މިފަހުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އެންމެ ޑިމާންޑް ބޮޑު އެއް ސްޓޯލްގެ ވާހަކަ އަދިވެސް މިއޮތީ ޓްރެންޑިންގައެވެ. އެއްބަޔަކު ބުނެފާނެ ކާއެއްޗެހި ކުރިމަތީގައި ބަހައްޓައިގެން ތައްޔާރުކުރާއިރު ނަށާ ހަދައި ޕާފޯމް ކުރާ ތަން ފެނުމަކީ ބާބާ ގާޑިޔާގެ ކާމިިޔާބީ ކަމަށެވެ. އަނެއްބަޔަކު ބުނަނީ ބާބާ ގާޑިޔާގެ ކާމިޔާބީގެ ހައްގުދާރަކީ އެތަނުން ހަދާ މަޝްހޫރު ޝަވަރުމާ ނުވަތަ ޗާއި ކަމަށެވެ. އަނެއްބަޔަކު ބުނަނީ މި ބްރޭންޑް، ބްރޭންޑަކަށް ވަނީ ފުޑް ޓްރަކްގެ ސިޒްލާއާއި ހެދީ ކަމަށެވެ. އަދި ބައެއް މީހުން ބުނަމުންދޭ މި ގާޑިޔާ ވަކި ހާއްސަ ބްރޭންޑަކަށް ވަނީ އެ ގާޑިިޔާގެ ސްޓާފުން އަޅާ ރަތާއި ކަޅު ޔުނީފޯމާއި އަންގީގެ ސަބަބުން ކަމަށެވެ. ކޮންމެއަކަސް، މި ގާޑިޔާގެ ވެރިޔަކީ ކަޅުކުލައިގެ ތޮށްޕެއް އަޅަމުން ބީޓާއި އެއްވަރަށް ނަށާ އުމުރުން 40 އަހަރުގެ ބާބާކަން ނުދަންނަ އެއްވެސް މީހަކު މިހާރު ރާއްޖޭގައި ނުހުންނާނެއެވެ.
އެއް ހަފްތާއަށް ހިންގި މި ސްޓޯލް މާލެއަށް އައުވިޔަސް މިއީ ކޮވިޑް 19 ގެ ދުވަސްވަރު ރިޒޯޓް ވަޒީފާ ގެއްލުނު ހަސަން އަތީގު، އާންމު ނަމުން އެންމެން ދަންނަ ބާބާ، ފުވައްމުލަކު ސިޓީގައި 4-5 ވަރަކަށް އަހަރު ވަންދެން ހިންގަމުން އަންނަ ފުޑް ޓްރަކެކެވެ. "ތީރު" އާއި ވާހަކަ ދައްކަމުން އަތީގު ބުނީ ކާއެއްޗެހި ވިއްކަން އޭނާ ގެންގުޅޭ މި ގާޑިޔާއަކީ ރައްޓެއްސަކާއި ބައިވެރިވެގެން އޭނާ ހިންގަން ބޭނުންވި ފުޑް ޓްރަކެއް ކަމަށެވެ. އޭގެ ކުރިން އޭނާ ރަށުތެރޭގައި ހިންގަމުން ދިޔައީ އާދައިގެ ގާޑިޔާއެކެވެ. އެހެން ނަމަވެސް ވޮއްމުލި ރިޒޯޓްގައި އޭރު ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އަތީގުގެ ބޮލަށް މި ހިޔާލު އައީ ރިޒޯޓަށް ޒިޔާރަތްކުރި ފަތުރުވެރިޔަކާއިއެކު ދެކެވުނު ވާހަކައަކަށްފަހު އެވެ. އަތީގު ބުނީ އެ ގެސްޓް މީހާއަކީ އެމެރިކާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށެވެ. އެމީހާއަކީ ކާމިޔާބުކަމާއިއެކު 20 ފުޑް ޓްރަކްގެ ވިޔަފާރި ހިންގަމުން އަންނަ ވިޔަފާރިވެރިއެއް ކަމަށެވެ. އެހާ ހިސާބުން އަތީގު ހުރީ ފުވައްމުލަކަށްވެސް މިފަަދަ އުޅަނދެއް ގެންނަން ހިތުއަޅައިގެންނެވެ. ހުއްޓާ ކޮވިޑް19 ގައި ދިމާވި ހާލަތުން އޭނާއަށް މި ހިޔާލު ހަގީގަތަކަށް ހެދުމަށް ހިތްވަރު ލިބުނެވެ. ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު ވަޒީފާ ގެއްލުމުން އަތީގަށް އޭނާގެ ސޭވިންގްސް އިން އަނބިމީހާއާއި 3 އަހަރުގެ އަންހެން ދަރިފުޅުގެ ހަރަދުތައް އުފުލަން ޖެހުނެވެ. އާއިލާ ހިމެނޭހެން އެއްވެސް މީހަކަށް ނުއަންގާ އަތީގު އޭނާ އަތުގައި ބާކީ ހުރި ހުރިހާ ފައިސާކޮޅެއް ފުޑް ޓްރަކެއް ރާއްޖެ ގެންނަން އިންވެސްޓްކުރިއެވެ.
