ތިބާގެ ދިރިއުޅުން ފުރިހަމަ ކަމަށް ހީވިއިރު، އިސާހިތަކު ފިރިމީހާ އެހެން މީހެއްގެ ހައްޤެއްކަމަށް ފެނުމަކީ މި ރާއްޖޭގައިވެސް ފެންނަ ވަބާއެކެވެ. މި ހާލަތުގައި ފޫހިވީ ހަމަ އިސާހިތެއްގައި ކަމަށް ހީވެދާނެއެވެ. އެހެނަސް، ކުއްލިއަކަށް ތިބާގެ ފިރިހެންމީހާގެ ސުލޫކަށް ބަދަލެއް ނާންނާނެއެވެ. އެވާ ފޫއްސެއް އެއީ 'ވޯކް އިން ޕްރޮގްރެސް'އެއް ކަން ދަންނާށެވެ. ތިބާއަށް ފާހަގަ ކުރެވެން ފަށަނީ މިހާރު އޭނާ ދުރުގައި ހުންނަ ކަމެވެ. އޭނާ ތިބާދެކެ އިތުރަށް ލޯބި ނުވާ ނިޝާންތަކަކަށް ދުރާލާ ސަމާލުވާން ހިނގާށެވެ. މި އިޝާރާތްތަކަކީ އޭނާގެ އަސާސީ ޠަބީޢަތް ކުރިމައްޗަށް ނެރެލާ ނިޝާންތަކެކެވެ. އެހެންކަމުން، ތިރީގައިވާ ނިޝާންތައް ހޯދައިގެން ވަގުތުން ހިތްދަތިކަމުން ސަލާމަތް ވެވިދާނެއެވެ. ހިތްވަރު ހުރިއްޔާ ތިރީގައިވާ ކަންކަން ފާހަގަކޮށް ޗެކްލިސްޓް ކުރަން ކެރޭނެ ހެއްޔެވެ؟ 

1- ތިބާގެ ވާނުވާއަށް ޝައުގު ގެއްލުން

ކޮންމެ ގުޅުމެއްވެސް ފަށައިގެން އަންނައިރު އެކަކު އަނެކަކުގެ ދުވަހާއި އެހެނިހެން ކަންކަމާއި ގުޅޭގޮތުން ހުސްނުވާ ވަރަަށް ވާހަކަ އޮންނާނެއެވެ. ގިނަދުވަސްވާ ވަރަކަށް ދައްކަންވީ ވާހަކަ މަދުވަނީއޭ ބުނުމަކީ އެއީ ހަމަ ކަނޑައެޅިގެން ދޮގެކެވެ. ދެމަފިރިންގެ މެދުގައި ލޯބި އޮތުމަކީ ހަމައެކަނި ޖިންސީ ގުޅުން އޮތުމެއް އެކަންޏެއް ނޫނެވެ. ޖިންސީ ގުޅުމުގެ އިތުރުން 'އިމޯޝަނަލް' ގުޅުމެއްވެސް އޮންނާނެއެވެ. ތިބާ ދެކެ ލޯބިވާނަމަ ތިބާގެ ދުވަހާއި ގުޅޭގޮތުން ސުވާލުކޮށް ޝައުގުވެރިކަން ބަހައްޓާނެއެވެ. 

2- އިމޯޝަނަލް ސަޕޯޓް

ތިބާ ދެރަވާ ނުވަތަ އުފާވާ ކަންކަމާއި އަޅާލާ މިންވަރު ދަށްވާނަމަ އެއީ ތިލޯބީގެ އެކްސްޕަޔަރީ ޑޭޓް ގާތްވުންކަން ދަންނާށެވެ. ތިބާގެ ހިތާމަތަކަށް އަމަލީ ހައްލެއް ގެނެސްނުދެވުނަސް ތިބާގެ ހިތާމަތައް ނުވަތަ އެހެނިހެން އިހުސާސްތަކުގައި ސަޕޯޓް ފޯރުކޮށްދިނުމަކީ އެއީ ލޯބިވާ ފިރިއެއް ހެޔޮހިތުން ފޯރުކޮށްދޭނެ ހިދުމަތެކެވެ. އަޑުނާހާ ތަނެއްގައި ތިބާ އޭނާ ކައިރިން އޭނާގެ ދުވަސް ކިހިނެއްހޭ އަހާލުމުން 'ކޮމްޕިއުޓަރު ޖަވާބެއް' ދޭނީ ހަމަ ލޯބިނުވާ، އަޅާނުލާ ފިރިންނެވެ. ތިބާ ދެކެ ލޯބިވާމީހެއްނަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުުގައި ތިބާއަށް އިހުތިރާމް ކުރާނެއެވެ. ކަމެއް ގޯސްވާއިރު ތިބާ ގާތުގައި މައާފަށް ނޭދެންޏާމު އެއީ އިހުތިރާމްކުރުމުގެ އިދިކޮޅެވެ. ކިތަންމެ ގިނަ ދުވަސްވަންދެން އެއްކޮށް އުޅުނު ނަމަވެސްއެވެ. މިފަދަ ފިރިން އެއްވެސް ކަމަކާއި ނުލާ ތިބާގެ ފޯންކޯލް ނުވަތަ މެސެޖްތަކަށް ޖަވާބުދިނުމުގައި ލަސްކުރާނެއެވެ. އަދި ތިބާ ކިތަންމެ ޒީނަތްތެރިވިޔަސް އަނގައިން އެއްވެސް އެއްޗެއް ނުބުނެ، އެހެނިހެން ކަންކަމުގައިވެސް އެއްވެސް ވަރަކަށް ތައުރީފުނުކުރާނެކަން ފާހގަަކޮށްލަން ޖެހެއެވެ. 

