ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފިންލެންޑްގެ ކުންފުނި ވާޓްސިލާ ގުޅިގެން، ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކޮލިޓީ، އެންވަޔަރަމެންޓަލް، ހެލްތު އެންޑް ސޭފްޓީ (ކިއުއީއެޗްއެސް) ސެޝަނެއް ބާއްވައިފިއެވެ.

ސްޓެލްކޯގެ ހެޑްއޮފީހުގައި މިއަދު ބޭއްވި މި ސެޝަންގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ އާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ވާޓްސިލާގެ އިސްވެރިން ބައިވެރިވިއެވެ.

ސްޓެލްކޯ އިން ބުނީ، މި ސެޝަނަކީ އީޖާދީ ކަންކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ތަރައްޤީކޮށް އަދި ހިންގުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި ދެ ކުންފުނީގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މުހިއްމު މަރުހަލާއެއް ކަމަށެވެ.

މި ސެޝަންގައި ވާޓްސިލާ އިން ވަނީ، ސްޓެލްކޯ އިން ދެމުންގެންދާ ޚިދުމަތަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ހަނދާނީ ފިލައެއް އަރުވާފައެވެ.

މީގެއިތުރުން، ސްޓެލްކޯ އިން ވެސް ވަނީ، ވާޓްސިލާ އާއެކު ހޭދަކުރީ މިދިޔަ 10 އަހަރު ދުވަހުގެ ގުޅުމުގެ އަގުވަޒަންކޮށް އެ ކުންފުންޏަށް ހަނދާނީ ފިލައެއް އަރުވެފައެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި، އެ ކުންފުނީގެ ފެސިލިޓީތަކުގައި ވާޓްސިލާގެ 14 އިންޖީނު ހުރިއިރު، މި އިންޖީނުތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 86 މެގަވޮޓް އެވެ.

މި އިންޖީނުތަކާއެކު ޤާއިމުކުރެވިފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ވިއުގަ ހަރުދަނާވެ، ޤައުމުގެ ތަރައްޤީއަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ބުނީ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުހިއްމު ދަތުރުގައި އެ ދެ ކުންފުނީގެ މެދުގައި އޮތް ޒަމާންވީ ގުޅުން ކުރިއަށްގެންދިއުމަށް އުއްމީދުކުރާ ކަމަށެވެ.

ވާޓްސިލާ އަކީ ފިންލެންޑްގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ވަރުގަދަ ޖެންސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ސްޓެލްކޯއާ ވާޓްސިލާގެ މެދުގައި ޕާޓްނާޝިޕް ފެށިގެންދިޔައީ 1990 ވަނަ އަހަރު އެވެ.