މިއީ ކުރިން ގިނަބަޔަކަށް ޢާއްމުކޮށް އެނގިފައި އޮންނަ ބައްޔެއް ނޫނެވެ. އެހާ 'ފެމިލިއަރ' ކަމެއް ނޫނެވެ. ނަފުސާނީ ބައްޔަކީ ބައްޔެއްކަންވެސް ޤަބޫލުކުރަން ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އެމީހުން ދެކެނީ އެއީ 'ބަހަނާއެއް' ގޮތުގައެވެ. ލޭބަލްކުރަނީ 'ކަންނެތް' މީހުން ގޮތުގައެވެ. ދެން ބުނަނީ މާ ކަންތައް ބޮޑުކުރަނީކަމުގައެވެ. 'ޑިޕްރެޝަން'އަކީ ވެސް މީހުން ތަޙައްމަލުކުރާ ކަމެއްކަން ޤަބޫލުކުރުމާވެސް ދެކޮޅެވެ. ނަމަވެސް މިފަހުން މިކަމާ ގުޅޭ ވާހަކަތައް މީހުންތެރޭ ދެކެވެން ފެށިއްޖެއެވެ. އެކަމަށް މީހުން ހޭލުންތެރި ކުރުވަން ފެށިއްޖެއެވެ. އެއީވެސް މީހުން ތަޙައްމަލުކުރާ ކަމެއްކަން މީހުންނަށް އެންގެން ފެށިއްޖެއެވެ. 

އެއީ ކިޔައިދޭން ފަސޭހަ އިޙްސާސްތަކެއް ނޫނެވެ. ކަރުބުޑަށް އައިސްވެސް ބުނަން ބޭނުންވާ އެތި ދުލުން ބޭރެއް ނުކުރެވެއެވެ. އެހީއަކަށް އެދި ގޮވާ އާދޭސްކުރަން ބޭނުންވެއެވެ. އަމިއްލަ ނަފުސާކުރާ ހަނގުރާމައިން ނަޞްރު ލިބެންވީ ކާކަށް ކަމެއްވެސް ނޭނގެއެވެ. އެއް ސިކުންތުގައި ބޭނުންވަނީ އެންމެން ދޫކޮށް ދާށެވެ. ކޮންމެވެސް ތާކަށެވެ. އެންމެނާ ދުރަށެވެ. ދެންހަމަ އެނޭވާގައި އެދެވެނީ އެންމެންގެ ލޯތްބާއި ކުލުނެވެ. އޯގާތެރިކަމާ ހިތްހެޔޮކަމެވެ. ގާތް މީހުންގެ އުނގުގައި އޮވެ ކުޑަކުއްޖެއްހެން އަޑުގެ ނެތްތަނަށް ރޯށެވެ. ހިނދުހިނދުކޮޅުން ބަދަލުވާ އެ އިޙްސާސްތަކުގެތެރޭގައި ތާށިވެފައި އޮންނަން ޖެހުމުން ނޭވާ ހާސްވާގޮތްވެއެވެ. ހީވަނީ ހަމަ ކަޅު، ކަނު، އަނދިރިގަނޑެއް ތެރޭގައި މީހާ ބަންދުވެފައި ހުންނަހެނެވެ. ކޮޓަރީގެ ހަތަރު ފާރުވެސް ހީވަނީ މީހާ ބޮޑިކޮށްލައި، އައިސް ކަރުގައި ހިފާހެންނެވެ. ހަތަރުއުދަރެސް ބަނަވެ، މީހާ އަނދިރިގަނޑަކަށް ވައްޓަމުންދާކަހަލަ އިޙްސާސެއް ކުރެވެއެވެ. 

ލޮލުން ކަރުނަ ނުހިކޭ މިންވަރަށް ރޮއެވެއެވެ. ރޮއެވެނީ ކީއްވެކަން ގިނަފަހަރަށް ނުވެސް އެނގެއެވެ. ބައެއްފަހަރު އެނގޭހެން ހީވެއެވެ. އެކަމަކު ދުލުން ބުނެދޭކަށް ނޭނގެއެެވެ. ދުލުން ބުނެދޭން އެނގޭވަރުވިއްޔާ، ދެން ދެރަވާ ކިތަންމެ ސަބަބެއް ފެނެއެވެ. ބައިވަރު ސަބަބުތަކެވެ. ދެން އޭގެތެރެއިން ބުނަންވީ ކޮން ސަބަބެއް ކަމެއް ނޭނގެއެވެ. އެ ސަބަބުތައް އައިސް ކަރުގައި އެއްޗަކުން އޮޅާ، ބާރު ކުރާ ކަހަލައެވެ. ކަމަކާނުލާވެސް ރޮއެވެއެވެ. ހަމަ ދެރަވަނީއެވެ. އަމިއްލަ މީހާއަށްވެސް ވާގޮތެއް ނޭނގެއެވެ. ދެން އެހެން މީހަކަށް ކިޔައިދޭނީ ކިހިނެއް، ކޮން އިބާރާތަކުން ހެއްޔެވެ؟ މާކުރިން ވެފައި ހުންނަ ކަންތައްތައްވެސް ތާޒާކަންމަތީ ހަނދާނަން އަންނަން ފަށައެވެ. ދެން އެކަމާ ހިތާމަކުރަން ފެށެއެވެ. 