"އާއިލާ މީހުންނަށްވެސް އެންމެ ފުރަތަމަ އެކަން އެނގުނީ ޓްރަކް އަރުވައިގެން އައި ދޯނި ރަށަށް ލަފާ، ޓްރަކް ބޭލުމުން"
ނަތީޖާއެއްގެ ގޮތުން މިދިޔަ މަހު ނިމުނު އެކްސްޕޯގައި އެއް މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި ބާބާ ގާޑިިޔާ ވުޖޫދުވިއެވެ. އެއާއެކު، "ތީރު"ގެ ޓީމުން "ބާބާ ގާޑިޔާ" ބްރޭންޑްގެ ކާމިޔާބީއާއި ގުޅޭގޮތުން އަތީގުއާއި ސުވާލުކުރީމެވެ.
1- ބާބާ ގާޑިޔާ ފުޑް ޓްރަކްގެ މައްޗަށް ކިހާވަރެއްގެ ހަރަދެއްކޮށްފައިވާނެތޯ؟
އަތީގުގެ ކެރިއާ އެންމެ ފުރަތަމަ ފެށީ ރިޒޯޓް ދާއިރާއިން 2000 ވަނަ އަހަރުން ފެށިގެން. މި ގާޑިޔާއަކީ 5000 ޑޮލަރަށް ފަރުމާކުރި ގާޑިޔާއެއް. ގާޑިޔާގައި ކައްކަން ބޭނުންކުރާ ބައި އެއީ އަޅުގަނޑު އަމިއްލައަށް ޑިޒައިންކޮށް ޗައިނާއިން ކަސްޓަމައިޒްކުރި ބައިތަކެއް. އެންމެ ފުރަތަމަ ގާޑިޔާއަށް ދިނީ އެހެން ނަމެއް. އެކަމަކު އަޅުގަނޑުގެ ނަން ބާބާއަށް ވީތީ، ރައްޓެހިން އަބަދު ބާބާ ގާޑިޔާ ކިޔާ އުޅޭތީ އެންމެ ފަހުން ބާބާ ގާޑިޔާ ބްރޭންޑް ނަމަކަށްވީ.
