ﷲ ސުބުހާނަހޫ ވަތަޢާލާ ހުރިހާ ކަމެއް ދެނެވޮޑިގެންވެއެވެ. ކީރިތި ޤުރުއާންގެ އެތައް އާޔަތެއްގައި، މި މަތިވެރި ޙަޤީޤަތް ހާމަކުރައްވާފައިވެއެވެ. { إِنَّ ٱللَّهَ لَا يَخْفَىٰ عَلَيْهِ شَىْءٌۭ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ } (އާލު އިމްރާން: 5) މާނައީ: "ހަމަކަށަވަރުން ﷲ އީ، ބިމާއި އަދި އުޑުގައިވާ އެއްވެސް އެއްޗެއް އެކަލާނގެ އަށް ވަންހަނާވެގެންނުވާ ރަސްކަލާނގެއެވެ." { إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ } (އާލު އިމްރާން: 119) މާނައީ: "ހަމަކަށަވަރުން ﷲ އީ، ހިތްތަކުގައި ވާހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." މިފަދަ އާޔަތްތަކުގައި، ﷲ ގެ ދެނެވޮޑިގަތުމުގެ ބޮޑުކަން ހާމަކުރައްވާފައިވެއެވެ.
ﷲ އަށް އީމާންވެގެން ހުރި މީހަކަށް މިކަން ޔަގީންކުރެވިއްޖެނަމަ، އޭނާގެ ހިތުގައި ﷲ އަށް ބިރުވެތިވުމުގެ ޝުއޫރު އުފެދޭނެއެވެ. ﷲ ނަހީކުރައްވާފައިވާ ކަމަކަށް އަރައިގަތުމަށް ޖެހިލުންވާނެ އެވެ. ނަތީޖާއަކަށްވާނީ، އެފަދަ މީހުންގެ އަމަލުތައް އިސްލާހު ވުމެވެ. އެހެންމީހަކަށް ނުފެނުނު ކަމުގައިވިޔަސް، ތިމާގެ ހުރިހާކަމެއް އަދި ކީއްތޯއެވެ؟ ތިމާގެ ހިތުގައި ހިނގާ ޙިޔާލުތައް ވެސް ﷲ އަށް ވަންހަނާވެގެން ނުވާނެކަން ގަބޫލުކުރެވުމުން، ތިމާގެ އަމަލުތަކުގެ ފަނޑިޔާރަކީ، ޚުދު ތިމާކަމުގައި ވެގެންދާނެއެވެ. އެފަދަ ތެދުވެރި މުއުމިނުންނާމެދު ﷲ ވަހީކުރައްވާފައިވެއެވެ.{ وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ } (އައްނާޒިއާތު: 40، 41) މާނައީ: "އަދި އެމީހާގެ ވެރި ރަސްކަލާނގެ ހަޞްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފި މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ."
ޝައްކެއްނެތެވެ. ތިމާގެ ހިތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ އަށް ބިރުވެތިވުން އިތުރުވީވަރަކަށް ތިމާގެ އީމާންކަން އިތުރުވެ، ހަރުދަނާވާނެ އެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ. { قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍۢ }(އަލް އަންއާމް: 15) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ ބޮޑުވެގެންވާ ދުވަހެއްގެ އަޛާބަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ."
ނަބީބޭކަލުންނާއި ރަސޫލުބޭކަލުން، ކުށްފާފާ ތަކުން ރައްކާތެރި ކުރައްވާފައި ވުމާއެކުވެސް، އެބޭކަލުން ހިމެނިވަޑައިގަންނަވަނީ، ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެވަޑައިގަންނަވާ ބޭކަލުން ކަމުގައެވެ. އެބޭކަލުންނަކީ، އިންސާނުން ކަމުގައިވުމާއެކު، އިންސާނީ ޠަބީއަތުގައިވާ ބަލިކަށި ސިފަތަކުން އެބޭކަލުން ރައްކާތެރިވެވަޑައިގަތުމުގެ ބާރަކަށްވަނީ ﷲ އަށް، އެބޭކަލުންގެ ހިތްޕުޅުގައިވާ ބިރުވެތިކަމާއި އީމާންކަމުގެ ހަރުދަނާކަމެވެ.
ޤިޔާމަތް ދުވަހު ﷲ ގެ އަރުޝީގެ ހިޔާވަހިކަންނޫން އެހެން ހިޔާވައްސެއް ނުވާދުވަހު، އަރުޝީގެ ހިޔާވަހިކަން ދެއްވާނެ މީހުންގެ ތެރޭގައި ﷲ އަށް ބިރުވެތިވެ ފާހިޝް ކަންތައް ކުރުމުން އެއްކިބާވާމީހާ ހިމެނޭނެކަމަށް އަންގަވާފައިވުމުން، ކަމުގެ ބޮޑުކަން ހާމަވެއެވެ.
(ﷲ އަށް ބިރުވެތިވުމަކީ، އީމާންކަން އިތުރުވެ އަމަލުތައް އިސްލާހުވާ ކަމެކެވެ. - އަހުމަދު ފާރޫޤް މުޙައްމަދު؛ ދީނުގެ މަގު ޢަދަދު 14, ޞ.2 - 23 އޭޕްރީލް 2004)