ވަރަށް ކުރީއްސުރެ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފިރިހެނުންނާއި އެއްހަމައެއްގައި އަންހެނުންނަށް ފައިތިލަ ސާބިތުނުކުރެވިގެން އުޅެނިކޮށް ވިޔަފާރީގެ ދާއިރާގައި ނަމެއް ހޯދި އެއް އަންހެނަކަށް ހަމަ ގައިމުވެސް ޖުވެއިރިޔާ ވަޖުދީ ވެފައިވެ އެވެ. ސ. މަރަދޫއަށް ނިސްބަތްވާ ޖުވެއިރިއްޔާ ނުވަތަ ޖުވޭއަކީ އެއް ދުވަސްވަރެއްގައި ގިނަ ގޭގޭގެ ބަދިގޭގައި އެ ނަމެއްގެ ކައްކާ ފޮތްތައް މަޝްހޫރުކުރުވި ކާމިޔާބު ޝެފެކެވެ. ޖުވޭގެ ނަމުގައި އެތައް ނަމެއްގެ އެތައް ރެސިޕީތައް ލިޔެފައިވާއިރު ޖުވޭގެ މޫނަކީ ދިވެހި ޝެފުންގެ ތެރޭގައި އެންމެ މަޝްހޫރުވީ އެއް މޫނެވެ. އެތަކެއް ކައްކާ ޝޯވތަކުގައި ޖުވޭގެ ހުށަހެޅުންތައް ނުފެންނަ އަހަރުތައް މަދެވެ. މީގެ އިތުރުންވެސް އޭނާއަކީ އެކި އަތޮޅުތަކުގެ އެކި އަންހެނުންނަށް ހާއްސަކޮށް ކައްކާ ކޯސްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ޝެފެއްވެސް މެއެވެ. ޖުވޭއަކީ ހަމައެކަނި ޝެފެކޭ ބުނުމަކުން ނުފުދެއެވެ. އޭނާއަކީ އިކޮނޮމިކް މިިނިސްޓްރީގެ މެމްބަރ އޮފް ބިޒްނަސް ކައުންސިލުގެ މެންބަރެކެވެ. ގޭގައި މަސައްކަތްކުރާ އަންހެނުންނަށް ހާއްސަ ޖަމިއްޔާއެއް ކަމުގައިވާ ސަބާހް މޯލްޑިވްސްގެ ނައިބު ރައީސްކަމުގެ  އިތުރުން، ޖުވޭއަކީ އަންހެނުން ބާރުވެރިކުރުމުގެ ގިނަ މަސައްކަތްވެސް ކުރައްވާ ކަނބަލެކެވެ. އެގޮތުން، ޖުވޭއަކީ އައްޑޫ ވިމެން އެސޯސިއޭޝަން (އަވަ) ގެ އެއް ފައުންޑާ މެމްބަރުގެ އިތުރުން، އެ ޖަމުޢިއްޔާގެ ނައިބު ރައީސް ވެސްމެއެވެ.

ކެއްކުމުގެ ރޮނގުން ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ، ޖުވޭވަނީ މިހާތަނަށް ތަފާތުކާނާތަކުގެ ސިލްސިލާ ފޮތްތައް ލިޔުއްވާފައެވެ. މިގޮތުން ޖުވޭ ވަނީ މިހާތަނަށް 10،000 އަށްވުރެ ގިނަ ރެސިޕީ ތައްޔާރުކޮށް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އޭގެތެރެއިން، ޖުވޭގެ އަމިއްލަ ގިނަ ރެސިޕީވެސް ހިމެނޭކަން ފާހަގަކޮށްލަމެވެ.

ޖުވޭގެ މި އުފެއްދުންތަކަކީ، އަނގައަށް މީރު، އަދި ތައްޔާރުކުރުމަށް އެހާމެ ފަސޭހަ، ޖީބަށް ލުއި އަދި އެއްވެސް ބާވަތެއްގެ ކެމިކަލްއެއް އޭގައި ނުހިމެނޭ ޤުދުރަތީ ގޮތުން ލިބޭ ތަކެތީގެ އެހީގައި ތައްޔާރުކުރާ ކާނާ ކަމުގައި ޖުވޭ ބުނެއެވެ. މީގެ އިތުރުން، ޖުވޭ ދަނީ ޖުވޭގެ މި މީރު ކާނާތައް ތައްޔާރުކުރާނެ ގޮތް ކެއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އުންގަންނައިދީ، އެފަރާތްތައް ވެސް މިދާއިރާއިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖުވޭ އަކީ ކެއްކުމުގެ އިތުރުން، އެހެން ހުނަރުތަކުންވެސް ފުރިގެންވާ ހިންގުންތެރި ހީވާގި ކަނބަލެކެވެ. މިގޮތުން، ލިޔުންތެރިކަމާއި، އަތްތެރި މަސައްކަތް ކުރުމަކީ ވެސް ޖުވޭ ވަރަށް ޝައުގުވެރިކަމާއިއެކު ކުރާ މަސައްކަތްތަކެވެ. މިގޮތުން، ކުޑަކުދިންނަށް ޚާއްސަ، ކުޑަކުދިން ކިޔާހިތްވާ ގޮތަށް ޖުވޭ ވަނީ ފޮތްތައް ވެސް ތައްޔާރުކޮށްފައެވެ. އަދި އަތްތެރިކަމުގެ ދާއިރާއިން ޖުވޭއަށް ލިބިފައިވާ ހުނަރު އެހެން މީހުންނަށް އުނގަންނައި ދިނުމުގައި ޖުވޭ ދަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ. މިގޮތުން، މާލޭގެ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ ފަރާތްތަކަށް އަތްތެރިކަމުގެ މަސައްކަތް ދަސްކޮށްދޭ ޕްރޮގްރާމްތައް ވެސް ޖުވޭ ދަނީ ހިންގަމުންނެވެ.