2- އުފެއްދުންތެރިކަމުގެ މައުރަޒުން ބާބާ ގާޑިޔާއަށް ލިބުނު އެއް މިލިއަން ރުފިޔާއިން ހަރަދުތައް ކަނޑާލުމުން ލިބުނީ ކިހާވަރެއްގެ ފައިދާއެއް ހެއްޔެވެ؟ އަދި ފުވައްމުލަކުގައި ގާޑިިޔާއަށް ކިހާވަރެއްގެ އާމްދަނީއެެއް ލިބޭތޯއެެވެ؟
އެއް މިލިއަން ރުފިޔާއިން ހަރަދުތައް ކަނޑާލުމުން އަޅުގަނޑުމެންނަށް ލިބުނީ 500،000 ރުފިޔާގެ ފައިދާއެއް. އެއް މިލިއަން ރުފިޔާ ލިބުނީ އެއީ އަޅުގަނޑުމެންގެ މި މަސައްކަތުގައި އެހީތެރިވެދިން ވަރަށް ބޮޑު ބައެއްގެ އެހީތެރިކަމާއިއެކު. އޭގެ ތެރޭގައި މި ގާޑިޔާ މާލެއަށް ގެނައުމުގައި އެހީވި މީހުންވެސް ހިމެނޭ. އެ އެންމެންގެ މަސައްކަތް އަގުވަޒަންކުރުން ހަމަ ހައްގު. ދެން އެއަށްފަހު އަޅުގަނޑުމެން ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އައިއޭސީއަށް 20،000 ރުފިިޔާވެސް ދިނިން. ރަށުގައި ގާޑިޔާ އާންމުކޮށް އޮޕަރޭޓްކުރަނީ ބީޗް އޭރިއާގައި. ޕީކް ސީޒަނެއްގައި ލިބޭ ރެވެނިއުއިން ގޭތެރޭގެ އަދި ގާޑިޔާއަށް ކުރާ ހުރިހާ ހަރަދުތައް ކަނޑާލުމުން ގާތްގަނޑަކަށް 8000 ރުފިޔާގެ ފައިދާއެއް މަހެއްގެ މައްޗަށް ލިބޭ. ފުވައްމުލަކުގައި ހަވީރު 4 ޖަހާއިރު ފަށާގޮތަށް ބައެއް ރޭރޭ ދަންވަރު 3 ޖަހަންދެން ޓްރަކްގެ މަސައްކަތްތައްކޮށް ހަދާ. ކޮންމެދުވަހަކުވެސް މަސައްކަތް ފަށަނީ ހަވީރު 4:00 ގައި. އަތީގު ބުނިގޮތުގައި އޭނާގެ އަނބިމީހާއާއި 9 އަހަރުގެ އަންހެން ދަރިފުޅާއި މިއަހަރު 2 އަހަރު ފުރޭ އަންހެން ދަރިފުޅުގެ ހަރަދުތަކާއި ގޭގެ އެހެނިހެން ހުރިހާ ހަރަދުތައް ހަމަޖައްސަނީ ބާބާ ގާޑިޔާއިން ލިބޭ އެއްޗަކުންނެވެ.
2- ބާބާ ގާޑިޔާއިން ވިއްކާ ބާވަތްތަކަކީ ކާކުގެ ހިޔާލެއްތޯ އެވެ؟
އެއީ އަޅުގަނޑު އުފެއްދި ސީކްރެޓް ރެސިޕީއެއް. އެކަމަކު މިހާރު އަޅުގަނޑުގެ އަންހެނުން ވަނީ ރެސިޕީތައް އިތުރަށް ފުރިހަމަކޮށް މޮޑިފައިކޮށްފަ. ރަށުުގައިވެސް އަޅުގަނޑަށް އެހީވަނީ މަންމައާއި އަންހެނުން ދެން ގާތް ރައްޓެހިން. ގާޑިޔާގެ އިތުރުން އަޅުގަނޑުމެން ފުވައްމުލަކުގައި ހުންނާނެ ވިޔަފާރި އުސޫލުން ކަރައޮކޭ ތަނެއްވެސް ހަދާފަ. އެއީ ކޮންމެ ކަރައޮކޭ ސެޝަނެއް 250 ރުފިޔާއަށް.
