މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ހަތް އިންސައްތަ އިތުރުވެފައިވާކަަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 788،650 (ހަތް ލައްކަ އަށްޑިހަ އަށްހާސް ހަ ސަތޭކަ ފަންސާސް) ފަތުރުވެރިންނެވެ. އަދި އެ މުއްދަތުގައި އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް 6،979 ފަތުރުވެރިން އައިސްފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި އަދަދަކީ މިދިޔަ އަހަރާ ބަލާއިރު 7.5 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު އެ މުއްދަތުގައި 733،577 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 553،940 ފަތުރުވެރިން ރިސޯޓުތަކަށް އައިސްފައެވެ.
ގެސްޓްހައުސްތަކަށް 191.069 ފަތުރުވެރިން އައިސްފައިވާއިރު ހޮޓާތަކަށް އައިސްފައިވަނީ 23،450 މީހުންނެވެ. އަދި ސަފާރީ އުޅަނދުފަހަރަށް 19،689 ފަތުރުވެރިން އައިސްފައިވެއެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އެދުވަހުގެ ނިޔަލަށް ޗައިނާއިން 85،469 ފަތުރުވެރިން އައިސްފައިވާއިރު އެއީ ރާއްޖެ އައި ފަތުރުވެރިންގެ 10.8 އިންސައްތައެވެ.
