ފެހި ސިގްނަލެއް ނުފެންނަނީސް މަގު ހުރަސް ނުކުރުމަކީ ޓްރެފިކް ގަވާއިދަކަށްވީހިނދު މި ގަވާއިދަށް ތަބައު ނުވާނަމަ ތިބާގެ ފުރާނަ ދުނިޔެއާއި ވަކިވެދިއުމުގެ ފުރުސަތު ބޮޑެވެ. ދެން ހިތަށް އަރާފާނެ ލޯބީގެ ގުޅުމެއްގައި ފެހި ސިގްނަލްތަކަށް ބެލުމަކީ ކިހާ މުހިންމު ކަމެއް ބާއެވެ؟ މި ދައްކާ ވާހަކައަކީ މީހާއަކީ ރަނގަޅު ނުވަތަ ގޯސް މީހެއްކަން ބެލުން ވާހަކަ ކަމަށް ހިތަަށް އަރާފާނެއެވެ. އެހެންކަމަކު، ބުނަންތަ. މީހާއަކީ މިޒާޖުން ރަނގަޅު މީހަކަށްވެސް ވެދާނެއެވެ. ނުވަތަ ގޯސް މީހަކަށްވެސް ވެދާނެއެވެ. މީހާއަކީ ކިތަންމެ ގޯސް މީހަކަށްވިޔަސް އޭނާ ތިބާއާއި ދޭތެރޭ ކަންތައް ކުރާ ގޮތަށް ބެލުން މުހިންމެވެ. ފަހަރެއްގައި އެމީހާ އެހެން މީހުންނަށް ކިތަންމެ ރަނގަޅު މީހަކަށްވިޔަސް ތިބާއާއި ދޭތެރޭ ގޯސްކޮށް ކަންތައް ކުރާ މީހަކަށްވެސް ވެދާނެއެވެ.

ލޯތްބަކީ މީހާގެ ސިކުނޑި ދޭ ސިގްނަލްތައް އެއްފަރާތްކޮށްލާ ފަދަ ޖަޒުބާތެކެވެ. އެކަމަކު ނަފްސާނީ އިލްމުވެރިން އަދި ތިބާގެ ވަށައިގެންވާ ގިނަ މީހުން ހަމަގައިމުވެސް ހަގީގީ ލޯބިވެރިންނަކީ ކޯޗެއްކަން ބުނެދޭނެއެވެ. މިތަނުގައި ފެހި ސިގްނަލް މި މާނަ ކުރަނީ ލޯބިވެރިޔާ ތިބާއާއި ދޭތެރޭ ކަންތައްކުރާނެ އުސޫލުތަކެއްގެ މައްޗަށެވެ. އޭނާ ތިބާއަށް ކިތަންމެ ވަރަކަށް ކާންދީ ހަރަދުކުރިިޔަސް ހަގީގީ ލޯބިވެރިއެއްގެ ކިބައިން ވަކި ސިފަތައް ނުވަތަ ފެހި ސިގްނަލްތައް ފެންނާނެއެވެ. މި ޖަޒުބާތުގެ މައްޗަށް ގަދަވެ، ތިރީގައިވާ ފެހި ސިގްނަލްތަކަށް ބަލާލަމާ ހެއްޔެވެ. ކައިވެންޏަކާއި ހަމައަށް ދިއުމުގެ ކުރިން ސައިކޮލޮޖީ އިލްމުން ފާހަގަކޮށްފައިވާ މި ސިފަތަކަށް ބެލުން މުހިންމެވެ. 

1- ދެމީހުންގެ ޒާތީ ދިރިއުޅުމަށް އިޙްތިރާމްކުރުން:

 އަޅުގަނޑުމެން އެންމެންގެ ކިބައިގައި ބިރުގަންނަ، ކަންބޮޑުވާ، ނުވަތަ ރުޅިގަދަވާން މެދުވެރިވާ ތަފާތު ކަންތައްތައް ހުންނާނެއެވެ. މިކަންކަން ގަބޫލުނުކޮށް އެކަމާއި ހާސަރު ދަމަންޏާ، ތި ގުޅުން އިތުރު ހަރުފަތަކަށް ހުރަސް ކުރާއިރު ނުރައްކާ ކުރިމަތިވާނެއެެވެ. ދެމަފިރިއަކަށްވިޔަސް ލޯބިވެރިން ނަމަވެސް އެމީހެއްގެ ވަގުތު ހޭދަކުރާނީ ތަފާތު ކަންކަމުގައެެވެ. އިސްކަންދޭނީ ތަފާތު ތަރުތީބުންނެވެ. ވީމާ، ދެމީހުންވެސް ޒާތީ ދިރިއުޅުމުގައި ވަކި އިމެއް ބަހައްޓާ އެ އިން ހުރަސް ނުކުރަން ސަމާލުކަން ދޭންވާނެއެވެ. 

