އަހަރުމެންނަށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. މިހާރުގެ ނަމަ މީސްމީޑިއާއިންނެވެ. ކުރިންނަމަ، ދޭދޭ މީހުން ދައްކާ ވާހަކައިންނެވެ. ދަންނަ މީހަކު މަރުވުމުން އެމީހެއްގެ ހުރި ރަނގަޅު ވާހަކަ ދެއްކުމެވެ. ކުރީގައިނަމަ، މީހަކު މަރުވި ޚަބަރު ލިބިއްޖެނަމަ، ދެމީހަކު ބައްދަލުވުމުން މަރުވި މީހާގެ ރަނގަޅު ވާހަކަ ދައްކައި، އެމީހަކަށް ތަޢުރީފުކުރެއެވެ. އެމީހަކު ދުނިޔޭގެ ހަޔާތުގައި ކުރި ހެޔޮ ކަންތައްތަކުގެ ވާހަކަ ދައްކައެވެ. މިހާރު ނަމަ، ދަންނަ މީހަކު މަރުވި ޚަބަރު މީސްމީޑިއާގެ މަންސައެއްގައި އޮތްތަން ފެނުމުން އެ ޕޯސްޓަކަށް ކޮމެންޓް ކޮއްލައެވެ. ހެޔޮ ދުޢާއިންނެވެ. އަދި އެއީ ތިމާ އެ މީހަކާއެކު އެއްވެސް ތަޖުރިބާއެއް ކުރެވިފައިވާ މީހެއްނަމަ، އެމީހަކާ ބެހޭ ގޮތުން ހެޔޮ ބަސްތަކުން ބަރުތީލަކޮށް ޕޯސްޓްތައް ކުރެއެވެ. އެއީ ރަނގަޅު މީހެއްކަން އެހެން މީހުންނަށް އެންގުމަށްޓަކައެވެ.

ނަމަވެސް، މަރުވި މީހާ ދުނިޔެމަތީގައި ދުވަސްތައް ހޭދަކުރަމުން ދިޔައިރު، އެމީހާ ތަޙައްމަލުކުރަމުންދިޔަ އެއްވެސްކަމެއް ތިމާ ދުށިން ހެއްޔެވެ؟ އުފުލަމުންދިޔަ ވޭން ހިތަށް ގެނެސް، އެކަމަށް ތަސައްލީއެއް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް ކުރިން ހެއްޔެވެ؟ އެމީހަކު ދުނިޔެމަތީގައި އުޅެމުންދިޔަ ގޮތް ރަނގަޅުވެގެން އެކަން ފާހަގަކޮށްލިން ހެއްޔެވެ؟ ތަޢުރީފެއް ކޮށްލިން ހެއްޔެވެ؟ އޭނާގެ ރަނގަޅު ވާހަކަ އެހެން މީހެއް ކައިރީގައި ބުނެލިން ހެއްޔެވެ؟ ރަނގަޅަށް އުޅޭތީ، ހެޔޮ ކަންކަން ކުރާތީ، ރަނގަޅު ގޮތް މިންވަރު ކޮށްދިނުމަށް އެދި ދުޢާ ކުރިން ހެއްޔެވެ؟

ނޫނެކެވެ. އެ މީހަކު ދުނިޔެމަތީގައި ހޭދަކުރި ދުވަސްތަކަކީ، ތިމާ ދަންނަ މީހަކަށް ވިޔަސް ބީރައްޓެއްސެއްފަދައެވެ. އާއިލާ މީހަކަށް ވިޔަސް ދުރުހިލޭ މީހެކެވެ. ދެކެފަރިތަ މީހަކަސް، ދެކެން ބޭނުން ނުވާ މީހެކެވެ. ތަޢުރީފެއް ކުރެވެން އޮތްތަނެއްގައިވެސް ހޯދުނީ އެމީހެއްގެ ކުށެވެ. އެމީހަކު ކުރާ ހެޔޮކަންތައް ފާހަގަ ކޮށްލެވެން އޮއްވާވެސް ކުރެވެނީ މަލާމާތެވެ. ފުރައްސާރައެވެ. އެމީހެއްގެ ދިރިއުޅުމުގައި ދަތި އުނދަގުލާ ތުރާ ތަޖުރިބާ ކުރަމުންދާކަން އެނގިހުރެ، ދެލޯ ކަނު މީހަކަށްވެ ހުރެވުނީއެވެ. ކުރި އާދޭހާއި، ކެކުޅުމުގެ އަޑު ނީވޭހާ ކަންފަތް ބީރު މީހަކަށްވީމުއެވެ. އެއް ފުރާޅެއްގެ ދަށުގައި ނިދާ، ކައިބޮއެ ދުވަސްތައް ހޭދަކުރަމުން އަޔަސް، އެއީ ދުވަހަކު ނުދެކޭ ދެ ބީރައްޓެހިން ފަދައިންވީމުއެވެ.

އެ ހުރިހާކަމެއް ހަނދާންނެތި، މީހާގެ އަސްލު ސޫރައަށް ބަލައިލެވެނީ މި ފަނާކުރަނިވި ދުނިޔެއާއި އިންސާނާ ވަކިވާ ވަގުތުއެވެ. މަރުގެ ޚަބަރު ލިބުމުންނެވެ. އެއީ އެއްކަލަ މިވެނި މީހާއޭ ހިތަށްވެސް އަރަނީ ކަށުނަމާދުގެ ޚަބަރު ރަށުތެރޭގައި ފެތުރުމުންނެވެ. އޭރު މި އޮންނަނީ ވަގުތު ފާއިތުވެފައެވެ. އެމީހަކު ކައިރީ ދިރި ދުނިޔޭގައި ހުއްޓާ ބުނަންޖެހޭ ހާސް ވާހަކަ، ނުބުނެވި ހުއްޓާ އެ މީހާގެ ހަޤީޤީ ދަތުރަށް ފުރީއެވެ. ހިއްސާ ކުރަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުއްޓާ އަލްވަދާޢުކީއެވެ. 

މިއީ މި ދުނިޔޭގެ އާދައެވެ. މީހެއްގެ ރަނގަޅު ވާހަކަ އެމީހަކު ދިރި ދުނިޔޭގައި ހުއްޓާ ބުނާށެވެ. ލޯބިވާ ވާހަކައެވެ. ކޮށްދިން ރަނގަޅު ކަންތައްތަކުގެ ވާހަކައެވެ. ކުރަމުން އައި ރަނގަޅު ކަންތައްތަކުގެ ވާހަކައެވެ. އެހެނީ އަޅާލެވޭނީ ދުނިޔޭގައި ހުއްޓައެވެ. މަރުވުމުން ނުދަންނަ މީހާވެސް ސަންދޯކު އެއްކޮޅުގައި ހިފާނެއެވެ.