އަހުމަދު އަދުހަމް ދިވެހިންގެ މެދުގައި މަޝްހޫރީ އެކި ގޮތްގޮތުންނެވެ. އަދުހަމަކީ ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ކުޅޭ ބާސްކެޓްބޯޅަ ކުޅުންތެރިއެކެވެ. އަދުހަމް ބުނިގޮތުގައި އޭނާ ވަނީ ޔޫރަޕްގެ ބާސްކެޓްބޯލް ލީގަކަށް ކުޅުނު ހަމައެކަނި ދިވެހި ކުޅުންތެރިޔާގެ މަގާމު ހާސިލުކޮށްފައެވެ. މިއީ ބާސްކެޓްގެ ދުނިޔޭގައި އަދުހަމް މަޝްހޫރުވި ގޮތެވެ. މިއަދު އޭނާ މަޝްހޫރުވެފައިވަނީ މުޅިން އެހެން ދާއިރާއެއްގެ ހުނަރުންނެވެ. އެއީ މި މަހުގެ މެދުތެރޭގައި އިންޑިޔާގެ ގައުމީ ޓީވީ ދޫރްދަރްޝަން އިން ގެނެސްދިން "ބެޓްލް އޮފް ދަ ބޭންޑްސް" އިން ތިންވަނަ ހޯދި "ޓޫ އޮފް އަސް"ގެ މެއިން ވޯކަލިސްޓްގެ ގޮތުގައެެވެ. އެހެނަސް ޓޫ އޮފް އަސް އިން މަޝްހޫރުވުމުގެ ކުރިން އަދުހަމްގެ ހަޔާތުގައި ތަފާތު އެކި އަޑިގުޑަންތައް ކަނޑައްތުކުރަން ޖެހުނެވެ. ޕްރައިމަރީ ސްކޫލު ދައުރުގައި އޭނާ މަޝްހޫރުވީ ކުލާހުން ބޭރުގައި ގޮނޑި މޭޒު ޖަހައިގެން ކިޔަވަން ޖެހުނު ދަރިވަރުގެ ގޮތުގައެވެ. 

ކިޔެވުމަށްވީ ލޯބިން އުނދަގުލެއް

މާލެެއަށް އުފަން އުމުރުން 35 އަހަރުގެ އަަދުހަމް ޕްރައިމެރީ ގްރޭޑްތަކުގެ ކްލާހުން ބޭރަށް ނެރުނީ ކޮންމެހެން އޭނާ ބަސްނާހާ ވަރުން ކަމަށް ހީވެދާނެއެވެ. އެކަމަކު މިއީ އެއްގޮތަކަށްވެސް ކަން ހިނގިގޮތް ނޫން ކަން އަދުހަމް ކިޔައިދީފައިވެއެވެ. އަދުހަމް ކުލާހުން ބޭރަށް ނެރެފައިވަނީ އޭނާ ކްލާސް ޓީޗަރުން އަރިހުން ނޭނގޭ ސުވާލުތަކަށް މައުލޫމާތު ހޯދަން ބޭނުންވެފައިވާ ވަރުންނެވެ. ކިޔަވަން ހިތްޖެހިފައިވާ ވަރުންނެވެ. ސްކޫލުގައި އުޅުނުއިރު ހުރިހާ ކުޅިވަރަކާއި ހަރަކާތެއްގައި ބައިވެރިވީ ދަރިވަރެއްވެސް މެއެވެ. "ހަމަ ކިޔަވާ ހިތްވާވަރުން ކަންކަމާއި ފުންކޮށް ވިސްނާލެވޭ ވަރުން ޓީޗަރުންނާއި ފިލާވަޅާއި ގުޅުންހުރި ސުވާލުކުރެވެނީ. އޯ ލެވެލްގައި ގަދަ 10 ގައި ލައްވާލީ އަޅުގަނޑު ވަރަށް މަސައްކަތުން." އަދުހަމް ބުނީ އެފަދަ ހިތްނުރުހޭ ކަންކަން ތަޖުރިބާ ކުރަން ޖެހުނަސް، އެހެން މީހުން އެތަޖުރިބާތައް ނުވުމަށް އޭނާ އެދޭ ކަމަށެވެ. އެހެންކަމުން، އަދުހަމް އެހެން މީހުންނަށް އެހީވެ އުޅޭ ކަމަށްވެސް ބުންޏެވެ. 

