"އެއްވެސް މީހަކު މަޝްހޫރުކަން ބޭނުންވެގެން ނޫޅުން، އެއީ އަޅުގަނޑުގެ ތަޖުރިބާއިން ބުނެލަން ބޭނުންވާ ވާހަކައަކީ. މަޝްހޫރުކަމަކީ އެހާ ފައިދާހުރި ކަމެއް ނޫން" މިއީ ރާއްޖޭގައި ގިނަ ބަޔަކު ދަންނަ ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހީމް ފަރީދުގެ ދަރިފުޅު، ޢަބްދުﷲ ފަރީދު (އަބޯ)، "ތީރު" އަށް ދިން އިންޓަވިއުއެއްގައި އެންމެންނަށް ދޭން ބޭނުންވި މެސެޖެކެވެ. އޭނާގެ އިންޓަވިއުގައި އަހަރެމެންނަށް ހާމަވެގެންދިޔައީ އަބޯއަކީ އޭނާގެ ޒާތީ އަދި ޕްރޮފެޝަނަލް ހަޔާތް މަސްހުނިނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭ، އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށެވެ. ޝެއިހު ފަރީދުގެ ދެވަނަ ދަރިފުޅު ކަމުގައިވާ އަބޯ ދިން ނަސޭހަތަކީ ސަބަބަކާއި ނުލާ ދިން ނަސޭހަތެއް ނޫނެވެ. ބައްޕަ ދެކެ އިންތިހާއަށް ލޯބިވާ އަބޯ ބުނީ އޭނާގެ ބައްޕައަކީ ވަރަށް ރަނގަޅު މަސައްކަތެއް ކުރާ މީހެއް ކަމަށެވެ. އޭނާގެ ބައްޕައަށް އިހްތިރާމްކުރާ މީހުން ނުހަނު ގިނައެވެ. އެހެނަސް، މަޝްހޫރު ދީނީ އިލްމުވެރިއެއްގެ ދަރިއަކަށްވުމުގެ ސަބަބުން ސްކޫލު ދައުރުގައި އަބޯގެ ބައްޕައާއި ދިމާލަށް މީހުން ފާޅުކުރަން ބޭނުންވާ ހިޔާލުތައް އަބޯގެ ކަންފަތާއި ހަމައަށް ރައްދުކޮށްފައި ވެއެވެ. މިއީ ފަސޭހަ ތަޖުރިބާއެއް ނޫން ކަމަށް އޭނާ މި އިންޓަވިއުގައި ހިއްސާ ކުރިއެވެ.

"ސްކޫލް ދައުރުގައި މެނޭޖްމެންޓްގެ ފަރާތުން ޖައްސާލާ ކަހަލަ ވާހަކަތައް ދައްކާނެ. އެހާ ކުޑައިރު އެކަހަލަ ވާހަކަތައް ދެއްކީމަ ވަރަށް ސަކަރާތްވާނެ، ދެއްތޯ. ކުޑައިރު ވަރަށް ގޮންޖެހުންތައް އައި. ބައްޕައަށް އަންނަ ބައެއް ހަމަލާތައް އާދޭ އަޅުގަނޑަށް ސްކޫލު ދައުރުގައި. ދެން ބުނެލަން ބޭނުންވޭ މިހާރުގެ ކުދިން މަޝްހޫރުކަން ބޭނުންވަނީ މަޝްހޫރުކަމަކީ އެއީ ވަގުތީ އުފަލެއް. ކުރާ މަސައްކަތެއް ކުރަންވާނީ އެކަމެއް ދެކެ ލޯބިވެގެން، މަޝްހޫރުކަން ހޯދުމުގެ ނިޔަތުގައެެއް ނޫން"

