ދުނިޔޭގެ ކުޑަކުދިންގެ މެދުގައި މަޤްބޫލު އެނިމޭޓެޑް ސީރީސް "ޕެޕާ ޕިގް" އަށް 20 އަހަރު ފަހުން އާ ބަދަލުތަކެއް އަންނަން ފަށައިފިއެވެ. މިގޮތުން ޕެޕާގެ އާ ކުޑަ ކޮށްކޮ އީވީ ދުނިޔެއަށް އައިސްފައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.
ޕެޕާ ޕިގްގެ މަންމަ އަށް ދަރިއަކު ލިބޭނެ ކަމަށް ފެބްރުއަރީ މަހު އިއުލާނު ކުރެވުނެވެ. އަދި އޭޕްރިލް މަހު މި ދަރިފުޅަކީ އަންހެން ކުއްޖެއް ކަން ހާމަ ކުރެވުނެވެ. އަދި މީގެ 4 ދުވަސްކުރިން ހެނދުނު ގުޑް މޯނިންގ ބްރިޓެއިން ޕްރޮގްރާމުގައި ވަނީ ޕެޕާގެ މަންމަ އަށް ކުޑަ އަންހެން ޕިގެއް ލިބިފައިވާ ކަމަށް އިއުލާނު ކޮށްފައެވެ. މި ޕިގްގެ ނަމަކީ އީވީ ކަމަށާއި، މިއީ ޕެޕާގެ މަންމަގެ ބޮޑުދައިތަގެ ނަމުން ވެދިފައިވާ ނަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ޕެޕާގެ ކޮއްކޮ އީވީ ދުނިޔެއަށް އައިސްފައިވަނީ ހެނދުނު 5:34 ގައި ލަންޑަނުގެ ލިންޑޯ ވިންގ ގައެވެ. މިއީ ކޭޓް މިޑްލްޓަން އާއި ޕްރިންސް ވިލިއަމްގެ ތިން ދަރިން ވެސް ދުނިޔެއަށް އައިސްފައިވާ ތަނެވެ. މި ތަނުގައި އެއް ރެއަކަށް 5،900 ޕައުންޑުން ފެށިގެން 7،500 ޕައުންޑާ ހަމައަށް ޚަރަދު ވާނެއެވެ.
ޕެޕާ އާއި އޭނާގެ ކުޑަ ކޮށްކޮ ޖޯޖް ވަނީ އާ ކުޑަ ކޮށްކޮ ލިބުމުން ވަރަށް އުފާވެފައެވެ. އަދި ޕެޕާގެ މަންމަ އާއި ބައްޕަ ވެސް ވަނީ ގިނަ އުފާވެރި ވަގުތުތަކަކާއި ނިދި ނުލިބޭ ރޭތަކަކަށް ތައްޔާރުވެފައެވެ.
މި ޚަބަރު އިންސްޓަގްރާމްގައި ޝާއިއު ކުރުމާއެކު ވަނީ ގިނަ ބަޔަކު މި ކަމަށް މަރުޙަބާ ކިޔާފައެވެ. އަދި ޕެޕާގެ ކޮށްކޮ ފެންނާނެ އެއް ގަޑިއިރުގެ ޚާއްސަ ފިލްމެއް މޭ 30 ގައި ސިނަމާތަކުގައި ދައްކާނެ ކަމަށް ވެސް ވަނީ އިއުލާނު ކޮށްފައެވެ.