އެމީހުންނަކީ އަހަރެމެންނަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅެ ގިނަ ތަޖުރިބާ ލިބިފައި ތިބި މީހުނެވެ. އެހެންކަމުން ދިރިއުޅުމުގެ މައިދާނުގައި އެ މީހުންގެ ލަފައާއި މަޝްވަރާ ހޯދުމަކީ އަހަރެމެން ކޮންމެ މީހަކަށްވެސް ވަރަށް މުހިއްމު ކަމެކެވެ. މި ދައްކަނީ އަހަރެމެންގެ ކޮންމެ މީހެއްގެ ވެސް މައިންބަފައިންގެ ވާހަކައެވެ.
ތިބާ އެންމެ ކުޑައިރު ބަލައި ބޮޑުކުރީތީ އެކަނިވެސް މައިންބަފައިންނަށް އަޅާލައި އޯގާތެރިވާން ޖެހޭނެއެވެ. ޚާއްސަކޮށް އެބައިމީހުން މުސްކުޅި އުމުރަށް ހިނގައްޖެނަމައެވެ.
މައިންބަފައިންނަށް އެމީހުންނަށް ދޭންޖެހޭ އިހްތިރާމާއި ޤަދަރު މިޒަމާނުގައި އަހަރެމެންނަށް އެބަ ދެވޭ ހެއްޔެވެ؟ އެ މީހުން އަހަރުމެން ބޮޑެތި ކުރާނީ ކިހާ ގުރުބާނީއެއް އުފުލައިގެން ކަމާއިމެދު އަހަރުމެން ޚިޔާލު ވެސް ނުކުރަނީހޭ ހިތައްއަރާ ކިތަންމެ ހާދިސާތަކެއް މި ކުޑަކުޑަ މުޖުތަމައުން ފެންނަމުން ދެއެވެ. އަހަރުމެންނާއި މެދު މައިންބަފައިން ހާދަ އުންމީދުތަކެއް ކުރާނެއެވެ. ހާދަ ހުވަފެންތަކެއް ދެކޭނެއެވެ.
މައިންބަފައިންނަށްޓަކައި ދުޢާކޮށްލަނީ އަހަރެމެންގެތެރެއިން ކިތައް މީހުން ހެއްޔެވެ؟ އެ މީހުން އަހަރެމެން ބަލައި ބޮޑުކުރީތީ މައިންބަފައިންނަށްޓަކައި ފަޚުރުވެރިވާ ބަޔަކަށް އަހަރެމެން ވާންޖެހޭނެއެވެ. އެ ބައިމީހުން ބަލިވެ ހެލިފެލިވެ ނޫޅެވޭ ވަރުވުމުން އެ މީހުންނަށް އެކަނިވެރި ކަން އިހުސާސް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ ބަޔަކަށް ވާންޖެހޭނެއެވެ.
އެބައިމީހުން ދުނިޔޭގައި ހުއްޓައި އެބައިމީހުންނަށް ލިބިފައިވާ ތަޖުރިބާއާއި އެމީހުންނަށް ލިބިފައިވާ ހުނަރުތަކާއި އިލްމުތައް އޮޅުން ފިލުވާފައިވާ ބަޔަކަށް އަހަރެމެން ވާންޖެހެއެވެ. ވަގުތު ފާއިތު ވުމުން ހިތާމަ ކުރަން ނުޖެހޭ ބަޔަކަށް ވެވޭނީ އޭރުންނެވެ.
އަހަރެމެންގެ އަމަލުތައް ބައްޓަންކުރަން ވާނީ މައިންބަފައިން ފަޚުރުވެރި ވާފަދައަކުންނެވެ. އެމީހުން އަބަދުމެ އުފަލުގައި ބެހެއްޓޭތޯ މަސައްކަތް ކުރަންޖެހޭނެއެވެ. އެ މީހުން މުސްކުޅި ހާލަތަށް އައިސްފިނަމަ ނުރުހުމުގެ "އުއްފު"ގެ މިންވަރު ވެސް ބުނެގެން ނުވާނެއެވެ. މައިންބަފައިން އަހަރެމެންނަށް ދަސްކޮށް ދެއްވާފައިވާ ރަގަނޅު ކަންތައްތަކުގައި ހިފައިގެން ކުރިއަށް ދިއުމަށް މަސައްކަތްކުރާ ބަޔަކަށް އަހަރެމެން ވާންވާނެއެވެ.
މައިންބަފައިން ދެކެ ލޯބިވާންވީ އެހެން އެއްވެސް ފަރާތެއް ދެކެ ލޯބި ނުވާހާ މިންވަރަށެވެ. އެބައިމީހުންނަށް ޚިދުމަތް ނުކުރެވޭ ގޮތަށް ނުވަތަ އެމީހުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ކުޑަކުރެވޭނެ ގޮތަށް އަހަރެމެންގެ ދިރިއުޅުމުގެ ނައު ދީލާލައިގެން ދިޔަ ދީގެން ނުވާނެއެވެ.
އަހަރެމެން ދެކެންވީ މައިންބަފައިންނަކީ އަހަރެމެންނަށް ދެއްވާފައިވާ ނިއުމަތެއް ކަމަށެވެ. އެ މީހުންނަކީ އަހަރެމެންގެ ކަންކަމާއި މެދު ކަންބޮޑުވާ އަހަރެމެންނަށް ހެޔޮގޮތް ވުމަށް ހިތުގެ އަޑިން އެދިއެދި ހުންނާނެ ފަރާތެކެވެ. ދުނިޔޭގައި ކޮންމެ މީހަކީވެސް އެނެކަކަށް ވުރެ ކުރިއަރައިގެން ދިއުމަށް އެދޭ މީހުންނެވެ. އެހެނެއްކަމަކު މައިންބަފައިން އެދޭނީ އަބަދުވެސް އެމީހުންނަށް ވުރެ އެމީހުންގެ ދަރިން ކުރިއަރައިގެން ދިއުމަށެވެ.
މައިންބަފައިން ދުނިޔޭގައި ހުރިނަމަ ތިޔައީ ނަސީބު ވެރިއެކެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ. މައިންބަފައިންނަށް ޚިދުމަތް ކުރުމަށް އަވަސްވެގަންނާށެވެ. މައިންބަފައިން ދުނިޔޭގައި ހުރެ އެމީހުން ނިޔާވުމުގެ ކުރިން އެބައިމީހުންނަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބެމެ އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފުނު މީހެއްހައި އަބާއްޖަ ވެރިއެއް ހުންނާނެތޯއެވެ.
