ފުރާވަރަކީ ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް އެންމެ ނާޒުކު އަދި ޚާއްސަ މަރުހަލާއެވެ. މި މަރުހަލާގައި ކުދިންގެ ހަށިގަނޑަށާއި، ސިކުނޑިއަށް އަދި އިހްސާސްތަކަށް ވަރަށް ގިނަ ބަދަލުތަކެއް އައިސްދެއެވެ. މި ބަދަލުތަކާއެކު އެކުދިންނާއި މުޢާމަލާތް ކުރުމުގައި މައިންބަފައިން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ.
ފުރާވަރުގެ ކުދިންގެ ސިކުނޑިއަށް އަންނަ ބަދަލުތަކަކީ އެކުދިންގެ އުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. މި އުމުރުގައި އެކުދިންގެ އިހްސާސްތައް ވަރަށް ނާޒުކުވެ، ކުދިކުދި ކަންކަމާއި ފަސޭހައިން ރުޅިއައިސް، ހިތްހަމަނުޖެހުންތައް އިތުރުވެއެވެ. މިފަދަ ހާލަތްތަކުގައި މައިންބަފައިން ކެތްތެރިކަމާއެކު އެކުދިންނާ މުޢާމަލާތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫނީ ކުއްޖާ ބޮޑު މީހަކަށްވުމުގެ ކުރިން އޭނާ ގޯސް މަގަކަށް ހުށަހެޅުމުގެ ފުރުސަތު އެއްބައި ހާލަތްތަކުގައި ބޮޑެވެ. ފުރާވަރުގެ ކުދިންނާ ވާހަކަދެއްކުމުގައި މައިންބަފައިން ސަމާލުވާންޖެހޭ ކަންތައްތަކަކީ ވަރަށް މުހިންމު ކަންތައްތަކެކެވެ. އަދި އެކުދިންގެ ނާޒުކު އުމުރުގައި އެކުދިންނަށް ބޭނުންވާ ލޯތްބާއި އޯގާތެރިކަން ދިނުމާއި، އެކުދިންނާ ރަނގަޅު ގުޅުމެއް ބިނާކުރުމަކީ އެކުދިންގެ މުސްތަޤުބަލަށް ވަރަށް މުހިންމު ކަމެކެވެ. މިކަމުގައި މައިންބަފައިންގެ ދައުރު އަދާކުރަންޖެހޭނީ ވަރަށް ހައްސާސްކޮށް ވިސްނުންތެރި ކަމާއި އެކުއެވެ.
އަމިއްލަ ނަފްސަށް އިތުބާރުކުރުވުން
ފުރާވަރުގެ ކުދިންނާ ވާހަކަދައްކާއިރު އެކުދިން ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހައި، އެކުދިންގެ ވާހަކަތަކަށް އަހައްމިއްޔަތުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންގެ ވާހަކަތައް މެދުކަނޑާނުލައި، އިހްތިރާމާއެކު އަޑުއެހުމަކީ އެކުދިންގެ އިތުބާރު ހޯދުމަށް މުހިންމު ކަމެކެވެ. މި އުމުރުގައި މި ޒަމާނުގައި ގިނަވެފައިވާ ފެޝަން ވަބާގައި ޖެހި، ކުދިން އެކުދިންގެ ހަށިގަނޑާއި ބުރުސޫރައާއި ދޭތެރޭ ވިސްނަން ނުޖެހޭ ވަރަށް ވިސްނާނެއެވެ. ކުއްޖާއަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އަމިއްލަ ހަށިގަނޑާއި ރޫފައަށް ހަމްދުކުރާ މީހަކަށް ވާގޮތަށް އޭނާއާއި ވާހަކަދައްކާށެވެ. ފުރާވަރުގެ ކުދިންގެ ޝުޢޫރުތަކަށް އިހްތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންގެ އިހްސާސްތަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުމުން ދުރުހެލިވެ، އެކުދިންގެ ޝުޢޫރުތައް ބަލައިގަތުމަކީ މުހިންމު ކަމެކެވެ.
ފާޑުކިޔުމާއި ޝުއޫރު ފާޅުކުރުން
ފުރާވަރުގެ ކުދިންނާ ވާހަކަދައްކާއިރު އެކުދިންނަށް އަބަދު ފާޑުކިޔަން ނުހަދައި، ސްޓްރެސް މެނޭޖްކުރުމަށް ދަސްކޮށްދޭށެވެ. އަދި ނަފްސާނީ ގޮތުން އެހީ ބޭނުންވާނަމަ، ކައުންސިލިން ނަގައިދޭން ހިތްވަރުދޭށެވެ. އޭގެ ކުރިން ތިބާއަކީ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށް ވިސްނުވައިދީ، އޭނާގެ އިހުސާސްތައް އަޑުއަހާށެވެ. އެހެން ނޫނީ، ކުއްޖާ ތިބާއަށްވުރެ ބޮޑަށް ރަހުމަތްތެރިންގެ މުށުތެރެއަށް ދިއުން އެކަށީގެންވެއެވެ. ފާޑުކިޔުމުގެ ބަދަލުގައި އެކުދިންނަށް ހިތްވަރުދީ، ރަނގަޅު ކަންތައްތައް ފާހަގަކޮށް، އިޞްލާހުކުރަންޖެހޭ ކަންތައްތައް އޯގާތެރިކަމާއެކު ކިޔައިދިނުން މުހިންމެވެ.
