުރުން އާންމުވެ، އިޖްތިމާޢީ ގުޅުންތައް ކެނޑި، ޤައުމީ އެއްބައިވަންތަކަން ގެއްލިގެން ދިއުމެވެ. މިއީ ޙަޤީޤަތުގައި ވެސް ޤައުމެއް ނެތް ހިސާބަށް ދިއުމުގެ ނިޝާންތަކެވެ. ތަރުބިއްޔަތުގެ އިހުމާލަކީ ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން ޤައުމިއްޔަތު ގެއްލި، ޤައުމެއް ނެތް ހިސާބަށް ކަންތައްތައް ގޮސްފައިވާކަން ޤަބޫލުކުރަންޖެހެއެވެ. ނަމަވެސް، މިއީ އަޅުގަނޑުމެން އެންމެން ގުޅިގެން ޙައްލުކުރަންޖެހޭ މައްސަލައެކެވެ. ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް މަސައްކަތްކޮށް، އިސްލާމީ އަޚްލާޤާއި ދިވެހި އާދަކާދަތައް ދިރުވައި، ޤައުމީ ލޯބި އާލާކޮށްގެން މެނުވީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު ސަލާމަތެއް ނުކުރެވޭނެއެވެ. އެހެންކަމުން، މިއަދުން މިއަދަށް މިކަންކަމަށް ސަމާލުވެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށަންޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް ފަޚުރުވެރި، ދީނީ އަދި ޤައުމީ ރޫޙު އާލާވެފައިވާ ޖީލެއް ބިނާކުރެވި، ދިވެހި ޤައުމު ދެމިއޮންނާނެއެވެ.