ދިވެހި ބޭންޑް '2 އޮފް އަސް' އިން ބައިވެރިވަމުންދާ އިންޑިއާގެ ދޫރްދަރްޝަން ނޭޝަނަލް ޓީވީން ދައްކަމުންދާ 'ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް' މުބާރާތުގެ އެލިމިނޭޝަން ބުރު އިއްޔެ، އޭޕްރީލް 27 ގައި ރަސްމީކޮށް ފަށައިފި އެވެ.

"ޓޫ އޮފް އަސް ބޭންޑް" ގެ ޓީމުން "ތީރު" އާއި ވާހަކަދައްކަމުން ބުނީ ފާއިތުވެދިޔަ ތިން ހަފްތާގައި އެ ބޭންޑުން ހުށަހެޅި ނޭވާހިފަހައްޓާލާވަރުގެ  ހުށަހެޅުންތަކަަކަށްފަހު އިއްޔެ އެލިމިނޭޝަން ބުރު ފަށާފައިވާ ކަމަށެވެ. 12 ބޭންޑް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް ވާދަކުރަމުންދާއިރު ޓޫއޮފް އަސް އަކީ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެންމެ ފުުރަތަމަ ބޭންޑެވެ. 

މި މުބާރާތުގައި ކުރިއަށް އޮތް ރައުންޑްތައް

އޭޕްރީލް 27: އެލިމިނޭޝަން ބުރު ރަސްމީކޮށް ފެށޭ ތާރީހު

އޭޕްރީލް 29: ރާއްޖެ ތަމްސީލު ކުރުމަށް ވަރުގަދަ ޕާފޯމަންސަކާއެކު 2ofus ސްޓޭޖަށް އަރާނެ.

އޭޕްރީލް 30: ނަތީޖާ އިއުލާން ކުރާ ދުވަސް- މި ދުވަހު 6 ބޭންޑް މި މުބާރާތުން ކަޓާނެއެވެ. އަދި  ބާކީ 6 ބޭންޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނެއެވެ. 

މެއި 1: ސެމީ ފައިނަލް ބުރު — އިތުރު ވަރުގަދަ ޕާފޯމަންސް ބުރަކަށް ފަހު 1 ބޭންޑް މުބާރާތާއި ވަކިވާނެ އެވެ.

މެއި 2: ގްރޭންޑް ފައިނަލް — މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ޓޮޕް 5 ބޭންޑް ވާދަކުރާއިރު، ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް 2025 ގެ ޓޮޕް 3 ޗެމްޕިއަނުން ރަސްމީކޮށް އިއުލާން ކުރުމަށް ހަމަޖެހިފައި ވެއެވެ. 

ޓޫ އޮފް އަސް އިން މައުލޫމާތު ދިން ގޮތުގައި އެ ބޭންޑުން ވަނީ އަހަރުތަކެއް ވަންދެން މި މުބާރާތުގައި ވާދަކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮންނަ ތަނުގައި އިތުރަށް ފުރިހަމަ ހުށަހެޅުންތަކެއް ގެނެސްދޭން މަސައްކަތް ކުރަމުންދާއިރު މި ވަގުތުކޮޅު ސަޕޯޓަރުންގެ ވަރަށް ބޮޑު ތަރުހީބެއް ބޭނުންވާ ކަމަށް އެ ބޭންޑުން ބުނެފައި ވެއެވެެ. 

"އަހަރެމެން މިހާރު ފަހަތަށް އެނބުރި ދާވަރަށްވުރެ މާ ދުރަށް އައިސްފިން. މި ދަތުރަކީ އަހަރެމެންގެ ގައުމާއި ސަޕޯޓަރުންނަށްޓަކައި ކުރާ ދަތުރެއް. މުބާރާތް އަދި ކިރިޔާ މި ފެށުނީ. ކޮންމެ ކޯޑެއް، ނޯޓެއް އަދި ސިކުންތެއްގައި ފޭނުންގެ ސަޕޯޓް އަޅުގަނޑުމެންނަށް ބޭނުންވޭ" 

މުބާރާތުގެ ފުރަތަމަ ދުވަސްވަރު ޓޫ އޮފް އަސް އިން އެންމެ ފުރަތަމަ މި މުބާރާތުގައި ހުށަހަޅާފައިވަނީ ދިވެހި ލަވަތަކެކެވެ. އޭގެ ފަހުން މުބާރާތުގެ އުސޫލާއި އެއްގޮތަށް އެ ބޭންޑުން ވަނީ ދެތިން ހިންދީ ލަވަ ހުށަހަޅާފައެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ ބޭންޑުން ވަނީ މަގްބޫލު ހިންދީ ލަވަ "ޗުއްމާ ޗުއްމާ"، ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.