އަރަބިއްޔާ ސްކޫލުގައި ކިޔެވި ދުވަސްތައް ފާއިތުވެ، ޒުވާންކަމުގެ ރޫހުގައި އަލަތު ވަޒީފާއަކަށް އޭނާ ކުރިމަތިލީވެސް ޝެއިހް ފަރީދު އިސްކޮށް ހިންގާ ޗެނަލެއް ކަމުގައިވާ އަލްކައުންގަ އެވެ. އެޑިޓް ކުރުމާއި ގްރެފިކްސްއާއި އައިޓީގެ މަސައްކަތްތަކާއި ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ އަބޯއަށް މި ފުރުސަތު ވެގެންދިޔައީ ރަނުގެ ފުރުސަތަކަށެވެ. އެތަނުން އަބޯއަށް މީޑިއާގެ ދުނިޔެއަށް އުފެދުނު ހޭލުންތެރިކަމުގައި އޭނާގެ ހުސްނުވާ ހުނަރުތައް ދަސްވާން ފެށިއެވެ. މިއަދު އެކި އަމިއްލަ މަސައްކަތްތަކުން އާމްދަނީ ހޯދިޔަސް، އަބޯއަށް އެތަނުން ވަނީ ޕްރޮޑަކްޝަނާއި ވީޑިއޯގްރަފީގެ ކުލަތައް ދަސްކުރެވިފައެވެ. އެހާ ހިސާބުން އޭނާގެ ހަޔާތުގެ ދަތުރު މިއަދު ގެންގޮސްފައިވަނީ ވޯކަލް އާޓިސްޓެއްގެ މަންޒިލަށެވެ. މިއަދު އަބޯއަކީ ގިނަ ދަރިވަރުންގެ މުދައްރިސެކެވެ. ހުނަރު ހޯދަން ބޭނުންވާ މީހުންނަށް ހުރި އާރުކާޓީއެއް ހުޅުވަން ތައްޔާރުކުރަމުންދާ ފަރާތެކެވެ. އެއީ އަބޯގެ އަމިއްލަ ސްޓޫޑިއޯކެވެ. ބައްޕަގެ ހެޔޮ ދުއާއާއިއެކީ ބައްޕަގެ ނިވާފަތްގަނޑުން ނުކުމެ، އަމިއްލަ ދިރިއުޅުމެއް ފެށުމުގައި އަބޯއަށްވެސް ގޮންޖެހުންތައް ކުރިމަތިވިއެވެ. މީގެ ކުރިން އޭނާ އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދީ ޓިކްޓޮކްގެ ޒަރީޔާއިންނެވެ. އަބޯ ޓިކްޓޮކް ރީލްތަކުން ފެންނަން ފެށީ 2018 ވަނަ އަހަރުއެވެ. ޓިކްޓޮކްގައި އަބޯ މައިގަނޑު ގޮތެއްގައި ކިޔާފައިވަނީ މަދަހަތަކެކެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ ރަން އަޑުން ކިޔާފައިވާ 100އަށްވުރެ ގިނަ ލަވަތަކަށް ލޯތްބާއި އެއްވަރަށް އެއްބައެއްގެ ނުރުހުންވުންވެސް އަމާޒުވިއެވެ. ހަމަ އެންމެ ސަބަބަކާއި ގުޅިގެންނެވެ. ޝެއިހެއްގެ ލޯބިވާ ދަރިފުޅަކު މިއުޒިކީ މީހަކަށްވުން ބައެއް މީހުންގެ ނަޒަރުގައި އެހާ މުނާސަބު ކަމަކަށް ނުވާތީއެވެ. މިހާރު އަބޯ ދަނީ މަދަހަ ދަސްކުރަން ބޭނުންވާ މީހުންނަށް ވޯކަލް ޓްރެއިނިން ނަގައިދެމުންނެވެ. އަބޯ ބުނީ މި މަސައްކަތުން އޭނާއަށް ރަނގަޅު ނަފާއެއް ލިބޭ ކަމަށެވެ. އެންމެ ފުރަތަމަ މަދަހައާއި ލަވަ ކިޔަން ފެށިއިރު އަބޯއަށްވެސް ވޯކަލް ނޯޓްތައް އުފުލުމާއި ހަމަޖެއްސުމުގައި އުނދަގޫތައް ދިމާވިއެވެ. މިހާރު އޭނާއަށް ކިތަންމެ ހައި ނޯޓެއްވެސް ކިޔާލުން އެއީ ފެންމެޓައެއް ވަރުގެ ކަމެކެވެ. އަބޯ ބުނިގޮތުގައި އޭނާ ވަނީ ޖުމްލަ 60 މަދަހަ މުބާރާތެއްގައި މިހާތަނަށް ޖަޖެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

