ލޮލުރޯގާއަކީ ވަރަށްފަސޭހަކަމާއެކީ ފެތުރޭ ބައްޔެކެވެ. ހާއްސަކޮށް ކުޑަކުދިންގެ ތެރޭގައި ފެތުރޭ މި ބައްޔަކީ އެ ބައްޔަކާއި މެދު އަޅުގަނޑުމެން ހޭލުންތެރިވެ ތިބުން މުހިންމުބައްޔެކެވެ.
ލޮލުރޯގާ ޖެހެނީ ލޮލުގެ ދުލިފަށުގައި ހުންނަ ކުދި ކުދި ލޭނާރު ތަކުގައްޔާއި އަދި މުޅި ދުލިފަށުގައި ޖަރާސީމު އަށަގަތުމުންނެވެ (އިންފެކްޓްވުމުންނެވެ). މިގޮތައް ޖަރާސީމު އަށަގަތުމުގެ ނަތީޖާއަކީ ލޭނާރުތަކުގެ ކުލަ ރަތްވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ މި ދުލިފަށް ވެސް ރަތްވާ ގޮތް ދިމާވެއެވެ.
މި ބައްޔަކީ ޖަރާސީމަކުން ނުވަތަ ވައިރަހަކުންވެސް ޖެހިދާނެ ބައްޔެކެވެ. މީގެ އިތުރުން ލޮލުގެ އެލާޖިކެއްފަދަ ކަމަކުންވެސް މި ބަލި ޖެހުމަށް މަގުފަހިވެދާނެއެވެ. ބަލިޖައްސުވާ ޖަރާސީމަކަށް ނުވަތަ ވައިރަކަށް އިންސާނާ ހުށަހެޅުމުން އެ ޖަރާސީމެއް ނުވަތަ ވައިރަހެއް އޭގެ މަގާމަށް ދަތުރުކޮށް ޖަރާސީމު އަށަގަތުމަށް މަގުފަހި ކުރުވައެވެ.
ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލޯ ރަތްވުމާއި ކަހާ ހިރުވުން ހިމެނެއެވެ. ލޮލުގައްޔާއި އަދި ބޮލުގައި ރިހުންވެސް ހިމެނެއެވެ. ލޮލުން ފެން އައުމާ ލޮލުގާ މަޑުލުމަކީވެސް މި ބަލީގެ އަލާމާތްތަކެކެވެ.
ފަރުވާ ނުކުރެވި ގިނަދުވަސް ވެއްޖެ ނަމަ މި ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. އެހެނީ ގިނަ ދުވަސްވަންދެން ފަރުވާ ނުކުރެވި ދޫކޮއްލެވިއްޖެ ނަމަ ލޮލުގެ މި ދުލިފަށުގައި އަށަގަނެފައިވާ ޖަރާސީމުތައް ލޮލުގެ އެތެރޭގެ އެހެން ބައިތަކަށް ދަތުރުކުރުމުގެ ފުރުސަތު ބޮަޑެވެ. ކަން މިހެން ހުރުމާއެކީ މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން ވަރަށްވެސް މުހިންމެވެ.
މި ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެގޮތުން ގިނަ ގިނައިން އަތް ދޮވުމާއި، ލޮލުގައި އަތްނުލުމާއި، އަންނައު އަދި ތުވާލިފަދަ ތަކެތި އެހެންމީހުންނާއި ހިއްސާނުކުރުން ހިމެނެއެވެ. އަދި ގިނަ ދުވަސްނުކޮށް އަންނައުނު، ތަންމަތި އަދި ތުވާލިފަދަ ތަކެތި ދޮއުންވެސް ހިމެނެއެވެ. މީގެ އިތުރުން ޒީނަތްތެރި ވުމުގެ ގޮތުން ލޮލުގައި ކުރަހަން ބޭނުން ކުރާ ސާމާނު ތަކާއި ކުޅޭ ކުޅޭ އެސްފިޔަ ފަދަ ބޭކާރު ތަކެތި ބޭނުން ނުކުރުން ވަރަަށްވެސް މުހިންމެވެ.
ލޮލުރޯގާއަށް ޑަކްޓަރީ ފަރުވާގެ އިތުރުން ގޭގައިވެސް ކުރެވިދާނެ ބައެއް ފަރުވާ އެބަހުއްޓެވެ. އެގޮތުން ސާފު ފެނުން ލޯ ދޮއުމާއި ތާފަނާ ކޮށް ނުވަތަ ފިނިކޮށް ލޮލުގައި ބޮނޑިތާން ކުރުން މުހިންމެވެ. ސާފު ފެނުން ލޯ ދޮންނައިރު، ފެނުގެ ތެރެއަށް ކުޑަ ލޮނުކޮޅެއް ލުމަކީވެސް ބައެއް މީހުން ކޮށްއުޅޭކަމެކެވެ. އަދި އެކަމުގައި ލޯ ސާފުވުމަށް އެހީވެސް ވެދޭނޭ ކަމެކެވެ.
ތާފަނާކޮށް ބޮނޑިތާން ކުރާނަމަ ލޮލުގައި ހުންނަ ރިހުމާއި ރަތްކަން ކުޑަވުމަށް އެހީވެދޭނެއެވެ. ހަމައެއާއި އެކު ފިނިކަން ހުރި ފެނުން ބޮނޑިތާން ކުރާނަމަ ލޮލާއި ލޮލުގެ ވަށައިގެންވާ ދުޅަ، ތިރިވެ ލޮލުގެ ރަތްކަން ކުޑަވުމަށް އެހީވެދޭނެއެވެ. މީގެ އިތުރުން އަވި އައިނު އެޅުމާއި ލެންސު ލައްވާ ބޭފުޅެއްނަމަ ލެންސު ނެގުމަކީވެސް މި ބަލި ފަސޭހަ ވުމަަށް އެހީތެރިވެދޭނެ ކަމެކެވެ.
