ލޯބީގެ ގޮތުން ދެމީހަކު ގުޅުމުގެ ކުރިންނާއި ފަހުންވެސް، އެތައް ވަޢުދުތަކެއް އަހުދުކުރެއެވެ. ލޯބިވާ މީހަކު ހާސިލުކުރުމަށްޓަކައި، ވަރަށް ގިނަ ސަޅި ބައިސާތައް ކަނޑައެވެ. އެ މީހަކު އާނ ބަސް ބުނާނެހެން ހީވާ ހުރިހާކަމެއް ކޮށްދޭން ބުނެއެވެ. ލޯބިވާ މީހަކު އާނ ބަސް ބުނުމަށްފަހު، ކައިވެންޏާ ހިސާބަށް ދިޔުމާމެދުވެސް ކަން ހިނގަނީ ހަމަ މި މޭރުމުންނެވެ. އުޑުގައިވާ ތަރިތައް ބާލައިގެން ގެނެސްދޭނެކަމަށާއި، ކިތަންމެ ގަދަ ކަނޑެއްގައި ފަތަން ޖެހުނަސް ފަރުވާލެއް ނެތްކަމުގައި ބުނެއެވެ. ކައިވެންޏަށްފަހު، ގެންގުޅޭނީ ބުނިހާ ކަމެއް ކޮށްދީގެންކަމަށްބުނެ ވަޢުދުވެއެވެ. ނަމަވެސް،

މި ދެންނެވި ލޯބީގެ އަހުދުތަކާއި ވަޢުދުތައް ފަތިފައްޗަށް ކުރުމަށްފަހު، އެތައް ކުލައެއް ދެއްކުމަށްފަހު، އެ ކަން ބޮލާލައިޖަހައި، އެ ގުޅުން ނިމުމަކަށް ގެންނަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ ސުކޫލު ދައުރުގައި އެއް ކުލާހަކުން ދިމާވެ، ހިތް ކިޔައި، ލޯބި ހުށަހަޅައި، ކުރިން ބުނި ފަދައިން ވަޢުދުތައް ކޮށް، ލޯބީގެ ގޮތުން ގުޅި، އެ ގުޅުމުގައި ތިން ހަތަރު އަހަރު ހޭދަ ކުރުމަށްފަހު، އެކަން ނިންމާލަނީ ކިތައް މީހުން ހެއްޔެވެ؟ ގިނަ ފަހަރު، ގުޅުން ނިމޭއިރު، އޮންނާނީ ކައިވެންޏާ ހިސާބަށް ގޮސްފައެވެ. ދެ ފަރާތު އާއިލާއަށް އެކަން އެނގިފައެވެ.

ލޯބީގެ ގުޅުންތައް ނިމުމުގައި ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. އެގޮތުން އެންމެ ބޮޑު އެއް ސަބަބަކީ، އިތުބާރެވެ. ތަފާތު ދެ މިޒާޖެއްގެ ދެމީހަކު އެކުގައި އުޅެން މަސައްކަތްކުރާއިރު، އެ ގުޅުމަށް ހިޔަނި އެޅެން ދިމާވާ އެއް ސަބަބަކީ އެއީއެވެ. އެކަކު އަނެކަކަށް އިތުބާރު ނުކުރެވުމެވެ. ޝައްކު ކުރެވުމެވެ. މިޒާޖު ދެނެ ނުގަނެވުމެވެ. އާއިލާ ނުގަބޫލުވުމެވެ. އެކުގައި އުޅޭ ރައްޓެހިން ކަމު ނުދާތީއެވެ. 

އެހާ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ވަކިވާން ޖެހުމުން، ނަފްސާނީ ގޮތުން ބަލިކަށިކޮށްލައެވެ. މިކަން ތަޙައްމަލުކުރަން ޖެހެނީ އެ ގުޅުން ދަމަހައްޓަން ބޭނުންވެފައި ހުންނަ މީހާއެވެ. އެކަމާ ވިސްނާ، ފިކުރުކޮށް މުޅި މީހާ ބައެއް ފަހަރު ދިރިއުޅުން މަތިން ފޫހި ކޮށްލުވައެވެ. ކިތަންމެ ދުވަހެއް ވިޔަސް، ފުރަތަމަ ލޯބިވީ ކުއްޖާގެ މަތިން ހަނދާން ނައްތާލުމަކީ އުނދަގޫކަމަކަށްވަނީ އެހެންވެއެވެ.

ވަޢުދާ ހުވާ ކުރުމަށްފަހު، އެ ހަނދާންތައް ދެމީހުންގެވެސް ހަރުލާ ހުރެއެވެ. ނަމަވެސް، އިސްވެ ގުޅުން ކަނޑާލި ފަރާތުން އެ ހަނދާން ކުރަން ބޭނުން ނުވަނީއެވެ. އެކަމުގެ ހުރިހާ ދެރައެއް އުފުލަން ޖެހެނީ ގުޅުން ދަމަހައްޓަން ބޭނުންވެފައި ހުރި މީހާއަށެވެ.