2014 ވަނަ އަހަރު ފާހަގަކުރި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވި "ރެހެންދި އެވޯޑް" ވެސް ޖުވޭ ވަނީ ހާސިލުކޮށްފައެވެ. މީގެއިތުރުން، ޖުވޭގެ ޚިދުމަތްތައް ފާހަގަކޮށް ތަފާތު އެވޯޑްތަކާއި އިނާމްތަކެއް އޭނާއަށްވަނީ ލިބިފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީން ދެއްވި ކަނބައިދި އެވޯޑު އަދި، ބައިނަލްއަގުވާމީ ގިނަގުނަ އެވޯޑުތައް ވެސް ޖުވޭ ވަނީ ހާސިލުކޮށްފައެވެ.

ޖުވޭއާ ބެހޭ މަސައްކަތްތެރިކަމުގެ ވާހަކަތައް ދައްކަންޏާ އެއީ ހުސްވާނެ ވާހަކަތައެއްނޫނެވެ. ޖުވޭ އަކީ މަސައްކަތްތެރި، އުފެއްދުންތެރި، އަދި ހަޔާތުގައި ކިތައްމެ ބުރަކޮށް އުޅެންޖެހުނު ކަމުގައި ވިއަސް ތިމާ އަދި އެހެން މީހުން ބާރުވެރިކުރުވުމުގައި ފަސްނުޖެހި ކުރިއަށްދާ ހިތްވަރުގަދަ ނަމޫނާ ކަނބަލެކެވެ.

ޖުވޭރިޔާގެ ކެއްކުމުގެ ދަތުރު ފެށުނީ ކުޑައިރުއްސުރެ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރުމާއެކު، އޭނާގެ މަންމަގެ ފަރާތުން ލިބުނު ހިތްވަރާއި އެހީތެރިކަމާ އެކުގައެވެ. ޕްރޮފެޝަނަލް ޝެފަކަށް ވުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް އޭނާ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2013 ވަނަ އަހަރު "ޖުވޭސް ކެފޭ" ގެ ނަމުގައި އޭނާގެ ފުރަތަމަ ވިޔަފާރި ފެށިއެވެ.

ޖުވޭސް ކެފޭގެ ފުރަތަމަ ގޮތްޕަކީ މާލޭގެ މެދުގައި ހުޅުވުނު ކުޑަ ކެފޭއެކެވެ. ނަމަވެސް، އޭނާގެ ޚާއްޞަ މެނޫއާއި، ފެންވަރު ރަނގަޅު ޚިދުމަތުގެ ސަބަބުން، މި ކެފޭ އަކީ ކުރު މުއްދަތެއްގެ ތެރޭގައި މާލޭގެ އެންމެ މަޤްބޫލު ކެފޭތަކުގެ ތެރެއިން އެއް ކެފޭ އަށް ވެގެން ދިޔައެވެ.

ޖުވޭރިޔާގެ ބްރޭންޑްގެ ދަށުން މާލޭގައި 3 ރެސްޓޯރެންޓް އަދި ކެފޭ ހިންގާފައިވެ އެވެ. މީގެ ތެރޭގައި މަޝްހޫރު ޖުވޭސް ކެފޭވެސް ހިމެނެއެވެ. މި ތަނުގެ ޚާއްޞަކަމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ކާނާ، ދިވެހި ރަހައާ އެކު ތައްޔާރުކޮށްދިނުމެވެ.

ޖުވޭރިޔާގެ ކާމިޔާބީގެ އަނެއް ސިއްރަކީ އޭނާގެ އުފެއްދުންތެރި ވިސްނުމާއި، ކަސްޓަމަރުންގެ ބޭނުންތަކަށް އަބަދުވެސް އިސްކަންދިނުމެވެ. އޭނާގެ ރެސްޓޯރެންޓްގައި ޒަމާނީ ކެއުމުގެ ޓްރެންޑްތަކާ އެއްގޮތަށް އައު މެނޫތައް ތަޢާރަފުކުރަމުން ގެންދެއެވެ.