ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ 8 މަސް ދުވަހު ކުޅުމާ ދުރުގައި ހުރި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު، ރޮޑްރީ ފުރަތަމަ ފަހަރަށް ސްކޮޑުގައި ހިމެނިއްޖެއެވެ.

އުމުރުން 28 އަހަރުގެ ރޮޑްރީ އަށް އަނިޔާވީ، މިދިޔަ ސެޕްޓެންބަރު މަހުގައި ޕްރިމިއަރ ލީގުގައި ވާދަވެރި އާސެނަލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި 2-2 އިން އެއްވަރުވި މެޗުގައެވެ.

އެހެންކަމުން، މިރޭ ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ސިޓީ ކުޅޭ މެޗަށް ރޮޑްރީގެ އެނބުރިއައުމަކީ މި ފަހަރުގެ ސީޒަނުގައި ސިޓީ އަށް ކުރިމަތިވީ ނާކާމިޔާބީތައް ހަނދާނުން ފޮހެލައި، އަންނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް އެ ޓީމުން ކުރަމުންއަންނަ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މީގެ އަހަރެއްހާ ދުވަސްކުރީން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ރޮޑްރީ އަށް އަނިޔާވި ހިސާބުން ސިޓީގެ ސީޒަން އެފުށް މިފުށަށް ޖެހުނުއިރު، ލީގުގައި އެ ޓީމު އޮތީ ހަވަނައިގައެވެ. މިހާތަނަށް ކުޅުނު 36 މެޗުން ސިޓީ އަށް ލިބިފައިވަނީ 65 ޕޮއިންޓެވެ. 

މިއާއެކު، ލީގުގައި ބާކީ އޮތް މެޗުތައް ކާމިޔާބުކޮށްގެން މެނުވީ އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭކަށް ނެތެވެ.

ނިމިދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ސިޓީން މި ފަހަރުގެ ސީޒަނުގެ އެންމެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.