ތާރީޚް ހެކިދެނީ ދުނިޔޭގެ ވެރިކަމުގެ ވާދަ ވެރިކަން ގައުމުތަކުގެ މެދުގައި އޮންނަކަމެވެ. އެ ބައެއްގެ ބާރު ދެއްކުމާއި ހަން ފެތުރުން އެއީ ދުނިޔޭގެ އާދައެވެ. ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަ ދުނިޔެ ދެކިފައިވަނީ މި ކަމުގެ ވާދަ ވެރިކަމުގެ ތެރެއިންނެވެ. އެކި ދުވަސްވަރު އެކި ގައުމުތައް ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް ބަސްކިޔާ ވެރި ގައުމު (ސުޕަރ ޕަވަރ) ގެ ގޮތުގައި ވިއެވެ. 

19 ވަނަ ގަރުނުގައި ދުނިޔޭގެ ސުޕަރ ޕަވަރ އެއްގެ ގޮތުގައި އޮތީ ބްރިޓިސްއެވެ. އެމީހުންގެ ކޮންޓޮރޯލް ދުނިޔޭގެ ބޮޑު ބަޔެއްގައި ފެތުރިފައިވިއެވެ. ބުނެވޭގޮތުގައި އެމީހުންގެ ދިދައަކަށް އިރެއް ނުއޮއްސެއެވެ. އެ މީހުން ކުރީ އެހާވެސް ވަރުގަދަ ވެރިކަމެކެވެ.

20 ވަނަ ގަރުނުގެ ސުޕަރ ޕަވަރ އަކީ ޝައްކެއް ނެތް ގޮތުގައި އެމެރިކާއެވެ. އެމެރިކާގެ އަޅުވެތިކަން އެކި ގޮތްގޮތައް ދުނިޔޭގެ ގައުމުތަކަށް ދުއްޕާން ކުރަމުން ދެއެވެ. ޒަމާނީ  އިސްތިއުމާރީ  އަޅުވެތިކަމުގެ ދަލުގައި ގައުމުތައް ހިމޭންކަމާ އެކު  ގިއިދުވެފައި ވަނީ އެކަމަށް ފާޅުގައި ތެދުވަން ނުކެރޭ ހާލުގައެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު ދުނިޔެ އޭނގެ މައްޗަށް އަތުރާލެވިފައިވާ ނިޒާމަކީ އެ ހަނގުރާމަ ކާމިޔާބުކުރި ގައުމުތަކުގެ ބާރުގެ ދަށުގައި ދުނިޔޭގެ އެހެން ގައުމުތައް ގައިދު ކޮށްފައި ބޭއްވުމުގެ ހީލަތްތެރި ރޭވުމުގެ ނިޒާމެކެވެ

 މި ވަގުތު އެމެރިކާ ދުނިޔޭގެ ބަސްކިޔާ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ދެމިއޮތީ އެ މީހުންގެ އަސްކަރީ ބާރުވެރިކަމާއި އިގްތިސާދުގެ ވަރުގަދަކަމުގެ އިތުރުން ދުނިޔޭގެ ގައުމުތަކަށް އެ މީހުންގެ ނުފޫޒު އޮތް ވަރުގެ ބޮޑުކަމުންނެވެ. އެހެނަސް ފެންނަމުން ދަނީ އެ ކަން ދުރުނޫން  މުސްތަގުބަލެއްގައި ފުރޮޅިގެން ދާތަނެވެ. ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި 21 ވަނަ ގަރުނުގެ ފަހުކޮޅަށް ދާއިރު ނުވަތަ ކުރިއަށް އޮތް 30 އަކަށް އަހަރު ތެރޭގައި އެމެރިކާ އިން ދަމަހައްޓަމުން އަންނަ ސްޕަރ ޕަވަރުކަން އެމީހުންނަށް ގެއްލޭނެއެވެ. 

އެހެން ވެއްޖެ ނަމަ ދުނިޔޭގެ ސުޕަރ ޕަވަރގެ ލަގަބް ހޯދާނީ ކޮންގައުމެއް ހެއްޔެވެ. ޗައިނާ، ރަޝިޔާ އަދި އިންޑިޔާ ފަދަ ޤައުމުތަކުން ދަނީ މި ވާދަވެރި ރޭހުގައި ފައިތިލަ ސާބިތުކުރުމަށް މަސައްކަތް ކުރަމުންނެވެ.  ގިނަ ބައެއް ގެ ނަޒަރުގައި ކުރިއަށް އޮތްތާނގައި ދުނިޔޭގެ ސުޕަރ ޕަވަރ އަކަށް ވުން ގާތީ ޗައިނާއެވެ. އެމީހުން އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ހަލުވި މިނަށް ބަލާއިރު މިއީ ވުން ވަރަށް ގާތް ކަމެކެވެ. މި އިން ކޮންމެ ޤައުމެއް ދުނިޔޭގެ ވެރިކަމަށް އައި ނަމަވެސް އަޅުވެތިކަމުގެ އިސްތިއުމާރީ ހަންފެތުރުމަށް އިރު އޮއްސުމެއް ނެތެވެ. ދުނިޔެ ހިނގަމުންދާ ހިނދަކު އެކަންތައްތައް ދާނީ ތަކުރާރުވަމުންނެވެ. 

ފަހަރެއްގައި އެތައްގައުމެއް އެއްހަމައެއްގައި ދުނިޔޭގެ ސުޕަރ ޕަވައެއް ނެތި އެވާދަ ވެރިކަން ނިމުމަކަށް އައިސް ވެސް ދާނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވިއަސް ދުނިޔެއަށް ބޭނުންވަނީ ސުލްހައެވެ. އަމާންކަމެވެ. ގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްވެފައި އޮތުމަށެވެ.