މަރްޔަމް އަނާ ނަސީމަކީ ކާކުހެއްޔެވެ؟ މި ނަން ދަންނަ މީހަކު އުޅޭ ހެއްޔެވެ؟ އެކަމަކު، ޓިކްޓޮކްގައި މަޝްހޫރު mrym9393 ހޭންޑްލް ބޭނުންކުރަމުންދާ މަރިޔަނބު އޭ ބުނުމުން އެ މޫނުގެ ވެރިޔާ ނޭނގޭނެ މީހުން މިހާރު މި ރާއްޖޭގައި މަދުވާނެ ކަންނޭނގެއެވެ. މަރްޔަމް ނުވަތަ އަނާ އެންމެ ފުރަތަމަ އާންމުންގެ މެދުގައި މަޝްހޫރުވީ އޭނާގެ ރީތި އަޑާއި މޫނު އާންމުވި އޮފީސް އިވެންޓެއްގެ ތެރެއިންނެވެ. އިނގިރޭސި އަދި ދިވެއްސަށް މޮޅު އަނާ މަސައްކަތްކުރަނީ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏެއްގެ މާކެޓިން އެގްޒެކެޓިވްއެއްގެ ގޮތުގައެވެ. ކޮމިއުނިކޭޝަންގެ ދާއިރާއިން މާސްޓާސްއަށް މިވަގުތު ކިޔަވަމުންދާ އަނާގެ ހުށަހަޅައިދިނުމުގެ ހުނަރު ފެނި، އިކޮނޮމިކް މިނިސްޓްރީ އިންވެސް އެވުޒާރާގެ ބައެއް މަސައްކަތްތަކުގެ ޕްރޮމޯތަކުގައި އަނާގެ އެހީ ހޯދައެވެ. މީގެ އިތުރުންވެސް ޓިކްޓޮކުން ލިބުނު މަޝްހޫރުކަމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނާ ވަނީ ސޮނީ ހާޑްވެެއާ ފަދަ ކުންފުނިތަކުގެ އިޝްތިހާރުތަކުން ފެންނަ މޫނަކަށް ވެފައެވެ. މިއީ ގދ. ތިނަދޫއަށް ނިސްބަތްވާ އަނާއާ ބެހޭގޮތުން އާންމުންނަށް އެނގޭ ބައެއް މައުލޫމާތުތަކެކެވެ. މީގެ އިތުރުންވެސް، އަނާއާއި ބެހޭގޮތުން އާންމުންނަށް އެނގޭ ބައެއް މައުލޫމާތުތަކުގެ އިތުރުން އޭނާގެ ދިރިއުޅުމާއި ބެހޭ ބައެއް މައުލޫމާތުތައް ހޯދަން އެދިފައިވާ އާންމުންގެ ބައެއް ސުވާލުތައް "ތީރު" އިން އަނާއާ ކޮށްފައި ވާނެއެވެ. ތިރީގައިވަނީ އަނާ "ތީރު" އަށް ދީފައިވާ ހާއްސަ އިންޓަވިއުގެ ސުވާލުތަކާއި ޖަވާބުތަކެވެ.
ޓިކްޓޮކްއިން މަޝްހޫރުކަން ލިބުނީ ކިހިނެއް ހެއްޔެވެ؟
ކޮވިޑް ތެރޭގައި ވަރަށް ގިނަ މީހުން ޓިކްޓޮކަށް ވަންނަން ފެށި, އެދުވަސްކޮޅު އަނާވެސް ޓައިމްޕާސް ކުރުމުގެ ގޮތުން ޓިކްޓޮކް އެކައުންޓެއް ހެދީ. އޭރު ބޮޑަށް ލީ ސީނިކް ވީޑިއޯތައް ނޫނީ ލިޕް ސިންކިން ވީޑިއޯ. މިހާރު އަނާގެ ޓިކްޓޮކްތަކުން އާންމުކޮށް ފެންނާނީ ގެޓް ރެޑީ ވިތްމީ ކަހަލަ އެންގޭޖިންގ ކޮންޓެންޓް. ނަމަވެސް އެންމެ ބޮޑަށް މީހުންނަށް އަނާ އެނގެން ފެށީ މިއަހަރުގެ ޖެނުވަރީ މަހުގައި ކޮލީގެއްގެ ވެޑިންގ ހަފްލާ ނިންމާފައި ހެދި ޓިކްޓޮކްއަކަށްފަހު. އަލަށް ކެމެރާ ކުރިމަތީގައި ވާހަކަަދައްކަން އަޅުގަނޑަށް ކޮންފިޑެންސް ލިބުނީ. އެ ވީޑިއޯއަށް ލިބުނު ސަޕޯޓަށް ބަލާފަ ކޮންޓެންޓް ކްރިއޭޓް ކުރަން ފެށީ. އޭގެ ފަހުން ވީޑިއޯތަކުގަ ވާހަކަ ދައްކަން ފެށީ. ދެން އޮފީސް އިވެންޓެއްގަ އެމްސީކަން ކުރި ވީޑިއޯއަކުންވެސް ފުދޭވަރަކަށް މީހުންނަށް އަނާ އެނގިގެން ދިޔަ.
