"ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާ އިން އެއްވަނަ މަގާމު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި "ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެންމެ ޝަރަފުވެރި ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.
ސްޓެލްކޯ އިން މައުރަޒުގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބައިން ފަޚުރުވެރި އެއްވަނަ މަގާމު ހޯދުމުން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މި ޓްރޮފީއާ ހަވާލުވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ހުސެއިން ފަހުމީ އެވެ.
މި ކާމިޔާބީ ހާސިލްކުރުމަށްފަހު ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ، "މި ކާމިޔާބީ ހާސިލްކުރެވުމުން ސްޓެލްކޯގެ ޓީމަށް މަރުހަބާ ކިޔަން. މިއީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި، ވަފާތެރިކަމުގެ ނަތީޖާ،"

މި މައުރަޒުގައި ސްޓެލްކޯ އިން ދައްކާލީ، އެ ކުންފުނިން އަލަށް ތަޢާރަފްކުރި 'ރީޖަނަލް ސްކާޑާ' ނިޒާމެވެ. މިއީ އެ ކުންފުނިން ކަރަންޓު ފޯރުކޮށްދެމުންގެންދާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމުގެ ކަންތައްތައް މޮނީޓަރކުރުމަށް ތަރައްޤީކުރެވުނު ނިޒާމެކެވެ.
ސްޓެލްކޯ އިން ބުނީ، މި ނިޒާމުގެ ސަބަބުން ކަރަންޓު ހިދުމަތުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވި، އެކަންކަން ހަލުވި ސްޕީޑުގައި ހައްލުކުރެވި، މުސްތަގުބަލުގައި ކަރަންޓު ބޭނުންވާނެ މިންވަރު ލަފާކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
މި މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ އެކި ވަނަވަނަ އަށް އައި 275 ފަރާތަކަށް އިނާމުދީފައެވެ.
