ދިވެހިރާއްޖެއަކީ ޤުދުރަތީ ގޮތުން އުފެދިފައިވާ ޖަޒީރާ ޤައުމެކެވެ. ހައްތުއިސްތަވާ މަތީގައި އުތުރުން ދެކުނަށް، ފެނުމަށްޗަށް ތިލަވެ ހިކިފައިވާ މި ޖަޒީރާ ރާއްޖެއަކީ އެތައް މިލިއަން އަހަރުތަކެއްގެ އަޖައިބުކުރަނިވި ޖިއޮލޮޖިކަލް އަދި ބަޔޮލޮޖިކަލް މަރުހަލާތަކެއްގެ ތެރެއިން އުފެދިފައިވާ ގައުމެކެވެ. މި ލިޔުމުގައި އަޅުގަނޑުމެން ބަލާލީ ދިވެހިރާއްޖެ އުފެދުނު ގޮތުގެ ހުލާސާ ތަފްސީލަކަށެވެ. މިއީ ނެޝަނަލް ޖިއޯގްރަފީ ޗެނަލްގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ލިޔުމަކުން އެއްކުޅަ މައުލޫމާތު ތަކެކެވެ.

ދިވެހިރާއްޖެ އުފެދުމުގެ ފެށުން އޮތީ ގާތްގަނޑަކަށް 60 މިލިއަން އަހަރަށްވުރެ ކުރީގައެވެ. އެ ދުވަސްވަރު އިންޑިއާ ކަނޑުގެ އަޑީގައި ގަދަ ގަދަ ގޮވުންތަކެއް ގޮވައިގެން ދިޔައެވެ. ބުނެވޭ ގޮތުގައި މިއީ މި ކަންޑުގެ އަޑީގައި ހުރި އަލިފާންފަރުބަދަތަކެއް ގޮވައިގެން ދިޔަ ދިޔުމެކެވެ. މި ގޮވުންތަކުގެ ސަބަބުން ކަނޑު އަޑީގައި ވޮލްކޭނިކް ފައުންޑޭޝަންތަކެއް އުފެދުނެވެ. މާނައަކީ ފަރުބަދައިގެ ބިންގާތަކެއް އުފެދުނެވެ. މި ފައުންޑޭޝަންތަކަކީ ނުވަތަ ބިންގާތަކަކީ ބެސަލްޓިކް ހިލައިން (ދުނިޔޭގެ ބިމުގެ އަޑީގައި ހުންނަ ދިޔާ އަލިފާން، ދުނިޔޭގެ ސަތަހައަށް ތިލަވުމަށްފަހު އެ އަލިފާންގަނޑު ހިހޫވެ އުފެދޭ "ދެލި" ޒާތު ހިލައެއް) އުފެދިފައިވާ ބިންގާތަކެކެވެ. ފަހުން މި ގޮވުމުގެ އަސަރު ކުޑަވެ، އިންޑިޔާ ކަނޑުގެ އަޑީގެ ހަމަހިމޭންކަން އަލުން ލިބި ހަމައަކަށް އެޅުނެވެ. އޭގެ ފަހުން މި ފަރުބަދައިގެ ބިންގާތަކުގެ މަތީގައި މުރަކަ ހެދެން ފެށުނެވެ.

އެއަށްފަހު، މުރަކަައިގެ ބޮޑެތި ފަރުތައް އުފެދެން ފެށުނެވެ. މުރަކަ ޕޮލިޕްސް ކިޔާ ކުދިކުދި ކަނޑުގެ ދިރުންތަކެއް މި ފަރުތަކާއި ފަތުބަދަތަކަށް ދިރުން ގެނެސްދީ މާސިންގާ ބޮޑެތި ފަރުތައް އުފެދެން ފެށުނެވެ. މި ފަރުތައް މައްޗަށާއި ބޭރަށް ހެދެމުން ގޮސް، ވަށް ބުރެއްގެ ސިފައިގައި އޮންނަ އަތޮޅުތަކެއް ފަދައިން އުފެދުނެވެ. ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް، ފަރުބަދައިގެ ބެސެލްޓިކް ހިލަތަށް ހަލާކުވެ، ރޫޅެމުން ދިޔައެވެ. އެހެންނަމަވެސް ވެއްޔާއި ގަލާއި މުރަކައިގެ ފަރުތަކާއި ފަރުތެރޭގެ ތިލަ ސަރަޙައްދުތައް ހަލާކުނުވެ ދެމިހުއްޓެވެ.