އެކަނި އިނދެގެން ރޯންވީމާ ހީވަނީ މީހާ ހަލާކުވެދާނެ ހެންނެވެ. ލޮލުގައި ރިއްސައެވެ. ލޯ ދުޅަވެސް ވެއެވެ. އެކަމެއްގެ ސަބަބުން އަނެއްކާ ބޮލުގައިވެސް ރިއްސަން ފަށައެވެ. އެކަމަކު ރުއިން ކޮންޓްރޯލެއް ނުކުރެވެއެވެ. އަމިއްލަ ނަފުސާމެދު ހަމްދަރުދީވެއެވެ. އަމިއްލަ ޙާލާއިމެދު ދެރަވެ، ދެން އަނެއްކާވެސް ރޮއެވެއެވެ. މީހެއްގެ ކުރިމަތީ ރުއިމުން ލުޔެއް ލިބޭހެން ހީވެއެވެ. ކޮންމެވެސް މިންވަރަކަށް، ކޮންމެވެސް ސިފައެއްގައި ހިތުގެ އިޙްސާސްތައް ބަޔާންކުރެވުމުންނެވެ. އޭގެ ސަބަބުން ލިބޭ ލުޔަށްވުރެ ދެން ބޮޑުވަނީ، އެމީހަކު ކުރިމަތީ ރޮއެވުނީތީ އެ އަންނަ 'ގިލްޓެވެ.' އެމީހަކަށް އޭގެ ސަބަބުން އުނދަގޫވީކަމަށް ޤަބޫލުކުރެވެއެވެ. ތިމާ މީހާއަކީ އެމީހަކަށް ހުރި ބޮޑު 'ބުރައެއް' ކަމަށް އަމިއްލައަށް ވިސްނެއެވެ. އަހަރެން ނެތްނަމަ އެންމެންވެސް އުޅޭނީ އުފަލުގައިކަމަށް ޤަބޫލުކުރެވެއެވެ. އެންމެންގެ ދިރިއުޅުމުގައިވެސް ހުރި މައްސަލައަކީވެސް، ބުރައަކީވެސް، އުނދަގުލަކީވެސް ތިމާ މީހާކަން އަމިއްލައަށް ނިންމެއެވެ. ތިމަންނަ ނެތްނަމަ މާ ރަނގަޅުވީސްކަމަށް ވިސްނެއެވެ. ތިމާ މީހާއަކީ އެމީހުންނަށް މުޞީބާތެކޭވެސް ހިތަށްއަރައެވެ. އިމްތިޙާނެކޭވެސް ހިތަށްއަރައެވެ. އެމީހުންގެ ކުރިމަތީ ރުއިމުން، ވަރަށް 'ބަލިކަށި' މީހެއްގެ ގޮތުގައި އަމިއްލަ ނަފުސު ލޭބަލްކުރެވެއެވެ. މީހެއްގެ ކުރިމަތީ ރޮއެވުނީތީ، އެކަމާ އަނެއްކާ ހިތާމަކުރެވެއެވެ. ދެމިޔަލީ ކަނޑިއެއްހެން، އެއް ހިތާމަ އަނެއް ހިތާމައާއި ގުޅިގެންގޮސް ނިމުމެއް ނެތެވެ. އަލިމަގެއް ފެންނަ ކަހަލަ އިޙްސާސްއެއް ނުކުރެވެއެވެ. މީހުންނަށް އުނދަގުލެއް ނުވެޔޭ ބުންޏަސް، އެއީ ހިތްހަމަޖައްސުވާލަން ހަދާ ދޮގެއްކަމުގައި އަމިއްލަ ނަފުސަށް ވިސްނައިދެވެއެވެ. މީހުން ކުރިމަތީ ރޮއެވޭތީ އެކަމާ އިންތިހާއަށް 'ރިގްރެޓް' ވެއެވެ. 