އިތުބާރު ބިނާކުރުން
މައިންބަފައިންނާއި ދަރިންނާ ދެމެދު އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންނަށް އިތުބާރުކުރެވޭކަން އިހްސާސްކުރެވޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ސިއްރުތައް ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. ކުއްޖާއާއި ރަހުމަތްތެރިން ތަންތަނަށް ފޮނުވާއިރު ވާނުވާ ބަލާއިރުވެސް އެކުދިންނަށް ކޮންމެވެސް ވަރެއްގެ ޕްރައިވެސީއެއް ދޭން ސަމާލުވާށެވެ. އެހެން ނޫނީ، ގޭތެރޭގައި ޖެހޭ މައްސަލަތައް ގިނަވާނެއެވެ. ކުދިންގެ ރަހުމަތްތެރިން ގެއަށް ގެނެސް، ޕްރައިވެސީ ދޭށެވެ. ކުއްޖާ ކުރާ ކަންކަން ބެލުމުގައިވެސް ހައްދެއް އޮންނަންވާނެއެވެ.
އިންތައް އޮޅުންފިލުވާދިނުން
މައިންބަފައިންނަކީ ދަރިންނަށް ހެޔޮ ނަސޭހަތްތެރިންގެ ގޮތުގައި ތިބެންޖެހޭ ބައެކެވެ. އެކުދިންނަށް ރަނގަޅު ލަފައާއި އިރުޝާދު ދިނުމާއި، އެކުދިންގެ ކަންބޮޑުވުންތަކަށް އެހީތެރިވެދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ތިމާގެ މީހުންނާއި ރައްޓެހިންނާއި ދުރުހިލޭ މީހުންގެ ތެރޭގައި އުޅޭއިރު ވަށައިގެންވާ މާހައުލަަށް ސަމާލުވުމަށް ދަސްކޮށްދޭށެވެ. އެކި ކަންކަމުގެ މިސާލު އޮޅުންފިލުވާދިނުމުން ކުއްޖާއަށް މައިންބަފައިން މިވެނި ކަންކަން އޮޅުންފިލުވާ ދެނީ ކީއްވެގެންކަން ވިސްނޭނެއެވެ. އެއްވެސް ގުޅުމެއްގައި ޖިސްމާނީ އަދި ނަފްސާނީ ގޮތުން 'ޓޮކްސިކް' ކަމެއް ފާހަގަވާނަމަ އަމިއްލަ ނަފްސު ދިފާއުކުރަންވީ ގޮތްތައް ކިޔާދޭށޭވެ. އަދި ރައްކާތެރި ގޮތެއްގައި ސޯޝަލް މީޑިއާ ބޭނުންކުރަންވެސް ކިޔާދިނުން މި އުމުރުގެ ކުދިންނަށް މުހިންމެވެ. ސަބަބަކީ އެ އުމުރުގައި ވަރަށް ގިނަ ކަންކަން ނަޒަރުއަންދާޒުވާގޮތް ވާނެތީއެވެ. އެއާއެކު، އާންމުންގެ ތެރޭގައި ހިތްނުރުހޭ ހާލަތެއް މެދުވެރިވުމުން ދުރުހެލިވާން ކުއްޖާއަށް އޮޅުންފިލުވައިދޭން ވާނެއެވެ. ކުދިންނަށް ޖިސްމާނީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން އަމިއްލަ ނަފްސު ރައްކާތެރިކުރެވޭނެ ގޮތްތައް އަންގައިދިނުން މި ޒަމާނުގެ މައިންބަފައިންނަކަށް ވަކި އުނދަގުލެއް ނުވާނެއެވެ.
ވަގުތު ހޭދަކުރުން
ފުރާވަރުގެ ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންގެ ޝައުޤުވެރިކަން ހުރި ކަންތައްތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ އެކުދިންނާ ގާތްގުޅުމެއް ބިނާކުރުމަށް މުހިންމު ކަމެކެވެ.
ރިޕްރޮޑަކްޓިވް ހެލްތު
ފުރާވަރާއި، މައްސަރު ކަންތައްތަކާއި، ޖިންސީ ގުނަވަންތަކުގެ ސިއްހަތާއި ބެހޭގޮތުން ދަރިން ހޭލުންތެރިކުރުވުމަކީ ވަރަށް ދަށް ކަމެއްގެ ގޮތުގައި މިހާރުގެ ބައެއް ބެލެނިވެރިންވެސް ގަބޫލުކުރެއެވެ. ޢިލްމީ ގޮތުން ޞައްޙަ އަދި އުމުރާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފިއްޔާ ކުދިންނަށް އެ އުމުރުގައި ލިބެންޖެހޭ އެކަށީގެންވާ މައުލޫމާތު އެނގެން ފަސޭހަވާނެއެވެ.
މާލީ ހާލަތު ކިޔާދިނުން
ލަނޑުދަނޑި ކަނޑައެޅުމާއި، ކެރިއަރުގެ އުންމީދުތަކާއި، މާލީ ގޮތުން ފުދުންތެރިވުމަކީ ކޮބާކަން މި ޒަމާނުގައި އެނގުން ލާޒިމެވެ. އެގޮތުން، މައިންބަފައިންގެ މާލީ ހާލަތު ދަރިފުޅަށް އެނގެން ޖެހޭނެއެވެ. ބަޖެޓް ހެދުމާއި، ރައްކާކުރުމާއި، މާލީ ނިންމުންތައް ރަނގަޅަށް ނިންމުމާ ބެހޭގޮތުން މައިންބަފައިން ދަރިފުޅަށް އުކުޅުތައް ދަސްކޮށްދޭން ޖެހެއެވެ. މިއީ ދަރިފުޅުގެ މުސްތަގުބަލާއި ތަރުބިއްޔަތަށްވެސް މުހިންމު ފިޔަވަޅެެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން