ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާގައި، 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްފިއެވެ.
މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ، "މި ރެކޯޑު އަދަދުގެ ފައިދާއަކީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ. ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އެއްބާރުލެއްވުމަށާއި ކުރައްވާ އިތުބާރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެން ކުރިމަގުގައިވެސް މާލީ ކުރިއެރުން ހޯދުމާއެކު، އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމި ތިބޭނަން."
ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝަރ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