މީގެ ފަހުން މި ފަރުތަކުގައި ރަށްތައް އުފެދެން ފެށުނެވެ. މުރަކައިގެ އަތޮޅުތަކުގެ ބޭރު އައްސޭރިތައް އަޑި ދިޔައިގައި ފެންމަތީގައި ހުންނަން ފެށިއެވެ. ވެއްޔާއި ހަލާކުވެފައިވާ މުރަކަތަކާއި މޫދު މުށިތަކާއި އަދި އެހެނިހެން އޯގަނިކް މާއްދާތައް އެއްތަނަކަށް ޖަމާވެ، ތިލަ ރަށްތައް އުފެދުނެވެ. ކަނޑުގެ އޮއިވަރާއި ވައިގެ ސަބަބުން މި ރަށްތައް މިހާރު ފެންނަ ސިފައަށް ބަދަލުވެގެން ދިޔައެވެ.

މިއަދު ދިވެހިރާއްޖެއަކީ 26 ޤުދުރަތީ އަތޮޅު އެކުލެވޭ، 1،100 އަށްވުރެ ގިނަ މުރަކަ ރަށްތައް ހިމެނޭ ޤައުމެކެވެ. ދިވެހިރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގައި އޮންނަ "ޗާގޯސް-ލަކަދީބު" ރިޖް ކިޔާ ކަނޑު އަޑީގެ ފަރުބަދަ ސިލްސިލާއެއްގެ މަތީގައެވެ. ދިވެހިރާއްޖޭގެ ރަށްތަކަކީ ވަރަށް ތިލަ ރަށްތަކެކެވެ. އެވްރެޖްކޮށް ކަނޑުގެ ލޮނުގަނޑުން މަތީގައި ހުންނަނީ 1.5 މީޓަރު އުސްމިނުގައެވެ.

ޚުލާޞާކޮށް ބުނާނަމަ، ދިވެހިރާއްޖެ އުފެދިފައިވަނީ ކަނޑު އަޑީގެ އަލިފާން ފަރުބަދަތަކެއްގެ ބުޑުތަކަކުން ފެށިގެންނެވެ. އެތައް މިލިއަން އަހަރުތަކެއްގެ ދިގު މުއަދަތެއްގެ ތެރޭގައި މި ބެސެލްޓިކް ހިލައިގެ ފަރުބަދަ ބުޑުތައް ހަލަކުވެގެން ދިޔައެވެ. އޭގެ މަތީގައި ގަލާއި މުރަކައިގެ ފަރުތައް ހެދެމުން ދިޔައެވެ. މި ފަރުތަކުން އަތޮޅުތަކާއި ރަށްތައް އުފެދުނެވެ. މުޅި މި މަރުހަލާގައި ބަޔޮލޮޖިކަލް ހަރަކާތްތަކާއި ކަނޑުގެ ޤުދުރަތީ ބަދަލުތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ މި ޚާއްޞަ އުފެދުމުގެ ސަބަބުން، މިއީ ދުނިޔޭގެ އެންމެ ޚާއްޞަ އަދި ރީތި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ފީރޯޒުކުލައިގެ ކަނޑާއި، ހުދު ވެލީގެ ގޮނޑުދޮށްތަކާއި، ކުލަގަދަ މުރަކަ ފަރުތަކާއި، ފެހި ރުއްގަސްތަކުން ދިވެހިރާއްޖެ ވަނީ ފުރިފައެވެ. މި ޤުދުރަތީ ރީތިކަމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު އަސާސެވެ.

އެހެންނަމަވެސް، ދިވެހިރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން މިއަދު ދިވެހިރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން މިވަނީ ޖެހިފައެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖޭގެ މާދަމާއާއި މެދު މިވަނީ ސުވާލު އުފެދިފައެވެ. އެހެންކަމުން، ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ބިން ހިއްކުންފަދަ ބޮޑެތި މަޝްރޫއުތަކަކީ ވިސްނުންތެރިކަމާއި އެކު ނޫނީ ކޮށްގެން ނުވާނެފަދަ ކަންކަމެވެ.

ދިވެހިރާއްޖެއަކީ އެތައް މިލިއަން އަހަރުތަކެއްގެ ތެރޭގައި ޤުދުރަތީ ގޮތުން އުފެދިފައިވާ އަޖައިބެކެވެ. މި ޤައުމުގެ އުފެދުމުގެ ވާހަކައަކީ ޤުދުރަތުގެ ހައިރާންކުރުވަނިވި ބާރުގަދަކަމާއި، ދިގު މުއްދަތެއްގައި ކުދިކުދި ބަދަލުތަކުން ބޮޑެތި ކަންތައްތައް އުފެދޭ ގޮތުގެ ހެއްކެކެވެ. މި ޚާއްޞަ ޤައުމު ރައްކާތެރިކޮށް ދަމަހައްޓާ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.