މިދިޔަ ހަފްތާ ނިމުނީ ވަރަށް ގިނަ ބައެއްގެ ހިތުގައި ޖައްސާފައެވެ. ހިތާމަވެރި ޚަބަރަކުންނެވެ. ކުރިޔަށް އޮތް ބޮޑު ޢީދު ބަންދު ދުވަސްތައްކަމުގައި ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރުން އެންމެ ދުވަހެއްވެސް ބަންދު ނުވާނެކަމުގެ ހިތްދަތި ޚަބަރުންނެވެ. މިއީ ބޮޑު ޢީދު ފާހަގަކުރުމަށް އެކި ރަށްރަށަށް ދާން ހިތުލައިގެން ތިބި ވަރަށް ގިނަ ބަޔަކަށް މާރުކުރަން އުނދަގޫވި ޚަބަރަކަށްވީއެވެ.

އާންމުކޮށް ޢީދު ދުވަސްތައް ކަހަލަ ބަންދު ދުވަސްތަކާއި ވިދިގެން ދެ ދުވަހެއްވަރު ހުކުރު ދުވަހާ ދެމެދު އުޅޭނަމަ، ސަރުކާރުން އެ ދެ ދުވަހެއް ބަންދު ކޮށްލައެވެ. ބަންދު ދިގު ކޮށްލައެވެ. އޭރުން ކުރީ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ގާތްގަނޑަކަށް ނުވަވަރަކަށް ދުވަސް ސަރުކާރު ބަންދުވާނެއެވެ. އެހެން ނަމަވެސް، މިފަހަރު ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވެފައި، އާދިއްތަ އަދި ހޯމަ ޢީދު ބަންދު ދުވަސްތަކުގައި ވިޔަސް، އަންގާރަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތައް ފެށޭނެއެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ގިނަ ފަހަރު ހަދާހެން، އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށްވެސް ބަންދު ކޮށްލާނެކަމަށެވެ.

ކޮންމެ ބޮޑު ބަންދަކާ ދިމާކޮށް ގިނަ ބަޔަކު ވިސްނުމަކަށްވަނީ ބުރަ ދުވަސްތަކަކަށްފަހު ސިކުނޑި ތާޒާކޮށްލުމަށް އެހެން މާހައުލަކަށް ދިޔުމަށެވެ. އެއްބަޔަކު ރާއްޖެއިން ބޭރަށެވެ. އަވައްޓެރި ގައުމުތަކަށެވެ. އަނެއްބަޔަކު ރާއްޖޭގެ އެކި ރަށްރަށަށެވެ. މާލޭގެ ހަލަބޮލިކަމުން މިންޖުވެ، މިނިވަން ވަޔާ އޮޔާ އަދި ހިމޭން ގޮނޑުދޮށްތަކުގައި ހިނގާލުމަށެވެ. އާއިލާތަކާއި ރައްޓެހިންނާ ބައްދަލުކޮށްލާ ޢީދު ކުޅިވަރުތައް ބަލައިލުމަށެވެ. އެގޮތުން މިފަހަރުވެސް، އެކި ރަށްރަށުން ޢީދު ކުޅިވަރުތައް މުޅި ހަފްތާއަށް ތާވަލު ކޮށްގެން އިޝްތިހާރުކޮށްފައިވާތީ، އެ ރަށްރަށަށްދާން ގިނަ ބަޔަކު ތިބީ ޓިކެޓްވެސް ނަގައިގެންނެވެ. ކުރިޔާލާ ޓިކެޓް ނުނަގައިފިނަމަ، ނުދެވިދާނެތީއެވެ.

ޢީދު ބަންދު ދިގު ނުވިޔަސް ކޮންމެވެސް ތާކަށް ގޮސްލަންވާނެއެވެ. އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަންވާނެއެވެ. ނަމަވެސް، ރަށްރަށަށް ދާން ފުރާއިރު، މޫސުމަށާއި، އަންނަން ޖެހޭ ދުވަހަށް އާދެވޭތޯވެސް ބަލަން ވާނެއެވެ. ކުރިޔަށް އޮތީ ވިއްސާރައެވެ.