އިންޑިޔާގެ ޕަންޖާބު އަވަށުގެ ކޮލެޖެއްގައި ކިޔަވަމުންދިޔަ ތިން ދަރިވަރަކު ބަލި ނުވަނީސް، މެޑިކަލް ސެޓްފިކެޓު (އެމް.ސީ) ހެއްދިކަން ހާމަ ވެއްޖެއެވެ.

މިތިންކުދިން ވަނީ ކުލާހަށް ހާޒިރުވާން ޖެހޭ ދުވަސްތަކުން ބައެއް ދުވަސްތަކުގައި ކުލާހަށް ހާޒިރުނުވެފައެވެ. މިކަމުގެ ސަބަބުން އެ ކުދިންގެ އިމްތިހާނު އެކުދިންނަކަށް ނުލިބެއެވެ. އެހެން ނަމަވެސް އެކުދިން އިމްތިހާނު ހަދަން ބޭނުން ވެފައި ތިބިލެއް ބޮޑުކަމުން އެކުދިން ވަނީ އެމް.ސީ ހައްދާފައެވެ.

ކުލާހަށް ނާދެވުނު ދުވަސްތަކަށް ހެދި އެމް.ސީ ގައި ވަނީ ހުމެއް އައިކަމަށެވެ. އިންޑިޔާގެ ރިޕޯޓުތައް ބުނާގޮތުގައި އެ ކޮލެޖުގެ ގަވައިދު ބުނާ ގޮތުން، ކުލާހަށް ހާޒިރު ނުވާ ދުވަހުގެ ބަދަލު ދެވޭނެ ހަމަ އެކަނި ގޮތަކީ އެމް.ސީ ހުށަހެޅުމެވެ. އެނޫން އެއްވެސް ސަބަބެއް ބަލައެއް ނުގަނެއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މި ތިން ދަރިވަރުންނަކީ ނިކަމެތި ތިން އާއިލާއަށް ނިސްބަތްވާ ތިން ކުދިންނެވެ. އެ ކުދިން އެކުދިންގެ މައިންބަފައިންނާއި އެކު، ދިރިއުޅުމަށްޓަކާ ކުރާ މަސައްކަތުގައި އެހީވެދެއެވެ. އެހެންކަމުން އެކުދިންނަށް ގެއްލުނު ކުލާސްތައް ގެއްލުނީ އެސަބަބާ ހެދިއެވެ. ނަމަވެސް އެއީ އިމްތިހާނު ދިނުމަށް ގަބޫލު ކުރާ އުޒުރަކަށް ނުވާތީ، މިފަދަ ގޮތަކަށް އެމް.ސީ އެއް ތައްޔާރުކުރީ ކަމަށް ވެއެވެ.

އެ ތިން ކުދިން ބަލި ނުވަނީސް ހެދި އެމް.ސީ ފަޅާ އެރީ އެކުދިން އިމްތިހާނު ނިމުނުފަހުންނެވެ. އެއީ އެއްގޮތަކަށް ތައްޔާރު ކޮއްފައިވާ އެ ތިން އެމް.ސީ، އެއް ތާރީހެއްގައި ހުށަހަޅާފައި އޮތުމުންނެވެ. 

އެ ކޮލެޖުގެ އަހުލާގީމައްސަލަތައް ބަލާ ކޮމިޓީން ވަނީ އެ ދަރިވަރުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާފައެވެ. ބަލި ނުވަނީސް ބަލިވި ކަމަށް އެމް.ސީ ހެއްދުމަކީ އިންޑިޔާގައި ވަރަށް ގިނަ ދަރިވަރުން ކޮށް އުޅޭ ކަމެކެވެ. އެހެނީ އެއީ އެ ދަރިވަރުންނަށް އެނޫން ގޮތެއް ނޯންނާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.