2003 ވަނަ އަހަރުން ފެށިގެން ބ.ހިތާދޫގައި ކުރިއަށްގެންދާ ޔޫތް ކަޕް ފުޓްސެލް މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. މިއީ މިގޮތުން ބޭއްވޭ 20 ވަނަ މުބާރާތެވެ.
ބ.ހިތާދޫގެ ޖަމްއިއްޔާއެއް ކަމުގައިވާ ހިތާދޫ ޔޫތް ވިންގުން އިންތިޒާމުކޮށްގެ ބާއްވާ މުބާރާތުގައި މި އަހަރު ފަސް ޓީމަކުން ވާދަކުރެއެވެ. ކުރީ އަހަރުގެ ޗެންޕިއަން ޓީމަކީ ބަރާބަރު އެފް.ސީއެވެ. މި އަހަރު މުބާރާތުގައި ވާދަކުރަނީ ބަރާބަރު އެފްސީ ބާގޭސް އެސްސީ، ވަރިހަމަ، ޑީސީއެސްސީ އަދި ބީ.ކޭ.އެން ޔުނައިޓެޑް އެވެ. ފަސް ޓީމު ބައިވެރިވެފައި ވުމާއެކު މި ފަހަރުގެ މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކަމުގައި ހިތާދޫ ޔޫތް ވިންގ އިން މައުލޫމާތު ދެއެވެ.
މިއަދު މި މުބާރާތް ފަށާއިރު ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީސީއެސްސީ އާއި ވަރިހަމަ ޓީމެވެ. ދެ ވަނަ މެޗުގައި މިރޭ މިދިޔަ އަހަރުގެ ރަނަރ އަޕް ބަގޭސް ސްޕޯސްޓް ކްލަބް ނުކުންނާނީ ބީކޭއެން ޔުނައިޓެޑް އާއި ދެކޮޅަށެވެ.
ޔޫތް ވިންގ އިން ބުނީ މި މުބާރާތުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ފުޓްސަލްގައި ހުނަރުވެރި ޒުވާން ޖީލެއް އުފެދިގެން ދިއުމަށް ހިތްވަރު ދިނުން ކަމަށެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 11000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައި ވެއެވެ.
20 ވަނަ އެމް.ސެވަން ޔޫތް ކަޕް 2025 ގެ މެއިން ސްޕޮންސަރ އަކީ އެމް.ސެވަން ޕްރިންޓެވެ. ކޯ ސްޕޮންސަރ އަކީ ބ.ހިތާދޫ ކައުންސިލްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނާރަކީ ތީރު މީޑިއާއެވެ.