އަނާގެ ޕްރޮފެޝަނަލް ކެރިއާ ފެށިފައިވަނީ ކިހިނެއް؟
ފުރަތަމަ ކެރިއާ ފެށީ ހޮސްޕީޓާލިޓީއިން, ރިސޯޓް ދާއިރާއިން އިންޓާންއެއް ގޮތަށް ފެށުމަށްފަހު, ބެކް އޮފީސް އަދި ފްރަންޓް އޮފީހުގަ މަސައްކަތް ކުރިން. އެއަށްފަހު ސޭލްސް އެންޑް މާކެޓިންގ އަށް ބަދަލުވީ. އޭގެ ފަހުން މުޅިންވެސް މާކެޓިންގ ވަޒީފާގަ މިއުޅެނީ. ކޮވިޑް-19 އަށް ފަހު ރިސޯޓް ދާއިރާ ދޫކޮށްލަން ދިމާވީ.
މިހާރުގެ ލޯބިވެރިޔާއާ ދިމާވީ ކިހިނެއް؟
ދެމީހުން ރައްޓެހިވީ ޓިކްޓޮކްއިން ދިމާވެގެން. އެކަމަކު އެކަކު އަނެކަކު ދަންނަތާ 10 ވަރަކަށް އަހަރުވާނެ.
ކައިވެންޏާ ދޭތެރޭގައި ދެކެނީ ކިހިނެއްތޯއެވެ؟
”ކައިވެންޏަކީ އެކަމަށް ދެމީހުން ތައްޔާރުވީމަ ކުރަންވީ ކަމެއް. އެކަމަކީ ހިތްއަވަސްވެގެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން. އެކަމެއް ވާން އޮތް އެންމެ ރަނގަޅު ވަގުތެއްގައިވާނެ ކަމަށް ގަބޫލުކުރަން." މި ސުވާލަށް ޖަވާބުދެމުން އަނާ ބުނީ އޭނާ މީގެ ކުރިން އެއްވެސް ކައިވެންޏެއް ކޮށްފައިނުވާ ކަމަށެވެ.
ޓިކްޓޮކް ލައިވްތަކުގައި ބައެއް ދިވެހިން ޒުވާބުކުރުން ކަހަލަ ކަންތައްތަކުގައި މަޝްއޫލުވެ އުޅޭކަން ފާހަގަކޮށްލަންޖެހެއެވެ. ޓިކްޓޮކްގައި ކޮންޓެންޓް އުފައްދާ މީހެއްގެ ހައިސިއްޔަތުން އަނާ މިކަމާ ބެހޭގޮތުން ދެކޭ ގޮތް ހިއްސާކުރެވޭނެތޯއެވެ؟
ޓިިކްޓޮކް ލައިވްތަކުގައި ގިނަ ދިވެހިން ޒުވާބުކޮށް އުޅެނީ ގިނައިން ވިއުސްއާއި އޯޑިއެންސް އެންގޭޖްމެންޓް ލިބޭތީ ކަންނޭނގެ. އެންޓަރޓެއިނިންގ ކަމެއް ގޮތަށް ދެކިގެން. ވިއުސްއާއި އެންގޭޖްމެންޓްއިން ހިތްވަރު ނުލިބޭނަމަ އެމީހުންވެސް ޕަބްލިކްކޮށް ޒުވާބެއް ނުކުރާނެހެން ހީވަނީ.
