މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 884،802 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 818،341 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %8.1 އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މިވަގުތު އެއް ވަނަ މާކެޓެވެ.
އެގޮތުން ޗައިނާއިން 100،650 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އަހަރުގެ މިހާތަނަށް ވަކިވަކި ޤައުމުތަކަށް ބަލާއިރު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ޤައުމެވެ.
އަހަރުގެ މިހާތަނަށް ފަތުރުވެރިން އައި އަދަދުތަކަށް ބަލާއިރު، ޗައިނާއިން 100،650 ފަތުރުވެރިން، ރަޝިއާ އިން 95،144 ފަތުރުވެރިން، އިނގިރޭސިވިލާތުން 91،690 ފަތުރުވެރިން، އިޓަލީވިލާތުން 78،592 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 67،978 ފަތުރުވެރިން ވަނީ އައިސްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން