ހަކުރަކީ އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް އާންމުކޮށް ބޭނުންކުރެވޭ އެއްޗެކެވެ. ނަމަވެސް، މިއީ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗެކެވެ. އޭގައި ފޮނި ރަހަ ދިނަސް، އޭގެ ނަތީޖާ ހިތި އެއްޗެކެވެ. ޚާއްޞަކޮށް ގިނައިން ބޭނުންކުރާނަމަ، ހަކުރުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ވަރަށް ގިނައެވެވެ. މި މަޒުމޫނުގައި އަޅުގަނޑުމެން ބަލައިލާނީ ހަކުރުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކާއި، އޭގެ ނޭދެވޭ އަސަރުތަކަށެވެ.

އެންމެ ފުރަތަމަ ފާހަގަކޮށްލަންޖެހޭ ކަމަކީ ހަކުރުގެ ސަބަބުން ބަރުދަން އިތުރުވުމަށް ބޮޑު ބާރެއް ލިބެއެވެ. ހަކުރު ގިނައިން ހިމެނޭ ބުއިންތަކާއި ކާނާގައި ހުންނަނީ ގިނައިން ހުންނަނީ ކެލަރީސްއެވެ. ނަމަވެސް މިއިން ލިބޭ ކާނާގެ ބޭނުމެއް ނުވަތަ ހަކަތައިގެ މާބޮޑު ބޭނުމެއް ނެތެވެ. މީގެ ސަބަބުން ހަށިގަނޑުގައި "އެޑިކްޓިވްނެސް" އިތުރުވެ، ހަކުރު ކެއުމުގެ ދަހިވެތިކަން އިތުރުވެއެވެ. ދުނިޔޭގައި ހަށިގަނޑު ބޮޑުކޮށް، ފަލަކޮށް ތިބޭ ގިނަ މީހުންނަކީ އެބައިމީހުންގެ ކެއުނުގައި ފޮނި ކާތަކެތި ގިނައިން ބޭނުންކުރާ މީހުންނެވެ.

ގިނަ އަދަދަކަށް ހަކުރު ބޭނުން ކުރާނަމަ ޓައިޕް 2 ޑައިބެޓީސްއަށް މަގުފަހިވެއެވެ. ގިނައިން ހަކުރު ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިން އުފެއްދުމަށް ދަތިވެއެވެ. ނުވަތަ ހަކުރުގެ މެޓަބޮލިޒަމަށް ބޭނުންވާ މިންވަރަށް އިންސުލިން އުފައްދައި ނުދެއެވެ. ނުވަތަ އިންސުލިން ތަކުގެ ބާރު ދެރަވެއެވެ. މިކަމުގެ ސަބަބުން ދުވަސްތަކެއް ވުމުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ކެއުމާއި ބުއިމުގައި ހަކުރު ގިނަ ކުރާނަމަ މިއީ ހިތުގެ ބަލިތަކަށްވެސް އިންސާނާ ހުށަހަޅައިދޭ ކަމެކެވެ. ހަކުރު ގިނައިން ބޭނުންކުރުމުގެ ސަބަބުން ލޭގައި ހުންނަ ޓްރައިގްލިސެރައިޑްސްގެ މިންވަރު އިތުރުވެ، ލޭގެ ޕްރެޝަރުު މައްޗަށް ދެއެވެ. މީގެ ސަބަބުން ލޭ ހޮޅިތަކަށް ގެއްލުން ލިބި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ފޮނި ރަހަ ނުވަތަ ކާ އެއްޗެއްސަކީ އަހަރެމެންގެ ދަތްތަކާ މާ ރައްޓެހި ރަހައެއް ނޫނެވެ. ހަކުރުގެ ދަތްތަކަށް ލިބޭ ގެއްލުމަކީވެސް ވަކި ކުޑަ ގެއްލުމެއް ނޫނެވެ. ހަކުރަކީ އަނގައިގައި ހުންނަ ބެކްޓީރިއާއަށް ނުވަތަ ޖަރާސީމުތަކަށް ކާނާ ލިބޭ އެއް މަގެވެ. މީގެ ސަބަބުން ޕްލާކް އުފެދި، ދަތްތައް ހަލާކުވެ، ދަތްތައް ފަނިކެއުމުގެ ފުރުސަތު ބޮޑުވެއެވެ.

