މިއީ މިއަދު ހިނގައިދިޔަ ހަގީގީ ހާދިސާއެކެވެ. ރާއްޖޭގެ އުތުރުގެ ރަށެއްގެ މިސްކިތުގައި ހިނގައިދިޔަ ކަމެކެވެ. ހުކުރު ވަގުތު މިސްކިތުގެ ހަރިއްމައިގެ ތެރޭގައެވެ. އެކި އުމުރުފުރައިގެ ކުދިންނާއި މީހުން މިސްކިތުގައި ތިއްބެވެ. ތަންކޮޅެއް ޅަ ފުރައިގެ ކުދިން ހިސާބަކަށް ސަކަރާތްގަނެ އުޅުނެވެ.
އެއީ މިސްކިތުގެ ހަރިންމައިގެ ތެރޭގައި ދުވެ އުޅުނު އުމުރުން ގާތްގަނޑަކަށް 13 އަހަރުގެ ކުއްޖެކެވެ. މިސްކިތުގެ ހަރިއްމަ ތެރޭގައި އެކޮޅު މިކޮޅަށް ދުވެ ސަކަރާތް ޖަހާ ހަދައެވެ. އެކުއްޖާ ހުއްޓުވާ އެކުއްޖާ އަށް ނަސޭހަތެއް ދޭނޭ މީހަކު މިސްކިތަކު ނެތެވެ.
ނަމަވެސް މިސްކިތަށް އައިސް ވަން ޒުވާން އުމުރުގެ މީހެކެވެ. އެކުއްޖާ ހުއްޓުވާ ނަސޭހަތެއް ދޭން އުޅުނެވެ. ނަމަވެސް ކަން ވެގެންދިޔައީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. އެ ކުއްޖާ އެ ޒުވާނާގެ އަތް ފޮޅާލާފައި ރުޅިވެރި މޫނެއް ދައްކާލިއެވެ. ކުއްޖާގެ މޫނު ރަތްވެފައި އޮއްދާ ކަނޑާލައިފިއެވެ. ކަންފުޅިން ދާ ރޮނގެއް ފައިބައެވެ. އަޑުގެ ނެތް ތަނަށް އަޑަށް ބާރުލާފައި ހަޅޭލަވައިގަތެވެ. "އޭތް!!! ގައިގަ އަތްނުލާށެވެ! ތިހެން ގަޔަކު އަތެއް ނުލެވޭނެއެވެ!" އެއްކަލަ ޒުވާނާ އެ ކުއްޖާ ދޫކޮށްލައިފިއެވެ. ނަސޭހަތެއް ނުދެވުނެވެ. އެ ކުއްޖާ އެ އުޅުނު ގޮތަކަށް އުޅެން ދޫކޮށްލަން މަޖުބޫރުވީއެވެ. ގިނަ ބަޔަކު އެ ކުއްޖާއަށާއި އެ ޒުވާނާއަށް ބަލަން ހުއްޓެވެ.
އާނއެކެވެ. އެބުނީ ތެދެކެވެ. އެހެއްނެއް ގަޔަކު އަތެއް ނުލެވޭނެއެވެ. ބޮޑު މީހަކަށް ކުޑަ މީހަކަސް އެހެން މީހެއްގެ ރުހުމަކާ ނުލާ އަނެކާގެ ގަޔަކު އަތެއް ނުލެވޭނެއެވެ. ހާއްސަކޮށް ކުޑަކުއްޖެއްގެ ގަޔަކު އަތެއް ނުލެވޭނެއެވެ. އެއީ މިއަދު ގާނޫނީ ގޮތުންވެސް ކުށެކެވެ. އެ އަރައިގަނެވެނީ އެ ކުއްޖާގެ ހައްގަކަށެވެ. ފަހަރުގައި އެއީ އެކުއްޖާއަށް ދެވޭ އަނިޔާއެއް ކަމުގައި ވެދާނެއެވެ. ރުހުމަކާ ނުލާ ބޮޑު މީހަކަށް ކުޑަ ކުއްޖެއްގެ ގަޔަކު އަތެއް ނުލެވޭނެއެވެ. އެވަރު އެކުދިން ދަނެއެވެ. ބޮޑެތި މީހުންނަށްވުރެ ކުޑަކުދިން މިއަދު އެކުދިންގެ ހައްގުތަކަށް ފަރިތައެވެ. އެކަމަކު މިކަމުގައި ވިސްނާލަން ޖެހޭ މުހިއްމު ކަންތައްތަކެއް ވެއެވެ. އެއީ ހަގީގަތުގައި އެކުދިންނަށް ދެވެން ޖެހޭނެ ހައްގެއްތޯއެވެ. އެ ހައްގުތައް އެގޮތަށް ދިނުމުގެ ނަތިޖާ އަކަށް ވާނީ ކޮން ކަމެއް ތޯއެވެ. މާދަމާގެ މުސްތަގުބަލު ބަނަކުރާ ބޯ ކަޅު ވިލާގަނޑަކަށް މި ހައްގުތައް ވެއްޖެނަމަ، މިއީ ގާނުނެއްގެ ތެރެއިން މުޖުތަަމައެއްގެ މުސްތަގުބަލު ހަލާކު ކުރުން ނޫންބާއެވެ.
ކޮންމެއަކަސް ކަން އޮތީ މި މަގުންނެވެ. ކުއްޖާ މިސްކިތުގެ ހުރުމަތް ކަނޑާލަމުން މިސްކިތުގެ ތެރޭގައި ސަކަރާތް ޖަހަމުން ދިޔަ ނަމަވެސް ހުއްޓުވޭނޭ ގޮތެއް ނެތެވެ. އެބުނާހެއް އެގޮތަކަށް އައިސް ގަޔަކު އަތެއް ނުލެވޭނެއެވެ. އެއީ ކުށެކެވެ. އެކުއްޖާގެ ހައްގު، މިސްކިތުގެ ހައްގުތަކަށްވުރެ ބޮޑުވެފާ ހުރުމަތްތެރިވީއެވެ. ދެން މާދަމާގެ ޒުވާނުންނާމެދު ވިސްނާލަ ބަލާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން