ދިވެހި ބޭންޑް '2 އޮފް އަސް' އިން ބައިވެރިވަމުންދާ އިންޑިއާގެ ދޫރްދަރްޝަން ނޭޝަނަލް ޓީވީން ދައްކަމުންދާ 'ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް' މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ކަމަށް އެ މުބާރާތުގައި އިއުލާންކޮށްފިއެވެ.
"ޓޫ އޮފް އަސް ބޭންޑް" ގެ ޓީމުން "ތީރު" އާއި ވާހަކަދައްކަމުން ބުނީ މުމްބާއިގައި ބާއްވަމުންދާ މި މުބާރާތުގައި 12 ގައުމެއްގެ އެކި ބޭންޑްތަކުން ބައިވެރިވި ކަމަށެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރި 6 ޓީމްގެ ތެރޭގައި ޓޫ އޮފް އަސް ބޭންޑްވެސް ހިމެނެއެވެ. ޓޫ އޮފް އަސް މި މުބާރާތުން ޖާގަ ހޯދާފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ދިވެހި މިއުޒިކް ބޭންޑަކަށް ބައިނަލްއަގްވާމީ މިއުޒިކް މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރު ކުރެވުނު ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ލީޑް ވޯކަލިސްޓް އަހްމަދު އަދުހަމް ބުނީ މި މުބާރާތް މިއީ ހަމައެކަނި ޓޫ އޮފް އަސް އިން އެ ޓީމްގެ އަމިއްލަ ބޭނުމަށް ވާދަކުރާ މުބާރާތެއް ނޫން ކަމަށާއި މި މުބާރާތުގައި ހޭދަކުރާ ދަތުރަކީ މިއީ ރާއްޖެއަށްޓަކައި ކުރާ ދަތުރެއް ކަމަށެވެ.
އަޅުގަނޑުމެން ކުޅޭ ކޮންމެ ރާގަކީ އެއީ އެއްވެސް ބަޔަކު އަޅުގަނޑުމެންނަށް ސަޕޯޓްނުކުރިއިރު އަޅުގަނޑުމެންނަށް ބިލީވް ކުރި މީހުންނަށްޓަކައި ކުޅޭ ރާގު. މޮމްބޭގެ ސްޓޭޖެއް ކަމުގައިވިޔަސް އަޅުގަނޑުމެންގެ ހިތް ވަނީ ރާއްޖެއާއިއެކު
މުޅި ބޭންޑުން ބުނީ މި މުބާރާތް ކާމިޔާބުކުރެވިއްޖެނަމަ މިއީ ރާއްޖެއަށްވެސް ލިބޭނެ ކާމިޔާބީއެއް ކަމަށެވެ. އަދި ދިވެހި ކޮންމެ އާޓިސްޓެއްގެވެސް ހުވަފެންތައް ސީދާވާނެކަން ހާމަކުރުމުގެ ބޭނުމުގައި ޓޫ އޮފް އަސް އިން މި މުބާރާތުގައި ބައިވެރިވި ކަމަށް ބުނެފައި ވެއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ޓޫ އޮފް އަސް ދަތުރުކޮށްފައިވަނީ އެންމެ ފަހުން ބޭއްވި އެޕިސޯޑްގައި ހުށަހެޅި ހިންދީ ލަވަ "ވޭ ކަމްލެޔާ" ގެ ހިތްގައިމު ރެންޑިޝަނަށްފަހުއެވެ. ޓޫ އޮފް އަސް އިން އެ ލަވައިގައި ވަނީ އަދުހަމް ކޮމްޕޯޒްކޮށްފައިވާ އަމިއްލަ ރާގެއްގެ ކަނޑިވެސް ހިމަނާފައެވެ. އެ ބޭންޑަކީ އަމިއްލަ އޮރިޖިނަލްތަކާއި ފިއުޝަން ލަވަތައް ގެނެސްދޭ ބޭންޑެއް ކަން ޓޫ އޮފް އަސް އިން ފާހަގަކުރިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މާދަމާ އޮންނާނެއެވެ. އަދި އޭގެ އަނެއް ދުވަހު މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.
މި މުބާރާތުގެ ލައިވް ސްޓްރީމް ދޫރްދަރްޝަން ޗެނެލްގެ އިތުރުން ހިލޭ ޓީވީއާއި ވޭވްސް އެޕް އިން ދައްކާނެއެވެ.