3- ބާބާ ގާޑިޔާ އިތުރު ރަށްރަށަށް ގެންނަން ގަސްދުކުރަންތޯއެވެ؟ ނުވަތަ ޓުއާއެއް ފަށަން ހިޔާލުކުރަންތޯއެވެ؟
ތިކަހަލަ ހިޔާލެއްވެސް އެބަ ގެންގުޅެން. މިހާރުވެސް އައްޑޫ އަދި ލާމު އަތޮޅާއި ބ. ތުޅާދޫއާއި ގއ. ގެމަނަފުށިން ބާބާ ގާޑިޔާއަށް ވަރަށް ޑިމާންޑް އެބަކުރޭ. އެކްސްޕޯ ނިންމުމަށްފަހު އަޅުގަނޑުމެންނަށް އެމްޕީއެލް ފަދަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އެބަ ޑިމާންޑް ކުރޭ އޮފާތައް އެކި ހަފްލާތަކަށް. މާލޭގައިވެސް ބާބާ ގާޑިޔާގެ ގޮތްޕެއް ހުޅުވަން އަޅުގަނޑު މިހާރު ގަސްދުކޮށްފިން. އެކަމަށް 5 މަސް ވަރު އެބަ ނަގާ.
4- ކޮންމެ މަސައްކަތެއްގައިވެސް ދިމާވާނެ ގޮންޖެހުންތައް. އެގޮތުން ބާބާ ގާޑިޔާއަށް ދިމާވާ ގޮންޖެހުމަކީ ކޮބާތޯއެވެ؟
އަޅުގަނޑުމެންނަށް ދިމާވާ އެންމެ އުނދަގޫ ކަމަކީ ސަޕްލައިގެ ދަތިކަން. ބޭނުންވާ ޕްރޮޑަކްޓްގެ ބްރޭންޑް ނުލިބުން. މިސާލަކަށް އެއް ދުވަހު ލިބޭ ބްރޭންޑެއް އަނެއް ދުވަހު ނުލިބިދާނެ.
5- ގާޑިޔާގެ މަސައްކަތް އެއްފަރާތްކޮށްފައި ދެން އެންމެ ކުރާހިތްވާ މަސައްކަތަކީ ކޮބާތޯއެވެ؟
ދުވާލު ވަގުތަކީ އެއީ ކުދިންގެ ސްކޫލު ކަންކަމާއި ފިހާރައިން ގާޑިޔާއަށް ބޭނުންވާ އެއްޗެހި ގަންނަ ވަގުތުތައް. ކުރީގައި ކޮށްއުޅުނު ބޭކާރު ކަންކަން މިހާރު ނުކުރަން. އެކަމަކު އިޖުތިމާއީ މަސައްކަތްތަކުގައި ބައިވެރިވުމަކީ އަޅުގަނޑު ކުރާހިތްވާ ކަމެއް.
5- މިފަދަ ވިޔަފާރިއެއް ފަށަން ވިސްނާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާތޯ؟
އަޅުގަނޑުގެ މި ހިޔާލަށް ބައެއް މީހުން ފާޑުކިޔާފައިވޭ. ތިކަން ނުވާނެއޭ ނުވަތަ މިކަމުން ފައިދާނުވާނެއޭ ވެސް ބުނި. އެކަމަކު އަޅުގަނޑު މިއީ ކުރާ މަސައްކަތަކަށް ވަރަށް އިތުބާރުކޮށްގެން ވަރަށް ވިސްނާފައި ނޫނީ ނުކުރާ މީހެއް. މިހާހިސާބަށް އާދެވުނީ އާއިލާގެ އެއްބާރުލުންވެސް އޮވެގެން. ވިޔަފާރި ކުރެވޭނީ ވަރަށް ބުރަ މަސައްކަތްކޮށްގެން. ވިސްނުންތެރިކަމާއިއެކީ މިކަން ވާނެޔޭ އަޅުގަނޑު ބުނާނީ. ބިސްމި ކިޔާފައި ރާއްޖެއަށް ގެނައި އެންމެ ފުރަތަމަ ބެޓްރީ ޕަވަރޑް ބޮޑު ޓްރަކް މިއީ. އެންމެ ފުރަތަމަ ބޮޑު ސޭވިންގއެއް އިންވެސްޓްކުރުމަކީ ރިސްކެއް. އެކަމަކު ހިތަށް އެރީ އިރާދަކުރެއްވިއްޔާ އޭގެއިން ނަފާވާނެ ކަމަށް.