މިހާރު އަބޯގެ ހުވަފެންތައް ވަނީ މާތް މިސްރާބަކަށް ގޮސްފައެވެ. މިހާރު އަބޯ ވަނީ އޭނާއަށް ލިބިފައިވާ ރީތި އަޑުން ކީރިތި ޤުރްއާން ރީތިކޮށް ކިޔަވާ ގާރީއަކަށްވުމަށް އަމާޒު ހިފާފައެވެ. އަބޯ ބުނީ މީގެ ކުރިންވެސް ގާރީ ކޯހެއްގައި ބައިވެރިވި ނަމަވެސް އަބަދުވެސް ކޮންމެވެސް ކަމެއް ދިމާވެގެން ކޯސް ފުރިހަމަނުކުރެވުނު ކަމަށެވެ. ކޯހުގެ ވާހަކަ ދައްކަމުން އަބޯ ބުނީ އޭނާ މަދަހަ ކިޔަން ދަސްކުރީ އެއްވެސް މީހެއް ކައިރިން ޓްރެއިނިން ނަގައިގެން ނޫން ކަމަށެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ބީޓޮލޮޖީ ސްޓޫޑިއޯއާއި އެއްކޮށެވެ. އެއީ އޭނާގެ އާއިލާއެއްގެ ގޮތުގައި އަބޯ ސިފަކޮށްދިނެވެ. އަބޯ ބުނީ އެއީ އޭނާގެ ކެރިއާ ފެށުނު ހިސާބު ކަމަށެވެ. އަދި އެތަނުންވެސް ވަރަށް ބައިވަރު އެއްޗެހި ދަސްވި ކަމަށް ބުންޏެވެ. 

"މިހިސާބަށް އައީ ވަރަށް ސްޓަރްގްލްކޮށްގެން. އެކި މީހުން މަދަހަކިޔާ އުޅޭގޮތާއި އިންޓަވިއުތައް ބަލާ، ދަސްކޮށްގެން. މިހާރު އަޅުގަނޑު ވާނީ ރާއްޖޭގެ އެންމެ މޮޅު ޕްރޮޑިއުސަރުންނާއި އެއްކޮށް މަސައްކަތްވެސްކޮށްފަ. ފުލް ޓައިމްކޮށް ޕްރެކްޓިސްއަށް ވަގުތު ދިނިން"

އަބޯ ބުނީ އޭނާ ކުރާ ކޮންމެ މަސައްކަތެއްގައިވެސް ދިރާސާކޮށް ސްޓަޑީކުރަން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. މިސާލަކަށް ފިލްމު ބަލާ ހަދާއިރުވެސް އެ ފިލްމެއްގެ ސިނަމަޓޮގްރަފީއާއި ދޭތެރޭ ވަރަށް ވިސްނާ ހަދާ ކަމަށްވެސް އަބޯ ބުންޏެވެ. 

 އަބޯ ބުނީ މަދަހަ ނުވަތަ އެހެން ދާއިރާއަކުންވެސް ކުރިއަށްދާންވާނީ އެކަމެއް ދެކެ ލޯބިވެ، އޮންނަ ޝައުގެއްގެ ސަބަބުން ކަމަށެވެ. އެހެން ނޫނީ، އެ މަސައްކަތަކަށް ކުރެވޭ އިހުތިރާމާއި ފަރުވާ ދަށްވެ، ކާމިޔާބީ ލިބުމަށް ދަތިވާނެ ކަމަށް އަބޯ ބުންޏެވެ. މިއީ މަދަހަ މުބާރާތްތައް ޖަޖްކޮށް، ވޯކަލް ޓްރެއިނިން ދެމުންގެންދާ އަބޯ އޭނާގެ ދަރިވަރުންނަށް ދޭ އެންމެ މުހިންމު މެސެޖެވެ. 

ޓިކްޓޮކްއިން މަޝްހޫރުވި އަބޯގެ ހަޔާތުގެ ގިނަ ކަންކަން ހާމަކުރަން ބޭނުންނުވިޔަސް އަބޯއަކީ މިވަގުތު ވޯކަލް އިންޑަސްޓްރީގައި ފައިތިލަ ހަމަކުރަން ބޭނުންވާ ކުދިންނަށް ހުރި ނަމޫނާއެއް ކަމަށް ބެލެވެ އެވެ. އެއްވެސް މުދައްރިސެއް ނެތި މިހިސާބަށް އަބޯ އައީ ވަރަށް ބުރަ މަސައްކަތުންނެވެ. އޭނާގެ ދަރިވަރުންގެ ފަރާތުން  ލިބޭ އިހުތިރާމަށް އަބޯ ވަނީ ޝުކުރު އަދާކޮށްފައެވެ. ހުނަރު ހުރި ކުދިން މި އިންޑަސްޓްރީއަށް ނެރުމުގައި ކުރިއަށް ދެމިހުންނާނެ ކަމުގެ ޔަގީންކަން އަބޯ ފޯރުކޮށްދީފައި ވެއެވެ.  އިންޓަވިއު ނިންމާލުމުގެ ކުރިން އަބޯ ވަނީ އޭނާގެ އެންމެ ބޮޑު ފޭން އަދި ބެސްޓް ފްރެންޑް ކަމުގައިވާ ޝަކިއްޓެ، ކުޑައިރުއްސުރެ އޭނާއަށް ދިން ދެގޮތެއްނުވާ ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ.