ލަންޑަންގައި އުޅެމުން އަންނަ އުމުރުން 6 އަހަރުގެ މޫސާ އަށް ގިނަބަޔަކު ހަނގާ ކުރަންފެށީ އޭނާ އައިނު އަޅަން ޖެހުނު ހިސާބުންނެވެ. ސުކޫލުގެ މާހައުލުގައި ގިނައަދަދެއްގެ ކުދިން މޫސާ އާއި ދިމާކޮށް މަލާމާތްކޮށް ހަދައެވެ.
އޭނާގެ ބައްޕަގެ ޓްވިޓާރ އެކަންއުންޓުގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނަނީ، އުމުރުން އެންމެ 6 އަހަރުގެ މޫސާއަށް ބަދަލުތަކެއް އަންނަކަން އޭނާއަށް ފާހަގަވިކަމަށެވެ. އެގޮތުން އަބަދު ހާސްކަމެއްގެ ތެރޭގައި އުޅުމާއެކު އައިނު އެޅުމަށާއި ސުކޫލަށް ދިއުމަށް މޫސާ އިންކާރު ކުރަންފެށިއެވެ. އެހިސާބުން އޭނާ، މޫސާގެ ގާތުން ވީގޮތް އޮޅުން ފިލުވުމުން، ސުކޫލުގައި މޫސާ އަށް ހަނގާ ކުރާ ކަމަށް ބުންޏެވެ. އަދި ހަނގާ ކުރާ ކުދިން ހަނގާ ކުރަނީ އައިނު އެޅީމާ ކަމަށްވެސް މޫސާ ބުންޏެވެ.
މީގެ އިތުރުން މޫސާގެ ބައްޕަ ވަނީ މީސްމީޑިޔާގައި މޫސާ ގެ ފޮޓޯ ހިއްސާކޮަށް، ރީތި ތޯ އަހާފައެވެ. އެއާއި އެކު ގިނަ ބައެއްގެ ޝައުގުވެރިކަން އެ ޕޯސްޓްއަށް ލިބި މޫސާ އަށް ގިނަ ބައެއްގެ ތައުރީފު ލިބެން ފެށިއެވެ. އޭގެ ތެރޭގައި ބޮޑެތި ސިޔާސީ ލީޑަރުންނާއި މަޝްހޫރު ފިލްމީ ތަރިންވެސް ހިމެނެއެވެ.
މި ތައުރީފުތަކަށް ފަހު މޫސާ ވަނީ ގިނަބަޔަކު ދަންނަ މަޝްހޫރު ކުއްޖަކަށް ވެފައެވެ. އެހެންކަމުން އޭނާއަށް ކުރަމުން އައި ހަނގާކުރުންތައް ހުއްޓުނެވެ. އޭގެފަހުން މީސާ އުޅެމުން އައީ އައިނުވެސް އަޅައިގެންނެވެ.
މޫސާ ވަނީ އޭނާއަށް ހިތްވަރު ދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ބުނާގޮތުން އޭނާއަށް ދެކަމެއް ދަސްވެސްވިއެވެ. އެއީ އޭނާ އައިނު އެޅުމުން ހުތުރު ނޫން ކަމަށާއި އަދި ހަނގާ ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫންކަމަށެވެ. އޭނާގެ މި ހަބަރު އޭނާގެ ބައްޕަގެ ޓްވިޓާރ އެކައުންޓު ބޭނުންކޮށް އެންމެނަށް ދީފައެވެ.