ބާސްކެޓްގަައިވެސް ނުފޫޒު

އެހާ ހިސާބުން އަދުހަމް ފެށީ ބާސްކެޓްބޯޅައިގެ ދުނިޔޭގައި އޭނާގެ ހުނަރު ބޭނުންކުރާށެވެ. އެހެނަސް އެ މަސައްކަތަށް ނުކުތުމުގައިވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށް އަދުހަމް ބުންޏެވެ. އަދުހަމް ބުނިގޮތުންނަމަ ތަފާތު އެކި ސަބަބުތަކާއި ގުޅިގެން އޭނާ ގައުމީ ބާސްކެޓްބޯޅަ ޓީމްގެ 4 ސިލެކްޝަނަކުން ބޭރުކުރިއެވެ. އަދުހަމް ކިޔައިދިން ގޮތުގައި އޭނާ ބާސްކެޓްބޯޅަ ޓީމުން ބޭރުކުރުމުގައި ސިިޔާސީ ނުފޫޒެއްވެސް އޮތް ކަމަށް ލަފާކުރެވެއެވެ. "މުއްސަނދި އާއިލާއަކުން އައިސްފައި ނެތީމަ" ކަމަށެވެ.

އަދުހަމް ބުނީ އޭނާ ކުރި ހިތްވަރާއިއެކު އޭނާ ވަނީ ޔޫރަޕްގެ ޓީމެއްގައިވެސް ބާސްކެޓް ކުޅެފައެވެ. މިއަދު މިއުޒިކްގެ ދުނިޔެއިން ބޮޑު ކާމިޔާބީއެއް ލިބުނަސް، އަދިވެސް ބާސްކެޓްގެ ދުނިޔެއިން މުސްކުޅި ކުރަންދެން އޭނާ އެ ކުޅިވަރުގައި ދެމިހުންނާނެ ކަމަށް ބުނެފައި ވެއެވެ.

ވިޔަފާރީގެ ލޮޅުމުން ކާމިޔާބަށް 

މިހިސާބަށް މިިކިޔައިދިނީ ކެމާ އަލިފުޅުގެ ކާފަ ދަރިފުޅެއް ކަމުގައިވާ އަދުހަމްގެ ޕްރޮފެޝަންގެ ވާހަކައެވެ. އެކަމަކު އަދުހަމަކީ ކާމިޔާބު ވިޔަފާރިތަކެއް ހިންގާ މީހެއްކަން އެނގެނީ ކިތައް މީހުންނަށްބާއެވެ؟ ހާފް ކޯޓް މޯލްޑިވްސްގެ ނަމުގައި އުފެއްދި މަސައްކަތަކީ ރާއްޖޭގައި އެންމެ ފުރަތަމަ ލައިވްސްޓްރީމިން ފެއްޓި ކުންފުންޏެކެވެ. މިއީ އަދުހަމްގެ އުފެއްދުމެކެވެ. މީގެ އިތުރުންވެސް، އަދުހަމަކީ ފޮޓޯގްރަފީއާއި ވީޑިއޯގްރަފީ ޕްރޮޑަކްޝަން ހައުސް މަސައްކަތްތައްވެސް ކުރާ ފަރާތެކެވެ. އަދި އިވެންޓްތަކުގެ މަސައްކަތްވެސް ވިޔަފާރި އުސޫލުންކޮޮށް ހަދަައެވެ. އެއާއެކު، ސަންގު ޓީވީގައި ކޮންޓެންޓް ޑިރެކްޓަރެއްގެ ގޮތުގައިވެސް އޭނާ މަސައްކަތްކޮށްފައި ވެއެވެ. އެހެނަސް، ވިޔަފާރީގެ ދާއިރާއިންވެސް  އޭނާއަށް އަޑިގުޑަންތަކާއި ކުރިމަތިލާން ނުޖެހި ފަރުނުޖެހުނެވެ. 