3- ބޮޑެތި ފައިސާގެ ނިންމުންތައް 

މުސްތަގުބަލާއި ގުޅުންހުރި ބޮޑެތި ބައެއް ނިންމުންތަކުން ރެކުމަކީ ތިބާ ދެކެ ލޯބިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އެގޮތުން ޖޮއިންޓް އެކައުންޓެއް ހިންގުން ފަދަ ކަންކަމުގެ މަޝްވަރާއެއް ފަށައިފިއްޔާ އޭނާ އެވާހަކައެއް ކުރިއަށްނުގެންދާނެއެވެ. ޒުވާބެއް ހިނގިނަމަވެސް އެކަމެއް ހައްލުނުކޮށް ނިދަން ލޯބިވާ ފިރިއަކަށް ލާހިކެއް ނޫނެވެ. 

4- ކޮންމެކަމަކާއި ޝަކުވާކުރުން 

ފިރިހެނެއްގެ ލޯބި ގެއްލިގެންދާކަމުގެ އެންމެ ބޮޑު އެއް ނިޝާނަކީ ތިބާގެ ކޮންމެ އަމަލެއްގައިވެސް ކުށްތައް ހޯދަން ފެށުމާއި ހުރިހާ ކަމެއްގެ ޒިންމާ ތިބާގެ ބޮލުގައި އެޅުވުމެވެ. ކާ ގޮތާއި ހެދުން އަޅާ ގޮތާއި ވާހަކަ ދައްކާ ގޮތްވެސް ކަމުނުދިއުމަކީ ލޯބި ފަނޑުވާކަމުގެ އަލާމާތްތަކެކެވެ. ލޯބި ގެއްލިގެންދާނަމަ ކިތަންމެ ކުޑަކުޑަ ކަންކަމުގައިވެސް ޒުވާބެއް ފަށާނެއެވެ. މިހެން ކަންތައް ކުރަނީ ކީއްވެގެންކަމާއި ދޭތެރޭ ފިރިމީހާ ކައިރިން ސުވާލުކުރުން މުހިންމެވެ. އަދި ރަނގަޅު ސަބަބަކާއި ނުލާ ތިބާ ބޭރުފުށުން ހުންނަ ގޮތާއި ދޭތެރޭ މާ ބޮޑަށް ވާހަކަދައްކާ ހެދުމަކީވެސް ލޯބިނުވާކަން ނުވަތަ ފޫހިވާކަމުގެ އިޝާރާތެކެވެ. 

5- ޑޭޓްތައް ނުރޭވުން 

ލޯބިވާ ދެމަފިރިންނަކީ ލޯބި ރަނގަޅަށް ދެމެހެއްޓުމަށް މަސައްކަތްކުރާނެ ޖޯޑުތަކެކެވެ. އޭގެ ތެރޭގައި ހާއްސަ ސަޕްރައިޒްތައް ދިނުން ފަދަ ކަންކަން ހިމެނެއެވެ. ކައިވެނިކުރުމުގެ ކުރިން ޑޭޓްތަކަށްދާ މިންވަރު ކައިވެންޏަށްފަހު ދަށްވާނެކަމާއި ދޭތެރޭ ޝައްކެއް ނެތެވެ. ކައިވެނީގެ ކުރިން އެއްވެސް މީހަކު ނިދަންލާން ގެންގުޅޭ 'ޕިޖާމާ' އެއްގައި ހުންނަ ތަނެއް ނުފެންނާނެއެވެ. ލޯބިވެރިޔާއަށް ފެންނައިރުގައި ވީއެންމެ ބޮޑުކޮށް ޒީނަތްތެރިވުމަކީ އާދައެކެވެ. ނަމަވެސް ކައިވެންޏަށްފަހު ޑޭޓްތަކަށް ދިއުމާއި ތިބާއަށްޓަކައި ޒީނަތްތެރިވާ މިންވަރު ދަށްވާނަމަ، ތިބާގެ ފިރިމީހާ ތިބާ ގެއްލިދާނެތީ ބިރުން ނޫޅެނީއެވެ. އެކަމަކު ދެމީހުންނަށް ދެވޭނެ ޑޭޓްތަކާއި ދަތުރުތައް ނުރާވާނަމަ އޭގެ މާނައަކީ އޭނާ ތި ކައިވެނި ދަމަހައްޓަން އެެއްވެސް މަސައްކަތެއް ނުކުރެއެވެ. 

