މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އައި އިރު ރާއްޖެއަށް 901،210 ފަތުރުވެރިން އަތުވެއްޖެއެވެ.
މިއީ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލް ވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރުގެ 134 ދުވަސް ތެރޭ ހާސިލްވި ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ މުއްދަތުގައި މި ވަނީ އަމާޒަށް ވާސިލް ވުމަށް 39 ޕަސެންޓް ހާސިލްވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި ރާއްޖެއަށް ވަނީ 833،448 ފަތުރުވެރިން އައިސްފައެވެ. 2023 ވަނަ އަހަރު ތެރޭ މި މުއްދަތުގައި ވަނީ 747،218 ފަތުރުވެރިން އައިސްފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވެއެވެ. މި އަހަރުގެ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ. އެއަށްފަހު ހުސްވި އޭޕރިލް މަހު ރާއްޖެއަސް އައިސްފައި ވަނީ 198،322 ފަތުރުވެރިންނެވެ. އަދި މި މަހުގެ ތެރޭގައި 70،466 ފަތުރުވެރިން ވަނީ އައިސްފައެވެ.
