އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރުމަކީ އިސްލާމީ ޤައުމުތަކުގެ ޒިންމާއެއްކަމަށް އީރާނުގެ އިސްވެރިޔާ އާޔަތު ﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު، އިސްލާމީ ބައެއް ޤައުމުތަކުގައި ފާހަގަކުރާ ޤުދުސް ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ އިސްރާއީލަކީ ވަކި ދަޢުލަތެއް ނޫންކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޙަރަކާތްތެރިވާ ނިރުބަވެރި ފައުޖުތަކެއްކަމަށެވެ. އިސްލާމީ ޤައުމުތަކުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮވާލައްވަމުން ޚާމަނާއީ ވިދާޅުވީ އެ ޤައުމާ ދެކޮޅަށް ކުރާ މަސައްކަތަކީ ނިރުބަވެރިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށެވެ. އަދި އެ ހަނގުރާމައިގައި ބައިވެރިވުމަކީ އިސްލާމީ ޤައުމުތަކުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. ޤުދުސްގެ މައްސަލައިގައި މުސްލިމު ޤައުމުތަކުން ގުޅިގެން އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޤައުމަށް އޮތް ބިރުވެރިކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަމަޟާން މަސް ފެށުނު ފަހުން ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000 އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނަ ހަރަމަށް ޖަމާވެފައެވެ. 

1967 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ.