ބޮޑު ޢީދު ބޯމަތިވެއްޖެއެވެ. ޢީދު އަންނަން ދެތިން ދުވަހަށްވީއިރު، އެންމެންވެސް އަވަދިނެތި އުޅެނީ ޢީދު ދުވަހު ލާނެ އައު ހެދުން ހޯދުމަށެވެ. ދިވެހީންގެ ޒަމާންވީ އާދަކާދައިގެ މަތީންނެވެ. ކޮންމެ ޢީދަކަށް ތައްޔާރުވާއިރުވެސް އެންމެންވެސް އެންމެ ބޮޑު ސަމާލުކަމެއްދޭ އެއްކަމަކީ އައު އަންނައުނު ފެހުމާއި ހޯދުމެވެ. ޒަމާނަށް އައި ބަދަލާއެކު، ފަހާތާކުން އެއްޗެއް ފެހުމަކީ ގިނަ ފަހަރު ވަގުތު ތަން ނުދޭކަމަށްވާތީ، މިހާރު ގިނަ މީހުން ޚިޔާރުކުރަނީ އޮންލައިން މަންސަތަކެވެ.
ގިނަ ބަޔެއްގެ މަޤުބޫލުކަން ދާދިފަހުން ހޯދި ޗައިނާގެ އޮންލައިން ޕްލެޓްފޯމް 'ޓެމޫ' އަކީ މި ދެންނެވިފަދަ މަންސައެކެވެ. ގޭގައި ތިބެގެން ކަމުދާ، ހިތްކިޔާ ހެދުންތައް ބެލުމަށްފަހު، މިންތައް ދިމާވާގޮތް ބަލައިގެން މި އަންނަ ބޮޑު ޢީދަށްވެސް ގިނަބަޔަކު އޯޑަރ ޖަހާފައިވާނެކަން ޔަޤީނެވެ. ނަމަވެސް، ސުވާލަކީ، ޢީދު ނަމާދަށް ދާންވާއިރަށް އެ ހެދުން ލިބޭނެބާވައެވެ؟
މިއީ މިއަދު ގިނަ ބައެއްގެ ޝަކުވާއެކެވެ. އޯޑަރކުރި އެއްޗަށް ރުފިޔާ ދައްކާ ހިސާބުންފެށިގެން އަތަށް އަރަންދެން އެ މުދާ އުޅޭ ހިސާބު އެޕްލިކޭޝަނުން ބަލައިލެވެއެވެ. ވަގުތުން ނޮޓިފިކޭޝަން އެޕަށާއި އީމެއިލަށް އެމީހުން ފޮނުވަމުންދެއެވެ. މުދާ ބަންދުކޮށް ޑެލިވަރީއަށް ނެރި، އެގައުމުގެ އެއަރޕޯޓުން ރާއްޖެއަށް ފޮނުވުމާމެދު ނަގަނީ މަދު ދުވަސްކޮޅެކެވެ. ގިނަފަހަރު ދެތިން ދުވަހެވެ. ނަމަވެސް، ރާއްޖެއަށް ލިބި، ކަސްޓަމްސްއިން ނެރި ޕޯސްޓް އޮފީހަށް މުދާ ހަވާލުކުރާ ހިސާބުން ދެން އެވާގޮތެއް ނޭނގެއެވެ. ހަފްތާއެއް ދެހަފްތާވެސް ޕޯސްޓް އޮފީހުގައި ވެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުން ރުޅިގަދަވެ، ޕޯސްޓް އޮފީހުގެ މުވައްޒަފުންނާ ދިމާއަށް މީސްމީޑިއާގައި އެތިވަރު ގޮވާފައިވެސް ހުރެއެވެ. ޢީދަށް އޯޑަރ ކުރި ހެދުން ނުލިބިއްޖެނަމަ، ޢީދު ދުވަހު ލާނީ ޕޯސްޓު އޮފީހުގެ ރަތް ޔުނިފޯމުކަމުގައިވެސް ބައެއްމީހުން އެބަ ބުނެއެވެ.
ދެން ދިމާވާ އަނެއް މައްސަލައަކީ، ވެބްސައިޓުން ނުވަތަ އެޕުން އެ ދައްކާ މުދަލާއި އަތަށް ލިބޭ މުދަލުގައި ހުންނަ ތަފާތެވެ. ސައިޒު ދިމާނުވުމެވެ. ކުލަ ދިމާނުވުމެވެ. މެޓީރިއަލްގެ ފެންވަރު ދަށްވުމެވެ. އެހާ ވަގުތު ކައިރިކޮށްފައި މިކަހަލަ ލަނޑެއް ލިބިއްޖެނަމަ، ހަތަރެސްކަން ހަމަވީއެވެ. ދެން އެވީ ކައިރި ފިހާރައަކުން އަނެއްކާވެސް ހެދުމެއް ގަންނަން ނުކުންނާށެވެ. ނަމަވެސް، އޭރު އޮންނާނީ ހެދުން ވިއްކާ ހުރިހާ ފިހާރައެއް ފުރިބާރުވެފައެވެ. ފިޔަވަޅު އަޅާލާނެތަނެއް ނޯންނާނެއެވެ. ނުވިތާކަށް އަގުވެސް އެހާ ބޮޑުވާނެއެވެ. ފިހާރަތަކުގެ ވެރިންނަށްވެސް، އެއީ ޢީދުގެ ކުރިން ޢީދެކެވެ. ހިތުހުރި އަގެއް ޖެހިޔަސް ގަންނާނެކަން އެނގޭނެއެވެ.
ޓެމޫ ފަދަ އޮންލައިން ފިހާރައަކުން ގެންނަ ހެދުން ލައިގެން ޢީދު ނަމާދަށް ދާއިރު، ދާ މަގުމަތީގައިވެސް، މިސްކިތު ތެރޭގައި ޖެހިޖެހިގެންވެސް އެ ވައްތަރުގެ ހަމަ ކިތަންމެ ހެދުމެއް ފެންނާނެއެވެ. އެ ޖެހުނީ އަނެއް ކަންތަކާއެވެ. މިކިޔާ 'ވަން ޕީސް' ހުރިހާ އެންމެން ލައިގެން ތިބޭއިރު ހީވާނީ ބައްޕަ ހުރިހާ ދަރިންނަށް އެއްވައްތަރުން ހެދުން ގަނެދީފައި ހުރިހެނެވެ. އެ ދުވަހު އެ ހެދުން ލިޔަސް، ދެން އެ ނިމުނީއެވެ.