ތިނބާ ސިއްހީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވޭ ހެއްޔެވެ. ތިނބާގެ ހިތް ދުޅަހެޔޮ ކަންމަތީ ވުމަށް ބޭނުންވޭ ހެއްޔެވެ.
އެހެންކަމަށް ވާނަމަ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަމާތޯއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގައި މިންހެޔޮ ކެއުމެއް އިޚްތިޔާރު ކުރުމަކީ ހިތުގެ ބަލިތަކުން ދުރުހެލިވުމަށް އެހީވެދޭ ކަމެކެވެ. ތިރީގައި ހިމަނާލާނީ ހިތުގެ ދުޅަހެޔޮކަމަށް ދުވަހުގެ ކެއުމުގައި ތިޔަ ފަރާތައް ބޭނުން ކޮށްލެވިދާނެ ކާނާގެ ބާވަތްތަކެކެވެ.
އޮރެންޖް :
އޮރެންޖަކީ އެއްވެސް ދެބަސް ވުމެއް ނެތް ގޮތެއްގައި އެންމެންގެ ވެސް ޚާއްސަ މޭވާއެކެވެ. އޮރެންޖަކީ ގިނަ އަދަދަކަށް އޭނގައި ވިޓަމިން ސީ އެކުލެވިގެންވާ މޭވާއެކެވެ. ކޮންމެ އޮރެންޖެއްގައި ވެސް ޕޮޓޭސިމް، މިނަރަލްސް އަދި ނިއުޓްރިއެން އެކުލެވިގެން ވެއެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް އޮރެންޖް ބޭނުން ކުރުމަކީ ކުރެވިދާނެކަމެކެވެ.
ލޮނުމެދު :
ލޮނުމެދަކީ އޭނގައި ވަރުގަދަ ވަހެއް ހުންނަ އެއްޗެއް ކަމުން ކޮންމެ މީހަކަށް މީ ކަމުދާ އެއްޗަކަށް ނުވެދާނެއެވެ. އެހެނަމަވަސް އެނގޭ ހެއްޔެވެ. ލޮނުމެދަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކާނާއެކެވެ. ކިތަންމެ ކުޑަ އެތިކޮޅަކުން ވެސް ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.ލޮނުމެދުން ލޭގެ ހިނގުން ދައްކޮށްދީ ސްޓޯކް ޖެހުން ކުޑަކޮށްދެއެވެ. ބަޓަރާއި ލޮނުމެދު ބޭނުންކޮށް ސޭންޑްވިޗެއް ތައްޔާރުކޮށްގެން ހެނދުނުގެ ނާސްތާއަށް ބޭނުންކޮށްލުން ކިހިނެއް ވާނެތޯއެވެ.
ކަދުރު :
ކަދުރަކީވެސް ހިތުގެ ދުޅަހެޔޮކަމަށް އެހީވެދޭ މޭވާއެކެވެ. ކަދުރުން ކޮލެސްޓްރޯލް ދައްކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ހާރޓްއެޓޭކް ޖެހުން ދުރުކޮށް ދިނުމަށް އެހީތެރިވެދެއެވެ. ކަދުރުގައި ގިނަ އަދަދަކަށް ނިއުޓްއިންސް އާއި ބޮޓޭސިއަމް އެކުލެވިގެން ވެއެވެ. އަދި މިއީ ފައިބަރ އެކުރެވިގެންވާ މޭވާއެކެވެ. އަދި ކަދުރަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް އެހީވެދޭ މޭވާއެއް ކަމުން ކެއުމުގައި ކަދުރު ހިމެނުމަށް އިސްކަން ދިނުން ވަރަށް ބޭނުންތެރިއެވެ.
އަލްމަންޑް:
ވަރަށް ގިނަ ފަހަރު ތިނބާ ފޯނު، ސައިކަލު ތަޅުދަނޑި ނުވަތަ ވޮލެޓް ބޭއްވޭތަން ހަނދާން ނެތޭތަ؟ އެހެން ވެއްޖެ ނަމަ އެކަމުން އެނގިގެން ދަނީ ތިނބާއަށް އަލްމަންޑް ގެ ބޭނުން ޖެހިފައިވާ މިންވަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަލްމަންޑް ކެއުމުގައި ބޭނުން ކުރުމުން ހަނދާންކުރުމުގެ ބާރު ގަދަކޮށްދެއެވެ. އަލްމަންޑުން އަށިގަނޑުގެ ނުބައި ކުލޮސްޓްރޯލޭ ކިޔާ މާއްދާ ދައްކޮށްދިނުމަށް އެހީތެރިވެދެއެވެ.
އަންނާރު :
އަންނާރަކީ ސިއްހީގޮތުން އެންމެ ރަގަނޅު އެއް މޭވާއެވެ. އަންނާރުގައި އެންޓިއޮކްސިޑެންޓް އާއި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. އަންނާރުން ހަކުރު ބަލިޖެހުމުގެ ފުރުސަތު ދުރުކޮށްދީ ލޭގެ ޕްރެޝަރ އެއް ހަމައެއްގައި ހުރުމަށް އެހީތެރި ވެދިނުމުގެ ސަބަބުން ލޭހޮޅިތަކަށް ޖެހޭ ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން