ރާއްޖެ މިދަނީ ހަލުވި ދުވެލީގައި ތަރައްޤީ ވަމުންނެވެ. ކުރިއަރަމުންނެވެ. ބުރިޖްތަކާއި ލިންކްރޯޑްތައް ހެދެމުންނެވެ. ހައިވޭތަކާއި ކޯޒްވޭތައް ގާއިމްކުރެވެމުންނެވެ. ރަށްރަށުގައި ބަނދަރުތަކާއި މަގުތައް ހެދެމުންނެވެ. ރަށްތައް ހިއްކާ ރިވެޓްމެންޓްޖަހާ ބޮޑުހިލައިގެ ތޮށިތައް ލެވެމުންނެވެ. މިއަދު އަހަރެމެން އެންމެން މިތިބީ ނުހަނު އުފަލުންނެވެ. ދުވަހަކު ނުދެކޭ ތަރައްޤީ ކޮންމެ ރަށަކަށް ވެސް އަންނަމުން ދާތީއެވެ. އަހަރެމެން ރަށްތަކަށް ކުރިއެރުން އަންނަމުން ދާތީއެވެ. 

ސަރުކާރުތަކަށް ވެސް ރަށްރަށް ތަރަށްޤީ ކުރުމަށް އޮންނަނީ މަޖުބޫރުވެފައެވެ. ރަށްރަށުގެ ރައްޔިތުން އެ ކަންކަމަށް ޑިމާންޑް ކުރާލެއް ބޮޑުކަމުންނެވެ. މިގެންނަ ތަރަށްޤީގައި މާބޮޑު ދިރާސާތަކެއް ކުރެވޭހެނެއް ހިޔެއްނުވެއެވެ. އަވަސް އަރުވާލެވިގެން ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ސަރުކާރުތަކުން މަސައްކަތް ކުރަމުންދާ ދިއުމުގައި ދާއިމީ ގެއްލުންތަކެއް މި ރަށްރަށަށް ކުރިމަތިވެގެން ހިނގައިދާނެ ހެއްޔެވެ؟

އަހަރެމެން ގެ ތެރެއިން ކިތައް މީހުން މި އަންނަމުން ދާ ތަރައްޤީއާއި މެދު ވިސްނާލިންތޯއެވެ؟ މި އަންނަމުން ދާ ތަރައްޤީގެ އަގު އެއްވެސް ސިފައެއްގައި އަހަރެމެން ދައްކަން ޖެހިދާނެ ކަމަށް ހިޔާލުކޮށްލާނެ ފަރުދެއް ހުންނާނެ ހެއްޔެވެ؟ މަގުތައް ހެދި ހައިވޭތަކާއި ބުރިޖުތައް އެޅެމުން ދާވަރަކަށް އެކްސިޑެންޓްތައް މިދަނީ ގިނަވަމުންނެވެ. ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރު ވަމުންނެވެ. އެކްސިޑެންޓް ތަކުގައި މަރުވާ ޒުވާނުންނާއި ދާއިމީ ނުކުޅެދުންތެރިންނަށް ވެގެންދަނީ އަހަރެމެންގެ ތެރެއިން ކިތައްކިތައް މީހުންތޯއެވެ؟ މި ކަމުން އަހަރެމެންނަށް ގެއްލިގެން މި ދަނީ އަހަރެމެންގެ އިޤްތިސާދުގައި ހަރަކާތްތެރިވާނެ ކިތައް ކިތައް މީހުން ހެއްޔެވެ. މިއިން ކަމަކާއި  ވިސްނާލެވުނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ބާއެވެ؟

ރަށުގެ ބަނދަރު ހެދި ބޭރު ތޮށީގައި ބޮޑުހިލަ ޖެހި ޗާލު ބަނދަރެއް ލިބުމުގެ ސަބަބުން އަހަރެމެން މިތިބީ އުފަލުންނެވެ.  ލަފާ ފުރުން ފަސޭހަ ވެގެން ދިޔައީތީއެވެ. އެހެން ނަމަވެސް ދެން ފެންނަނީ ރައްގިރާތަނެވެ. އެކަން ފޫބައްދަން ޖެހެނީ ރިވެޓްމެންޓް ޖަހާށެވެ. ރަށް ގިރުމުން ސަލާމަތްކުރުމަށެވެ. ދުވަސްކޮޅަކުން ފެންނާނީ ރަށަށް އުދަ އަރަން ފަށާތަނެވެ. އުނދައެރުން ގިނަވެ އޮބި ނޯވެގެން ރަށުން ދުރު ނޫން މުސްތަގުބަލެއްގައި  ހިޖުރަކުރަން ޖެހިދާނެ ފަދަ ބިރުވެރިކަމެއްގައި އުޅެން ޖެހިދާނެ ހެއްޔެވެ. އުމުރު ދުވަހު އުޅުނު ލޯބިވާ ފަސްގަނޑާއި ވަކިވެ ހިޖުރަކުރަން ޖެހޭ ބަޔަކަށް އަހަރެމެން ނުވަތަ އަންނަން އޮތް އަހަރެމެންގެ ޖީލު ވެގެން ދިއުމަށް މެދުވެރިވާ ސަބަބަކަށް އަހަރެމެންގެ އަމިއްލަ އުފަލަށް މި ގެންނަމުންދާ ތަރައްޤީ ވެގެން ގޮސްދާނެ ހެއްޔެވެ؟