2- މުއާމަލާތް ކުރުން

ރުޅި އައިސްގެން ތަޅުވާ ހަދާ އަންހެނުންނަކީ ވަރަށް ސަޅި ބައެެއް ކަމަށް ދެކެނީ ކިތައް ފިރިހެނުންބާއެވެ؟ އަދި ތަޅުވާ ހަދާ މީހުންގެ އިންތިޒާރުގައި 2-3 ދުވަސް މަޑުކުރަނީ ކިތައް މީހުންބާއެވެ؟ މިއީ 'ރިލޭޝަންޝިޕް 101' އެއް ކަމަށް ދެކުނަސް، މި ޒަމާނުގެ ނަފްސާނީ އިލްމުވެރިން ގަބޫލުކުރާގޮތުގައި މިއީ 'ރިލޭޝަންޝިޕް 0' ޓިޕްއެކެވެ. ކަމަކާއި ރުޅި އައިމަ އެކަން ވީއެންމެ އަވަހަށް ހައްލުކުރަން އިސްކަންދީ، ވީހާވެސް އަދަބުވެރިކޮށް ވާހަކަދައްކާ މީހުންނަކީ ތިބާ ދެކެ ހަގީގީ ލޯބިވާ މީހުން ކަމުގައި ދަންނާށެވެ. ހިޔާލުފާޅުކުރުމުގެ ކުރިން އަދި ފަހުންވެސް ތިބާއަކީ ލޯބިވެރިޔާކަން ހަނދާނުގައި ބަހައްޓާނެއެވެ. އަދި ތިބާގެ ކުށް ދެއްކުމަށްވުރެ ބޮޑަށް މައްސަލައިގެ ހައްލު ހޯދަން އަހައްމިއްޔަތުކަންދޭނެއެވެ. އެއާއި ހިލާފަށް މައްސަލައިގައި ކުށްވެރިޔަކީ ތިބާ ކަމަށް އޮޅުވާލައިގެން ދައްކަން އުޅުމަކީ 'ޓޮކްސިކް' ސިގްނަލެެކެވެ. 

3- ޖަޒުބާތުތައް ކޮންޓްރޯލްކުރުން 

ބައެއް މީހުންނަކީ ވަރަށް އުފާވެރި މީހުންނެވެ. އެއް ބަޔަކު މާ ބޮޑަށް ކަންކަމާއި މާޔޫސްވެ، ސްޓްރެސްވެ އުޅޭއިރު ދެން ހުރި މީހާގެ އިހުސާސްތައް ނުދަނެ އުޅެވޭގޮތް ވެދާނެއެވެ. ނުވަތަ އުފާވެރި ސަކަ މިޒާޖުގެ މީހާއަށް އަނެކާއާއި އެެއްކޮށް އުޅެން އުނދަގޫވެދާނެއެވެ. ނަމަވެސް ތިބާގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ދެކެ ލޯބިވާނަމަ ރުޅި އައުމާއި އެހެނިހެން އިހުސާސްތައް ކޮންޓްރޯލްކުރަން ދަސްކުރާނެއެވެ. އެންގްޒައިޓީ ފަދަ ކަންކަމަށް ތެރަޕީ ހޯދާނެއެވެ. އެކަން އެގޮތަށް ނުވާނަމަ ކައުންސެލިން ހޯދައިގެންވިޔަސް ތިބާއާއި އެކީގައި އުޅެވޭނެ ފަސޭހަ ގޮތްތައް ހޯދާނެއެވެ. 

4- މިނިވަންކަމާއިއެކީ އަމިއްލަ ކަންކަން ކުރުން 

އަނެކާގެ އެހީ ހޯދުމަކީ ރަނގަޅު ޒަވާޖީ ހަޔާތަކަށް ވަރަށް ލާޒިމް ނުކުތާއެކެވެ. އެހެނަސް ތާއަބަދު ހުރިހާ ކަމެއްގައި ބައިވެރިޔާގެ އެހީއަށް އެދުމަކީ އިންސާފެއްބާއެވެ؟ ރަނގަޅު ލޯބިވެރިޔެއްނަމަ އޭނާގެ އަމިއްލަ ދެ އަތުން ކަންކަން ކުރުމަށް އިސްކަންދޭނެއެވެ. އަދި ލޯބިވެރިޔާއަށް އޭނާގެ އަމިއްލަ ދިރިއުޅުން ބިނާކުރުމަށް 'ސްޕޭސް' ދޭނެއެވެ. އެ ޖާގައިގެ ތެރޭގައި ރަހުމަތްތެރިންނާއި ގުޅުން ބިނާކުރުމާއި އަމިއްލަ ހޮބީތައް ނުވަތަ ކަންކަން މިނިވަންކަމާއިއެކީ ކުރުވުން ހިމެނެއެވެ.

