ކެއްކުމަށް ބޭނުންކުރާ ތެލަކީ ކޮންމެ ގޭބިސީއެއްގައިވެސް އެންމެ އަސާސީ އެއްޗެހީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި މިއީ ކެއުމުގައި ބޭނުންކުރާ އަދި އެހާމެ ގިނައިން ބޭނުން ކުރެވޭ ވެސް އެއްޗެކެވެ. އެހެންކަމުން، މިއަދު އަޅުގަނޑުމެން މި ބަލާލަނީ ގިނަ ދުވަހަށް އެއް ތެޔޮގަނޑެއް ބޭނުންކުރުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުންނެވެ. މިއީ ގިނަ ބަޔަކަށް ނޭނގި އޮތް، ނަމަވެސް ވަރަށް މުހިންމު މަޢުލޫމާތެކެވެ. އެހެނީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު، ކާ އެއްޗެހި ތެލުލުމަށް ގެންގުޅޭ ތެޔޮގަނޑު، އެތައް ދުވަހެއްވަންދެއް ގެންގުޅޭތީއެވެ.
ތެޔޮ ގިނަ ފަހަރު ހޫނުކޮށް ބޭނުންކުރުމުން، ޚާއްޞަކޮށް ގަދަ ހޫނުގައި ގިނައިރު ކެއްކުމުން، ތެޔޮގަނޑުގެ އަސްލު ހަލާކުވެ، ގެއްލުންހުރި ކެމިކަލްތަކެއް އުފެދެން ފަށައެވެ. މީގެ ތެރޭގައި "އަލްޑިހައިޑްސް" ކިޔާ ވިހަ މާއްދާތަކެއް ހިމެނެއެވެ. މި މާއްދާތަކަކީ ކެންސަރާއި ހިތުގެ ބަލިތަކާ ގުޅުން ހުރި ވިހަ މާއްދާތަކެއް ކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.
އެއް ތެޔޮގަނޑެއް ގިނަ ފަހަރު ބޭނުންކުރުމުން އުފެދޭ ނުރައްކާތެރި މާއްދާތަކުގެ ތެރޭގައި ޓްރާންސް ފެޓްސް، އަލްޑިހައިޑްސް، އަދި އެކްރޮލީން (ފުއްޕާމޭއަށް ގެއްލުންދޭ މާއްދާއެއް) ހިމެނެއެވެ. މި މާއްދާތައް ހަށިގަނޑުގައި ޖަމާވެ، އެއްވެ، ގިނަ ދުވަސްވީވަރަކަށް އޭގެ ނޭދެވޭ އަސަރު ބޮޑުވެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި އިންފްލަމޭޝަން އިތުރުވެ، އޮކްސިޑޭޓިވް ސްޓްރެސް އުފެދި، ކެންސަރ، އަލްޒައިމާސް (ހަނދާންނެތޭ ބަލި)، އަދި ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ.
މިކަންކަމަށް މަގުފަހިވުމޭ ބުނެވޭ ބަހުގެ މާނައަކީ ސީދާ މިކަންކަން މެދުވެރިވުމެއް ނޫނެވެ. ނަމަވެސް މެދުވެރިވުމުގެ ފުރުސަތު ބޮޑުކޮށްދޭ ދިނުމެވެ. ފުރުސަތު ބޮޑު ވުމަކީ އޭގެ ޠަބީއަތުގައި ބިރުވެރި އަދި ނުރައްކާތެރި ކަމެކެވެ.
އެހެންކަމުން، ކެއްކުމަށް ބޭނުންކުރާ ތެޔޮ ރައްކާތެރިކަމާއެކު ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން:
. އެއް ތެޔޮގަނޑެއް 2-3 ފަހަރަށްވުރެ ގިނައިން ބޭނުން ނުކުރުން.
. ތެލުގައި ކައްކާނަމަ، މަޑު ހޫނުން ހޫނުވާ ތެޔޮ ބޭނުންކުރުން (މިސާލަކަށް އެވޮކާޑޯ ތެޔޮ، އޮލިވް ތެޔޮ، ނުވަތަ ރިފައިން ކުރެވިފައިވާ ކާށި ތެޔޮ).
. ތެޔޮ އަލުން ބޭނުންކުރާނަމަ، ރަނގަޅަށް ފިލްޓަރުކޮށް ރައްކާތެރިކަމާއެކު ރައްކާކުރުން.
ކެއްކުމަށް ބޭނުންކުރާ ތެލަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ނަމަވެސް، އޭގެ ބޭނުން ހެޔޮގޮތުގައި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ޞިއްޙަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، މާ ގިނަ ދުވަސްވަންދެން އެއް ތެޔޮގަނޑެއް ނުގެންގުޅުމަށް ސަމާލުކަން ދޭންޖެހެވެ. އެހެނީ އެ ތެޔޮގަނޑުން ތެލުލެވުނެއް ކަމަކު، އެ ތެޔޮގަނޑަކީ އޭގެ އަސްލު ގެއްލި، ބާރު ކެނޑި، ހަލާކުވެފައިވާ ތެޔޮގަނޑެކެވެ. މިހެން ދަންނަވަން މި ޖެހެނީ އިސްވެ ދެންނެވުނު ފަދައިން އަސްލު ގެއްލި ވިހަ ކެމިކަލްތަކެއް، އެ ތެޔޮގަނޑުން އުފެދޭތީއެވެ.