ކުރުކުރު ކައްޓަލަ އަކީ އަހަރެމެންގެ ކާބަފައިންގެ ޒަމާނުގައި އާންމުކޮށް ކެއުމުގައި ބޭނުންކުރަމުން އައި ފަލަމަޑީގެ ބާވަތެކެވެ. މިހާރުވެސް ކުރުކުރު ކައްޓަލަ ކައި އުޅެއެވެ. މިއީ މިހާރުވެސް ރާއްޖޭގެ ގިނަ ފަޅުރަށްރަށުގައި ވަރަށް ގިނައިން ހެދޭ ކައްޓަލައެކެވެ. މި ކައްޓަލައަކީ ވަރަށް ފުނަށް ފައިބާ ކައްޓަލައެއްކަމުން، މި ކައްޓަލަ ކޮންނަންޖެހޭނީ ވަރަށް ބުރަމަސައްކަތުންނެވެ. އެހެންނަމަވެސް ކުރުކުރު ކައްޓަލައަކީ އޭގައި ޞިއްޙީ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ ބާވަތެކެވެ.
ކުރުކުރު ކައްޓަލައިން ލިއްބައިދޭ ބައެއް ޞިއްޙީ ފައިދާތައް
- ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން: ކުރުކުރު ކައްޓަލައިގައި ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ގިނަ އަދަދަކަށް ހުރެއެވެ. ކުރުކުރު ކައްޓަލައިގައި ޕޮޓޭސިއަމްވެސް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
- ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކުރުކުރު ކައްޓަލައިގައި ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން ސީގެ 30 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާއީ ބާރު ރަނގަޅުކޮށްދީ ލޮލުގެ މައްސަލަތައް މެދުވެރިވުން ކުޑަކޮށްދޭ މާއްދާ އެކެވެ.
ކެންސަރުން ރައްކާތެރިކޮށްދިނުން: ކުރުކުރު ކައްޓަލައިގައި ވިޓަމިން ސީ އެކުލެވިގެންވެ އެވެ. ފްރީރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދިނުމުގައި ވިޓަމިން ސީއަކީ ވަރަށް ރަނގަޅު މާއްދާއެކެވެ. އެގޮތުން އަނގަ، ކަރު، ގޮހޮރު، ބަނޑު، ކާތަކެތި ހިނގާހޮޅި، ފުއްޕާމޭގައި އުފެދޭ ފަދަ ކެންސަރުގެ ބާވަތްތަކުން ރައްކާތެރިވުމަށް ވިޓަމިން ސީ އެހީތެރިވެދޭނެ އެވެ.
ބަރުދަން ލުއިކޮށްދިނުން : ކުރުކުރު ކައްޓަލައިގައި ފައިބަރު ގިނަ އަދަދަކަށް ހުރެއެވެ. ފައިބަރު ގިނައިން ހުރުމަކީ މި ބާވަތްތައް ބޭނުންކުރުމުން ބަނޑު ފުރިފައި ހުންނަ އިހުސާސެއް ގެނެސްދޭނެ ކަމެކެވެ. މީގެ މާނައަކީ ނިސްބަތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބިގެންދިއުމެވެ.
ސިކުނޑިއާއި ނާރުތަކަށް ފައިދާވުން : ކައްޓަލައިގައި ހިމެނޭ ޕޮޓޭސިއަމަކީ ނާރުތަކާއި މަސްތަކުގެ މަސައްކަތަށް ބޭނުންތެރި މާއްދާއެކެވެ. މަސްތައް ކުރުގެޅި ހަމައަކަށް އެޅުމާއި، ނާރުތައް ހީވާގިވެ ހަރަކާތްތެރިވުން، ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ ނިސްބަތެއްގެ މައްޗަށް ބަރޯސާވާކަން ސިއްހީ މާހިރުން ފާހަގަ ކުރެއެވެ.
ލޭގައި ހަކުރު ކޮންޓްރޯލްކުރުން : ކުރުކުރު ކައްޓަލައިގައި ހުންނަ ކާބޯހައިޑްރޭޓް ބައިބައިވެ، ލޭގެ ތެރެއަށް ދަނީ ވަރަށް ލަހުންނެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވެ، ދަށްވުމަށް ހުރަސްއަޅާނެ ކަމެކެވެ. އަދި މިއީ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މީގެ އިތުރުން ކުރުކުރު ކައްޓަލައިން ލިއްބައިދޭ އެހެނިހެން ފައިދާތަކަށް ބަލައިލާއިރު، ކުރުކުރު ކައްޓަލައިގައި ފައިބަރު އެކަށޭނަ މިންވަރަކަށް ހުރެއެވެ. މީގެއިން ބަނޑުހިކުން ލުއިކޮށްދީ، ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ގޮހޮރުގެ ބަތާނަ ފަށުގައި ވިހަ މާއްދާތައް ތަތްވިޔަނުދީ، ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކުރުވައެވެ.
ކުރުކުރު ކައްޓަލައިގައި ވިޓަމިން ބީގެ ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި ތިއެމިން، ރައިބޯފްލެވިން، ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ޕެންތޮނިކް އެސިޑް، ފަދަ ވިޓަމިންތައް ހިމެނެއެވެ. މި ވިޓަމިންތަކަކީ ހަށިގަނޑުގައި ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންތެރި ވިޓަމިންތަކެކެވެ.
ކުރުކުރު ކައްޓަލައިގައި މަދު މިންވަރަކަށް ނަމަވެސް ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން ހުރެއެވެ. މިދެ މާއްދާއަކީވެސް އެންޓިއޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ މާއްދާ ތަކެކެވެ. މީގެ އިތުރުންވެސް ކެލްސިއަމް، މެގްނީޒިއަމް، ފޮސްފަރަސް، ޒިންކު، ޕޮޓޭސިއަމް، ދަގަނޑު، ކޮޕަރ، ސިލެނިއަމް ފަދަ މާއްދާތައް މި ފަލަމަޑީގެ ބާވަތުގައި އެކުލެވެ އެވެ. މިމާއްދާތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވާ މާއްދާތަކެކެވެ.
އެހެންކަމުން މިއީ އަހަރެމެންގެ ކެއުމުގައި ބޭނުންކުރުމަށް މުހިންމު ބާވަތެކެވެ. އަދި މިއީ ރާއްޖޭގައި ފަސޭހައިން ހެދޭ ބަވަތެއްކަންވެސް ފާހަގަކުރެވެ އެވެ.