ކަރާ ކެއުމަށްފަހު އެތެރޭގައި ހުންނަ އޮށްތައް އުކާލުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް، މިއީ ވަރަށް ބޮޑު އިސްރާފެކެވެ. ސަބަބަކީ މި އޮށްތަކުގައި އަޅުގަނޑުމެންގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މުހިންމު ކާނާތަކެއް އެކުލެވިގެންވުމެވެ.

ކަރާ އޮށުގައި ޕްރޮޓީންސްގެ މިންވަރު ވަރަށް ގިނައެވެ. މީގެ ތެރޭގައި އާޖިނީން ކިޔާ އެމައިނޯ އެސިޑް ހިމެނެއެވެ. މިއީ އަޅުގަނޑުމެންގެ މެޓަބޮލިޒަމާއި ހިތުގެ ސިއްހަތަށް ވަރަށް މުހިންމު މާއްދާއެކެވެ. މީގެ އިތުރުން، ކަރާ އޮށުގައި ހަށިގަނޑަށް ފައިދާހުރި ސެޗުރޭޓް ނުކުރެވޭ ފެޓުގެ މިންވަރެއްވެސް އެކުލެވިގެންވެއެވެ. މިއީ ހިތުގެ ސިއްހަތަށް ވަރަށް މުހިންމު މާއްދާއެކެވެ.

ކަރާ އޮށުގައި އެކުލެވޭ މެގްނީޒިއަމް، އަޔަން، ޒިންކް އަދި ޕޮޓޭޝިއަމްގެ ސަބަބުން މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމާއި، ނާރުތަކުގެ މަސައްކަތާއި، ހަކަތަ އުފެއްދުމަށް ވަރަށް މުހިންމު އެއްޗެކެވެ. މީގެ އިތުރުން ކަރާ އޮށުގައި އެކުލެވޭ މެގްނީޒިއަމާއި ފައިދާހުރި ފެޓުގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމަށާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ކަރާ އޮށުގައި އެކުލެވޭ އަޔަން ނުވަތަ ދަގަނޑުގެ މާއްދާގެ ސަބަބުން ލޭގައި އޮކްސިޖަން އުފުލުމަށް އެހީތެރިވެދެއެވެ. އަދި ވިޓަމިންތަކުގެ ސަބަބުން ކާ ކާނާ ހަކަތައަށް ބަދަލުކުރުމަށް އެހީތެރިވެދެއެވެ. ހަމަ އެހެންމެ، ކަރާ އޮށުގައި އެކުލެވޭ ޒިންކްގެ ސަބަބުން ހަންގަނޑު ރަނގަޅުކޮށް އިސްތަށި ދިގުކުރުމަށް އެހީތެރިވެދެއެވެ. އަދި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަންގަނޑު ދުވަސްވުމުގެ އަލާމާތްތަކާ ދެކޮޅަށް މަސައްކަތްކުރެއެވެ.

މީގެ އިތުރުންވެސް ކަރާ އޮށުގައި އެކުލެވޭ ފައިބަރުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް، ގައިން ވިހަ ބޭރުކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް، ކަރާ އޮށް ރޮލާ ކެއުމުގެ ބަދަލުގައި ރޯސްޓްކޮށްގެން ނުވަތަ ފިހެލައިގެން ކެއުމުން ހަޖަމު ކުރުމަށް ފަސޭހަ ވާނެއެވެ.

ވީމާ، މިހާ ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެއް އުކާލުމުގެ ބަދަލުގައި، ކަރާ އޮށް ކެއުމަށް އާދަކުރުމަކީ އަޅުގަނޑުމެންގެ ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ކަރާ އޮށް، ހޮވަހޮވާފާ އުކާނުލާށެވެ!