5- ހުނުން

ހީ ސަމާސާ ކުރުމަކީވެސް ރަނގަޅު ޒަވާޖީ ހަޔާތަކަށް ބޭނުންވާ ރަހައިގެ ތެރޭގައި ހިމެނޭ މުހިންމު ރަހައެކެވެ. އޭގެ މާނައަކީ ކޮންމެހެން 'ކޮމީޑިއަން'އަކާއި ކައިވެނިކުރުމެއް ނޫނެވެ. ތިބާ ދެކެ ލޯބިވާ މީހަކު ތިބާ ހެއްވާލާ، ތިބާގެ މޫނުމައްޗަށް ހިނިތުންވުން ގެންނަން މަސައްކަތްކުރާނެއެވެ. އުފާވެރި ދުވަސްތަކާއި ހިތާމައިގައިވެސް ތިބާ ހެއްވަން މަސައްކަތްކުރާނެއެވެ. ތިބާއާއި ދިމާލަށް ހުނުމުގެ ބަދަލުގައި ތިބާއާއި އެކީގައި ހޭން އޭނާ ބޭނުންވާނެއެވެ. 

6- މީހާ ކުރިއެރުވުން 

އެންމެ ރަނގަޅު ބައިވެރިޔަކީ ތިބާއަށް ފުރިހަމަކަމެއް ގެނެސްދޭ ބައިވެރިންނެވެ. މިކަމަށް ނަފްސާނީ މާހިރުން ވަނީ މައިކަލް އެންޖެލޯ ފެނޮމެންގެ ނަން ދީފައެވެ.  އަޅުގަނޑުމެންނަށް އާ ހުނަރުތަކާއި ދުނިޔެ ދެކޭ ގޮތްތައް ދަސްކުރެވެނީ އެހެން މީހަކާއެކު އުޅެގެންނެވެ.  ތިމާއަކީ ކާކުކަން ދަންނަ ކަމުދާ މީހަކު ދިމާވުމުން މީހާގެ ދިރިއުޅުމަށް ރަނގަޅު އޮފްކަމެއް އަންނާނެއެވެ. އެމީހުން ތިބާގެ ކިބައިގައި ހުރި އެންމެ ރަނގަޅު ކަންތައްތައް ބޭރަށް ނެރެނީ ހެއްޔެވެ؟ ތިމާގެ އަމިއްލަ ނަފްސު ކުރިއަރާ، ތިމާގެ އަމިއްލަ ނަފްސުގެ އެންމެ ރަނގަޅު 'ވަރޝަނަށް' ބަދަލުވަމުންދާކަން އިހުސާސް ކުރެވޭ ހެއްޔެވެ؟ މީގެ މާނައަކީ ކޮންމެހެން އެމީހަކު ޖިމްގައި ތިބާ ޓްރެެއިން ކުރުވުމެއް ނޫނެވެ. އޭގެ މާނައަކީ ތިބާގެ ކިބައިގައި ހުރި ހުނަރާއި ކްރިއޭޓިވިޓީ ބޭރަށް ނެރުމަށް ހިތްވަރުދީ އެހީތެރިކަންދޭ މީހުންނަށް އިސްކަންދިނުމެވެ. އެފަދަ ލޯބިވެރިންގެ ކިބައިގައި ތިބާގެ ނުރަނގަޅު ހިޔާލުތައް ބަދަލުކުރުމާއި ރަނގަޅު ހިޔާލުތަކަށް ތަންދިނުމުގެ ގާބިލުކަން ހުންނާނެއެވެ. އަދި މުސީބާތެއް ނުވަތަ ގޮންޖެހުމެއް ކުރިމަތިވާ ދަނޑިވަޅެއްގައި އެކަމަކާއި ކުރިމަތިލާން ތިބާއާއިއެކީ ޓީމްވޯކް ދައްކާނެވެސް މެއެވެ. 

7- އެއްގޮތް އަމާޒުތައް

ދިރާސާތަކުން ދައްކާގޮތުގައި އެއްގޮތް ލަނޑުދަނޑިތައް ހިއްސާކުރާ ލޯބިވެރިން ނުވަތަ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ މިންވަރު ދަށެވެ. ދެމީހުން ދީނީ ކަންކަމާއި އެހެނިހެން އުސޫލުތަކާއި ކަންކަމުގައި ހިޔާލު އެއްގޮތްވާ މިންވަރަކީވެސް ޒަވާޖީ ހަޔާތަށް މުހިންމު ސިގްނަލެއްކަން އެތަކެއް ސާވޭތަކުން ދައްކައެވެ. ޖާނަލް އޮފް ސޯޝަލް އެންޑް ޕާސަނަލް ރިލޭޝަންޝިޕްސްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެއްގޮތް ފިކުރާއި ލަނޑުދަނޑިތައް ހުންނަ ދެމަފިރިންނަށް ކައިވެނީގެ ފުރަތަމަ ފަސް އަހަރު ތެރޭގައި ޖެހޭ މައްސަލަތައް އެހެނިހެން ދެމަފިރިންނާއި އަޅާބަލާއިރު 40 އިންސައްތަ ދަށެވެ.