އަމިއްލައަށް ކަމެއް ކުރުމުގެ ޤާބިލުކަން ނެތްކަމަށް ވިސްނެއެވެ. މީހަކު ކަމެއްކުރަން ބުނުމުން، އެކިޔަނީ ކީކޭކަން ނޭނގިގެންވެސް ހުރެވެއެވެ. އަޑުއަހައިން ހުއްޓަސް، އެ ކީއެއްޗެއް ސާފެއް ނުވެއެވެ. ވާންވީ ގޮތެއް ނޭނގެއެވެ. ފާޑަކަށް ގަބުވެފައި ހުރެވެނީއެވެ. ދެން ކަމެއްކުރަން އުޅޭއިރު އެކަމެއް ރަނގަޅަކަށްވެސް ނުކުރެވެއެވެ. ދެން އަނެއްކާ އަނެއް ކޮޅިގަނޑެވެ. އެއްވެސް ކަމެއް ކުރަން ނޭނގޭ ހިސާބަށް ދިޔައީކަމަށް ވިސްނި، ރުއިމާއި ބިރުވެރިކަން އެއްފަހަރާ އައިސް ވަށާލައެވެ. ހަމަބުއްދި ފިލާ ދަނީކަމަށް ވިސްނެން ފަށައެވެ. ބައެއްފަހަރު، ކަމެއްކޮށް ނިމުނީކަންވެސް ނޭނގޭ ހިސާބަށެވެ. އެ ނިމުނީކަން އެހެން މީހަކު ބުނެދޭންޖެހޭ ހިސާބެވެ. އަމިއްލަ ހިއްސުތައް އަމިއްލަ މީހާއާ ބީރައްޓެހިވާ ފަށަލައެވެ. އަމިއްލަ ހިއްސުތައް އަމިއްލައަށްވެސް ދެނެގަންނަން ނޭނގޭ ފަހަރުތަކެވެ.

ބޭނުންވަނީ މި ކޮޅިގަނޑުން މިންޖުވާށެވެ. ގެއިން ބޭރަށް ނުކުންނަން ހިތަށް އަރައެވެ. އެކަމަކު ނުކުންނާކަށް ބޭނުމެއް ނުވެއެވެ. އެވެސްވަނީ ބޮޑުކަމަކަށެވެ. ހެލިފެލިވެ އުޅުންވެސް ވަނީ ބޮޑު މަސައްކަތަކަށެވެ. ކަންނެތްކަމަށް ލޭބަލްވަނީވެސް އެހެންވެއެވެ. ބޭސްކެއީމާ ވަރަށް ރަނގަޅުވާހެން ހީވެފައި، އެއަށްވުރެ އިތުރަށް ގޯސްވެއެވެ. އެއްޗެއް ނޭނގޭ ކުޑަކުއްޖަކު ބުނާ އެއްޗަކުންވެސް ދެރަވެއެވެ. ކުޑަކުއްޖަކު ބުނާ އެއްޗަކުން ދެރަވާކަށް ނުޖެހޭނެކަން އެނގޭއިރުވެސް ދެރަވެގެން ރޮއެވެއެވެ. ހިތުގެ ފުނަށް އަސަރުވެސް ކުރެއެވެ. 

ޑިޕްރެޝަނަކީ މިކަލަހަ ކޮޅިގަނޑެކެވެ. ސީދާ ސީދަލަށް ވާގޮތް ކިޔައިދޭން ނޭނގޭ އޮޅުންބޮޅުންގަނޑެކެވެ. ޖިސްމާނީ ރިހުމެއްނަމަ ސީދާ ބުނަން އެނގުނަސް، ޑިޕްރެޝަންގައި ވާގޮތް ސާފު ސީދާ އިބާރާތުން ބަޔާންކުރާކަށް ނޭނގެއެވެ. މި ޙާލަތްތަކުގައި އެންމެ ބޭނުންވަނީ ގާތް މީހުންގެ އަޅާލުމާއި އޯގާތެރިކަމެވެ. ލޯތްބާއި ކުލުނެވެ. ކިތަށްމެ ވަރަށް ރުއިކަމުގައިވިޔަސް، ހަޤީޤީ މާނައިގައި އުނދަގުވިޔަސް، ތިބާއަށްޓަކައި އެކަންކަމާއި ކެތްތެރިކަމާއެކު ކުރިމަތިލާ ހިތްތަކެކެވެ. ކަރުނަތައް ފޮހެދޭނެ އޯގާތެރި އަތްތަކަކާއި، އުނދަގުލުން ބޭރުކުރެވޭ އިޙްސާސްތައް އަޑުއަހާނެ ކަންފަތްތަކެކެވެ. ސާބިތުކަމާއެކު ހިތްވަރުދޭނެ 'ސަޕޯޓް ސިސްޓަމެކެވެ.' ދީނީ ކަންކަމަށް ފަރުވާ ބަހައްޓަމުން، އެދެވޭ ޑަކްޓަރީ ފަރުވާ ހޯދުމުން އިންޝާ ﷲ މި ކޮޅިގަނޑުން ސަލާމަތްވެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. އެކަލާނގެ ހަޟްރަތުން އުއްމީދު ކަނޑާނުލާށެވެ. ދުޢާކުރުމުގައި ސާބިތުވެ ހުންނާށެވެ. އިންޝާ ﷲ އަލިމަގެއް ފެންނާނެއެވެ.