ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ހިންހާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މ. އަތޮޅުގެ 7 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިން އަސާސީ ބޭންކިންގ ޚިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑުމެންގެ ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ރައްޔިތުން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިންގ އަދި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުންދާނަން."

ޝަރީފް އިތުރަށް ވިދާޅުވީ، "އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވޭ. މި މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވޭ. މި އަދަދުތަކުން މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ޚިދުމަތެއްކަން ހާމަވޭ."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 121 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 179 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.