ހަކުރުގެ ސަބަބުން ލިބޭ އަނެއް ގެއްލުމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ހަކުރުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާކަމެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ހަކުރު ގިނައިން ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި އިންފްލަމޭޝަން އިތުރުވެ، އިންސިއުލިން ރެސިސްޓެންސް އުފެދި، ފަލަވުމުގެ ސަބަބުން ބައެއް ބާވަތުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ހަކުރުގެ ސަބަބުން ދެން ކުރިމަތިވާ އިތުރު އެހެން ކަންކަމާއި އެކު ކެންސަރުގެ ބިރުވެރިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އަދި އަދުގެ މި ޒަމާނުގައި، ހާއްސަކޮށް ރާއްޖޭގައިވެސް ކެންސަރު ބައްޔަކީ މިއަދު ގިނަ ބައްޔެކެވެ.

ހަކުރަކީ މިންވަރަށްވުރެ އިތުރަށް ބޭނުންކޮށްފިނަމަ، އޭގެ ސަބަބުން މޫޑަށް (މިޒާޖަށް) އަންނަ ބަދަލުތަކާއި އެކު ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުވާ އެއްޗެކެވެ. ހަކުރު ގިނައިން ބޭނުންކުރުމުގެ ސަބަބުން ކުއްލިއަކަށް (ވަގުތު ކޮޅަކަށް) ހަކަތަ ދަށްވެ، ރުޅިއައުމާއި، ކަންބޮޑުވުމާއި މާޔޫސްކަން އިތުރުވެއެވެ. މީގެ ސަބަބުން ބައެއް މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރެއެވެ.

ލޭގެ ތެރޭގައި ގިނަ ދުވަސްވަންދެން ގިނަ އަދަދަކަށް ހަކުރު މަތިކޮށް އުޅޭނަމަ ފާހަގަކުރެވޭ އަނެއް ކަމަކީ ހަކުރުގެ ސަބަބުން ހަންގަނޑުގެ ދުވަސްވުން އަވަސްވާކަމެވެ. ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން ހަށިގަނޑުގައި އެޑްވާންސްޑް ގްލައިކޭޝަން އެންޑް-ޕްރޮޑަކްޓްސް (އޭ.ޖީ.އީސް) އުފެދެއެވެ. މިއީ ހަމުގައި ހުންނަ ކޮލެޖަން އަދި އިލާސްޓިންފަދަ ޕްރޮޓީންތަކަށް ގެއްލުންދޭ އެއްޗެކެވެ. މީގެ ސަބަބުން، ހަންގަނޑު ދުވަސްވުން އަވަސްވެއެވެ.

ހަކުރު ގިނައިން ބޭނުން ކުރާނަމަ ހަކުރަށް ދެވިހިފުމުގެ ފުރުސަތު ބޮޑުވެއެވެ. ހަކުރަކީ ސިކުނޑީގެ ރިވޯޑް ސެންޓަރ އެކްޓިވޭޓްކުރާ އެއްޗެކެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމުން ވެސް ކުރާ އަސަރެކެވެ. މީގެ ސަބަބުން ހަކުރަށް ދަހިވެތިވެ، އާދަވެ، ގިނައިން ބޭނުންކުރަން ޖެހެއެވެ.

ހަކުރުގެ ސަބަބުން ލިބޭ ގެއްލުންތައް މިހާ ގިނަ ނަމަވެސް، ގިނަ މީހުން ނޭނގި ތިބެ ހަކުރު ގިނައިން ބޭނުންކުރެއެވެ. މީގެ ތެރޭގައި ސޮފްޓް ޑްރިންކްސް، މެޓާ، ޗޮކްލެޓް، ކޭކު، ބިސްކޯދު، ނާސްޓާ ސީރިއަލް، މޭވާ ޖޫސް، އަދި ކެޗަޕްފަދަ ތަކެތި ހިމެނެއެވެ. އަދި އަހަރެމެން މި ބޭނުންކުރާ ހުދު ހަކުރަކީވެސް ސިހީގޮތުން ބޭނުންކުރުނަ ރަނގަޅު ހަކުރެއް ނޫނެވެ. މިފަދަ ތަކެތީގައި ހަކުރު ގިނައިން ހިމެނޭތީ، މިފަދަ ތަކެތި ބޭނުންކުރުން މަދުކުރުމަކީ މުހިންމު ކަމެކެވެ.

ނިންމާލުމުގެ ގޮތުން ދަންނަވާނީ، ހަށިގަނޑު ދުޅަހެޔޮކަމާއެކު ބެހެއްޓުމަށްޓަކައި ގިނައިން ހަކުރު ބޭނުންކުރުން މަދުކުރުމަކީ މުހިންމު ކަމެކެވެ. މީގެ ބަދަލުގައި މޭވާ، ތަރުކާރީ، ޕްރޮޓީން އަދި ގޮދަން ހިމެނޭ ކާނާ ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން ހަކުރުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވާނެއެވެ. އާދޭހެވެ! ހަކުރަކީ ދުލަށް ފޮނި ނަމަވެސް ހަށިގަނޑަށް ހިތި އެއްޗެކެވެ!