"އެންމެ ކައިރީގައި އުޅުން ބަޔަކަށް ދެވުނު އިތުބާރެއްގެ ސަބަބުން އަޅުގަނޑަށް ވަރަށް ބޮޑު ގޮންޖެހުމެއް ކޮވިޑްގެ ދުވަސްވަރު ކުރިމަތިވި. 7 މިލިއަން ރުފިޔާގެ ބޮޑު ވިޔަފާރީގެ ދަރަންޏެއް ބޮލުގައި އަޅަން ޖެހުނު. އެއީ އަޅުގަނޑު އެކަނި ހިފަންޖެހޭ ބުރައެއް ނޫން. އެކަމަކު އެވަގުތު ޒިންމާ ނަގާނެ އެއްވެސް ފަރާތެއް ނުވި. ނަމަވެސް އިރާދަކުރެއްވީތީ މިހާރު އެ ދަރަނީގެ ބޮޑު ބަޔެއް ދައްކާ ހަލާސްކުރެވިއްޖެ" އަދުހަމް ބުނީ އެއީވެސް ހަމަ ތަޖުރިބާއެއް ކަމަށް ބަލާ ކަމަށެވެ. 

ދެން މިހިސާބުން އަދުހަމްގެ މިއުޒިކް ކެރިއާއާއި ދިމާލަށް ދަމާހެއްޔެވެ. އަދުހަމް އެންމެ ފުރަތަމަ ލަވަކިޔަން ފެށީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް ބާސްކެޓް ކެރިއަރަށް ވަގުތު ހުސްކުރުމަށްޓަކައި އޭނާ ވަނީ ލަވަކިޔުން މެދުކަނޑާލާފައެވެ. ދެން 2022 ވަނަ އަހަރު އަދުހަމް އަލުން ލަވަކިޔަން ފެށީ ވަރުގަދަ އަޒުމަކާއިއެކުއެވެ. އެ އަޒުމްގެ ދަށުން އޭނާގެ ބޭންޑް، ޓޫ އޮފް އަސް އިން ވަނީ 12 ގައުމެއްގެ ބޭންޑްތަކާއި ވާދަކޮށްގެން ވަރުގަދަ ކާމިޔާބީއެއް ހޯދުމުގައި ދައުރެއް އަދާކޮށްފައެވެ. އަދި ޓޫ އޮފް އަސް އިން މުބާރާތުގެ ގަދަ 3 ކަށަވަރުވުމުން ފްރާންސްގެ ކާންސްގައި ލަވަ ހުށަހެޅުމުގެ ފުރުސަތު އެ ހުނަރުވެރި ބޭންޑަށް ލިބުނު ކަމަށް އަދުހަމް ހާމަކޮށްފައި ވެއެވެ. ވީމާ، އަންނަ އޮކްޓޫބަރ މަސް ތެރޭގައި ޓޫ އޮފް އަސް އިން ހޮލީވުޑްގެ މަޝްހޫރު ތަރިން ފެނިގެންދާ ކާންސް ފެސްޓިވަލްގައި ހުށަހަޅާނެކަމަށް އަދުހަމް މައުލޫމާތު ދިނެވެ.

ޓޫ އޮފް އަސް އިން ބެޓްލް އޮފް ދަ ބޭންޑްސް މުބާރާތުގައި ވާދަކުރުމުގެ ކުރިން އަދުހަމަށް ވަނީ އިންޑިޔާގެ ރިކޯޑިން ލޭބަލްއަކާއި އެއްކޮށް އޮރިޖިނަލް ހިންދީ ލަވަތައް ހިމެނޭ އަލްބަމެއްގެ މަސައްކަތުގެ ފުރުސަތު ލިބިފައެވެ. އަދުހަމް ބުނީ މިކަމުގެ އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތަސް އޭނާއަށް ސޯލޯކޮށް މަސައްކަތްކުރުމުގެ އެކި ފުރުސަތުތައް މިހާރު ލިބެމުންދާ ކަމަށެވެ. އަދުހަމް ބުނީ މިއުޒިކް ދާއިރާއިން އިތުރަށް ކުރިއެރުމުގެ ގޮތުން ކޯސްތަކުގައިވެސް ބައިވެރިވާނެ ކަމަށެވެ. ކޯހުގެ ވާހަކަ ދައްކާއިރު އަދުހަމަކީ ބިޒްނެސް މެނޭޖްމެންޓް އެންޑް މާކެޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަންނާނެެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