6- ތިބާއާއިނުލާ ޗުއްޓީހެދުން

އެރޭންޖްޑް ކައިވެންޏެއްވިޔަސް ނުވަތަ ލޯބިވެގެން ކުރާ ކައިވެންޏަކަށްވިޔަސް، ކައިވެނީގެ ކުރިން ދެމަފިރިން އެކި ވައުދުތައް ކުރާނެއެވެ. އެހެނަސް ކައިވެންޏަށްފަހު އެންމެ ކުޑަމިނުން އޭގެއިން އެއް ވައުދުވެސް ނުފުއްދޭ ހާލަތެއްގައިނަމަ ބުނެވޭނީ އެއީ ތިބާދެކެ ލޯބިނުވާ މީހެއްކަމެވެ. ރަހުމަތްތެރިންނަކީ މުހިންމު ބަޔެކެވެ. އެކަމަކު ތިބާއާއިނުލާ އާއިލާއާއި ރައްޓެހިންނާއިއެކު ޗުއްޓީ ހަދަންދާ ފިރިންނަކީ ރަތް ސިގްނަލެއްކަން ހިތާމައާއިއެކީ ފާހަގަކޮށްލަންޖެހެއެވެ. އެކީގައި ކަންކަމާއި ހީ ސަމާސާ ނުކުރެވޭ ދެމަފިރިންގެ ކައިވެނި މަރުވުން ވަރަށް ގާތެވެ.

7- ތިބާގެ ރައުޔުތައް ފޮޅާލުން 

ފަހަރެއްގައި ތިބާ އޮތީ އޭނާގެ ފޯނަށްވުރެ ތިރީގައެވެ. އޭނާ އެންމެ ހާއްސަ އިސްކަމެއްދޭ ކަންކަމުގެ އެންމެ ތިރިއަށް ތިބާ ލާއިރު މިހެން ބުނެފާނެއެވެ. "އެންމެ އަންޑަސްޓޭންޑިން މީހަކީ ތިއެއްނޫންހެއްޔެވެ؟" އެކަމަކު، އެއްވެސް އަންބެއް މިބުނާވަރަށް 'އަންޑަސްޓޭންޑިން' ނުވާށެވެ. ހާލަތަށް ބަލާފައި އޭނާގެ 'ޕްރަޔޯރިޓީ' ލިސްޓުގެ އެންމެ ކުރީގައި ތިބާ ހުންނަންވާނެއެވެ. އަދި އަނބިމީހާގެ ހިޔާލުތައް 'މޮޔަ' ކަމަށް ނުބަލާ އަނބިމީހާގެ ހިޔާލުތަކާއި ދޭތެރޭ ވިސްނާފައި ބަލައިގަތުމަކީ ލޯބިވާ ފިރިއެއްގެ އެންމެ ހާއްސަ ސިފައެވެ. ހިޔާލަކީ ތަފާތުވާނެ އެއްޗެކެވެ. އެކަމަކު ދެބަސްވުމެއް އުފެދޭ ހާލަތެއްގައި އަބަދު އެއްފަރާތަކުން ގޮތްދޫކުރާނަމަ ތިޔައީ ނަމެއްގައި އޮތް ކައިވެންޏެކެވެ. އޭނާގެ ދިރިއުޅުމުގެ ކަމެއް ރާވާއިރު ތިބާއާއި ދޭތެރޭ ނުވިސްނާނީ ތިބާ ދެކެ ލޯބިނުވާތީއެވެ. 

8- ތަރައްގީވާން މަސައްކަތްނުކުރުން 

ބައެއް ފިރިންނަކީ އަނބިމީހާ ހޯދާ ފައިސާއިން ކައިބޮއި ހަދާ ފިރިންނެވެ. ދަރިން ބަލަން ގޭގައި ހުރުމަކީ ވަކި ފިރިހެންވަންތަކަން ދަށްވާކަމެއް ނޫނެވެ. އެހެނަސް މާލީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން އަމިއްލަ މީހާ ތަރައްގީކުރަން ބޭނުންނުވާ ފިރިންނަކީ ރީތިގޮތަކަށް ބުނާނަމަ ތިބާގެ ބޭނުންހިފާ ފިރިންނެވެ.