ކ. ހިންމަފުށީގެ ކަރަންޓު ހާލަތު ރަނގަޅުކުރުމަށްޓަކައި އިތުރު ޖެންސެޓެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ހިންމަފުއްޓަށް ކަރަންޓު ފޯރުކޮށްދެމުންގެންދާ ސްޓެލްކޯ އިން ބުނީ، ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމެންގެންދާ ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިހާރު 500 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ފޮނުވައި، ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ، މި އައު ޖެންސެޓާއެކު ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ 2،414 ކިލޯވޮޓް އަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި، ކެޕޭސިޓީ އިތުރުކުރުމުގެ މި މަސައްކަތާއެކު އެރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ވަނީ އިތުރަށް ކަށަވަރުކުރެވިފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި އެއްގޮތަށް ސްޓެލްކޯއާއި ފެނަކައިން ދަނީ އެކުންފުނިތަކުން ދޭ ކަރަންޓުގެ ޚިދުމަތުގެ ކެޕޭސިޓީތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.