ޓިކްޓޮކް ސްޓާރުންނާ ބެހޭގޮތުން ސޯޝަލް މީޑިއާގައި އެކި ފާޑުގެ ވާހަކަތައް ދެކެވެ އެވެ. ފާޑުކިޔުންތަކާ ގުޅޭގޮތުން ބުނެލަން ބޭނުންވަނީ ކީކޭ ހެއްޔެވެ؟
އެންމެންގެ އަނގަޔަކު ނުހިފެހެއްޓޭނެ. އަދި މީހުން ދައްކާ ވާހަކަތައްވެސް ނުހުއްޓުވޭނެ. މީހުން ދައްކާ ކޮންމެ ވާހަކައަކަށް ޖަވާބުދާރީ ވާންޖެހޭކަމަކަށް ނުދެކެން. ހަގީގަތުގައި އެމީހަކާއި ގާތް ނުވަތަ އެމީހަކަށް މުހިންމު މީހުންނެއް އެމީހަކާ ބެހޭގޮތުން ދެކެވޭ އެކަހަލަ ވާހަކަތަކުގައެއް ނުޖެހޭނެ. އެމީހުންނަށް މާ ރަނގަޅަށް ހަގީގަތް އިނގޭނެ. އަޅުގަނޑުގެ ދިރިއުޅުމުގައި ކައިރިކޮށްގެން އުޅެނީ ވަރަށް މަދު ބައެއް.
ޕެއިޑް ޕްރޮމޯޝަންތަކުން އަނާއަށް މަހެއްގެ މައްޗަށް ކިހާ އާމްދަނީއެއް ލިބޭ ހެއްޔެވެ؟
ޓިކްޓޮކްގެ ސަބަބުން މޮޑެލްކުރަން ފުރުސަތު ލިބޭ. ޓިކްޓޮކްގައި އަނާ ކޮންޓެންޓް ކްރިއޭޓް ކުރަނީ ހޮބީއެއްގެ ގޮތުގައި. ފުލްޓައިމްކޮށް މަސައްކަތްކުރާނަމަ އާމްދަނީއެއް ލިބޭނެ. ޕެއިޑް ޕްރޮމޯޝަންތަކާއި އިޝްތިހާރުތަކުގެ ޒަރީޔާއިން އަޅުގަނޑަށް މަހެއްގެ މައްޗަށް ރަނގަޅު އާމްދަނީއެއް ލިބޭ. ބައެއް ފަހަރު އަމިއްލައަށް އިޝްތިހާރުގެ ކޮންސެޕްޓް އުފައްދާ އަޑުވެސް އަޅައިދެން.
މޮޑެލްކުރުމުގެ ފުރުސަތުތައް ލިބޭ ވާހަކަ އަނާ ބުނެފައި ވެއެވެ. ހަމަ އެގޮތަށް ފިލްމު ކުޅެން މިހާތަނަށް އެއްވެސް އޮފާއެއް ލިބިފައިވޭތޯއެވެ؟
ރައްޓެއްސަކު އެހި ފިލްމެއް ކުޅެން. މިވަގުތު ފިލްމެއް ކުޅޭކަށް ބޭނުމެއް ނޫން. އެކަމަކު ފަހުން އެކަމާ ދޭތެރޭ ވިސްނާނުލާނަމެކޭއެއް ނޫން.
ސިޔާސީ ދާއިރާގައި އަނާ ފެނިލުމުގެ ފުރުސަތު އެެބައޮތްތޯއެވެ؟
ސިޔާސީ ދާއިރާއަށް ވަންނަން ޖެހިލުންވޭ އެ ދާއިރާއަށް ނުކުންނަ އަންހެން ބޭފުޅުންނަށް ކުރާ ފުރައްސާރައިން. ފުރުސަތު ލިބިއްޖެއްޔާ ދުރު މުސްތަގުބަލެއްގައި ސިޔާސީ ދާއިރާއަށް ކުރިމަތިލާން ވިސްނާލަފާނަން.
3 ލަފްޒުން އަނާ އަމިއްލަ މީހާ ސިފަކޮށްދޭނީ ކިހިނެއް؟
އަޅުގަނޑަކީ މީހުންނާއި ގުޅޭ، ހިތްހެޔޮ އަދި އިމްޕަލްސިވް މީހެއް.
ކޮންޓެންޓް ކްރިއޭޓް ކުރަން ޝައުގުވެރިކަން ހުންނަ މީހުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ ހެއްޔެވެ؟
މި ދާއިރާގައި އުޅޭ މީހުންނަށް ފުރައްސާރަ އަމާޒުވާނީ އާދަޔާ ހިލާފަަށް. އެހެން ނަމަވެސް މި ދާއިރާގައި ކުރިއަށްދާން ބޭނުންވާމީހުން ފަހަތަށް ނުބަލާ ކުރިއަށްދާންވީ. ކޮންޓެންޓް ކްރިއޭޝަނަކީ އެކަމާ ވަރަށް ގަޔާ ވެގެން ކުރެވޭނެ ކަމެއް. ކޮންސިސްޓަންޓްކޮށް ރަނގަޅު ކޮންޓެންޓް އުފައްދާނަމަ ވަކި ހިސާބަކުން މީހުން ބަލައިގަންނަ ފަރާތަކަށްވާނެ.