އެއާއެކު، އެކްޓިންއަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތަސް، އަދުހަމަަށް ބޮލީވުޑް ފިލްމެއްގައި ސެކަންޑް ލީޑް ނުވަތަ ސަޕޯޓިންގ ރޯލްއެއް ކުޅުމުގެ ފުރުސަތު ލިބިފައިވާކަން އޭނާ އަހަރެމެެންނަށް ހާމަކޮށްދިނެވެ. ހިންދީ ކޮމެޑީއެއް ކަމުގައިވާ މިފިލްމުގައި އެކްޓް ކުރުމަށް ވިސްނަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ.  ކޮންމެއަކަސް، އަދުހަމް މިހާތަނަށް ކުރި އެއްވެސް މަސައްކަތަކީ ނަން މަޝްހޫރުވުމުގެ ބޭނުމުގައި ކުރި މަސައްކަތްތަކެއް ނޫނެވެ. ފާޑުކިޔުންތައް ބަލައިގަތުމަކީވެސް އަދުހަމް ގެންގުޅޭ އުސޫލެކެވެ. " ހަމަ ޝައުގު ހުންނަވަރުން އަޅުގަނޑު މަސައްކަތްކުރަނީ. ކޮންމެ ކަމެއްވެސް ކުރަންވާނީ ގަދައަޅާ މަސައްކަތްކޮށްގެން" އަދުހަމް ބުންޏެވެ. 

އަދުހަމްގެ ކޮންމެ ހުށަހެޅުމެއްގައިވެސް އެކްޓިންގެ މޮޅުކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް އަދުހަމް ބުނާގޮތުންނަމަ އެއީ އެކްޓިންއެއް ނޫނެވެ. އެއީ އޭނާ "އަސްލުވެސް އުޅޭގޮތެވެ". ނުވަތަ މިޒާޖު ހުންނަ ގޮތެވެ. 

 

ތަފާތު އެކި އިޝްތިހާރުތަކުންނާއި އެކި ފެނިލުންތަކުގައި ބޮލުގެ އިސްތަށިގަނޑުގައި އެކި ކުލަތައް ޖައްސަމުންދާ އަދުހަމް، މީގެ ކުރިން ބުލީންގެ ޝިކާރައަކަށްވީ ނަމަވެސް އޭނާއަކީ ފަސްއެނބުރި ބަލާ މީހެއް ނޫންކަން ގަބޫލުކުރެވޭނެ ކަމާއި ދޭތެރޭ ޝައްކެއް ނެތެވެ. އުމުރުން 3 އަހަރުގެ ތުއްތު އަންހެން ކުއްޖެއްގެ ޒިންމާ އުފުލަމުންދާ އަދުހަމް ބުނީ ހަމަ އެންމެ ވާހަަކައެކެވެެ. 

"ގޮންޖެހުމަކާއި ނުލާ އެއްވެސް މީހެއް 'މީހަކަށް' ނުވާނެ. ގޮންޖެހުންތައް ކުރިމަތިވުމުން މީހާ ޕާފެކްޓް ވެވޭނެ. ގޮންޖެހުމެއް ކުރިމަތިވީމަ މުހިންމީ އެކަމަކުން އަރައިގަންނަން މަސައްކަތް ކުރުން. އެންމެ ބޮޑެތި އިމްތިހާންތައް ކުރިމަތިވާނީ އެކަންކަމުން އަރައިގަންނަން މަސައްކަތްކުރާނެ މީހުންނަށް ކަންނޭނގެ. އެހެންވީމަ، ވަރަށް ޕޮޒިޓިވްކޮށް ކަންކަމާއި ވިސްނާ، އެކަމާއި ފައިޓްކުރުމުން އެހެންވެގެން އަޅުގަނޑަށްވެސް މިހިސާބަށް މިއަދު އާދެވުނީ"