ސިހުރަކީ ނުބައި ވެގެންވާ ޢަމަލެކެވެ. ސިހުރުގެ ނުބައިކަން މީހުން މެރުމަށް ވުރެއްވެސް ބޮޑެވެ. އެއީ ޝިރުކު ވެވިދާނެ ފަދަ ނުބައިކަން ބޮޑު އަމަލެކެވެ. އެހެނަސް މި ދިވެހި މުޖުތަމައުގައި ވަރަށް ބޮޑަށް ސިހުރުގެ ނުބައި މި ޢަމަލު ވަކި ހިއްޕާލާފައިއެވެ.
ސިހުރުގެ ސަބަބުން އާއިލާތައް ރޫޅުމަށް މެދުވެރިވެއެވެ. މުޖުތަމައުއަށް ނާމާންކަމާއި ބިރުވެރިކަން ވެރިކުރުވައެވެ. ސިހުރުގެ ވޭނާއި ކެކުޅުން ދިވެހި އެތައް އާއިލާއެއް ބަރުދާސްތު ކޮށްފިއެވެ. ކުރީ ޒަމާނުއްސުރެ މި މުޖުތަމައުގައި ސިހުރުގެ ނުބައި ވަބާ ފެތުރެމުން އައިސްފައިވާކަން ތާރީޚް ހެކިދެއެވެ.
ސިހުރު ހެދުމުގައި ގިނަ ފަހަރަށް ދިމާވަނީ ހަސަދަވެރިކަމެވެ. ރުޅިވެރިކަމެވެ. އެހެން މީހަކަށް ހެވެއް ނޭދުމެވެ. ތިމާގެ ދަރިއަށް ވުރެ ކިޔެވުމުގައި ކުރިއަށް ދާނަމަ އެ ކިޔަވާ ކުއްޖާގެ ކިޔެވުން ހަލާކުކޮށްލުމަށް ސިހުރުގެ ބޭނުންކުރެއެވެ. ތިމާގެ ވިޔަފާރިއަށް ވުރެ ވާދަވެރިޔާގެ ވިޔަފާރި ކުރިއަރާނަމަ އެ ވިޔަފާރި ހަލާކުކޮށްލުމުގައި ސިހުރުގެ ބޭނުން ކުރެއެވެ. އާއިލާތައް ކުރިއަރައިގެންދާތަން ބަލަން ހުންނަ ހަސަދަވެރިޔާ އެކަން ހުއްޓުވުމަށް ސިހުރު ހަދައެވެ.
އާއިލީ ގުޅުންތައް ހީނަރު ކުރުވުމަށާއި ދެމަފިރިން ލޯބިން އުޅޭތަން ބަލަން ކުޅަދާނަ ނުވާ މީހާ ސިހުރުގެ ބޭނުންކޮށް އޭނާގެ ހިތްހަމަޖެހުން އެކަމުން ހޯދައެވެ. ގެދޮރު އިމާރާތްކުރުން ހުއްޓުވުމަށާއި އޮޑިދޯނިފަހަރަށް ސިހުރު ހެދުމަކީވެސް ދިވެހި މި މުޖުތަމައުގައި ކޮށްއުޅޭ ކަންކަމެވެ. ސިޔާސީ ގޮތުން ވާދަވެރިން ބަލިކޮށްލުމާއި މީހަކު މާބޮޑަށް ކުރިއަރައިގެން ދާދިއުން ހުއްޓުވުމަށް ސިހުރުގެ ބޭނުން ކުރުމުން އޭނާގެ މުޅި ދިރިއުޅުން މަރު ދުވަހަށް ދާންދެން އެ ވޭނާއި ކެކުޅުމުގައި ހޭދަކުރަން ޖެހެނީ މި ދިވެހި މުޖުތަމައުގެ ކިތައް ފަރުދުން ތޯއެވެ.
ބައެއް ނާދިރު ހާލަތުގައި މާލީ މަންފާއެއް ހޯދުމަށް ވެސް ސިހުރު ހަނދާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. ރާގީން ތެރެއިން ބަޔަކު މިކަން ކޮށް އުޅޭ ކަމަށްވަނީ އެމީހުންގެ އާމްދަނީ ހޯދާނެ މަގެއް ކޮށުމަށެވެ. ސިހުރު ހެދުމަށްފަހު އެ ސިހުރު ބާތިލް ކުރުމަށް އެމީހުންގެ ގާތަށް އަންނަ މީހުން އިތުރު ކުރުމުގެ ކެހިވެރި މަގުސަދުގައެވެ. އެހެން ގޮތަކަށް ބުނާނަމަ ސިހުރުން ސަލާމަތްވުމަށް ބޭނުންވާ ޑިމާންޑެއް އޮތް މުޖުތަމައެއް އުފެއްދުމަށް ބައެއް ރާގީން ސިހުރުގެ ބޭނުން ކޮށްފައިވެސް އެބަހުއްޓެވެ. މިއީ މުޖުތަމައުގައި ހިނގާފައި ހުރި ކަންކަމެވެ. އެހެންކަމުން ސިހުރުގެ ނިވަލުގައި ވެސް ސިއްރެއް ވެއޭ ބުނެވިދާނެއެވެ.
ދީނީ އިލްމުވެރިން ވިދާޅުވާގޮތުގައި ސިހުރުގެ އަސަރުކޮށް އެއިން ގެއްލުން ލިބުން ގާތީ ހަރުދަނާ އީމާންކަމެއް ނެތް މީހުންނަށެވެ. އެހެންކަމުން ސިހުރުން ރައްކާތެރިވުމަށް އިމާންތެރިކަން ވަރުގަދަ ބައަކަށް އަހަރެމެން ވާންޖެހެއެވެ. ހައްގުގޮތުގައި ފައިތިލަ ސާބިތުކުރަން ޖެހެއެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަން ޖެހެއެވެ.
ސިހުރު ޖެހިއްޖެ ނަމަ އޮތް ގޮތަކީ ކޮބައިތޯ އެވެ. އެކަމަށް އޮތް ހައްލަކީ ހުއްދަ ރުޤްޔާކޮށްގެން އެކަމުން ރަނގަޅުވޭތޯ މަސައްކަތްކުރުމެވެ. އެ ގޮތުން، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ޝަރުޢީ ރުޤުޔާގެ އެހީގައި ސިހުރަށް ފަރުވާ ކުރެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން