އާމިނަތު ޝަތުފާ ހަސަން ޝަފީއު ނުވަތަ އާންމު ނަމުންނަމަ ޝަތޫ އެންމެ ފުރަތަމަ މަޝްހޫރުވާން ފެށީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ. ޒުވާބުކުރުމާއި އަރާރުންތަކުގެ ތެރެއަށް ނުވަދެ، ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރިޔަސް އަންހެން އެކްޓިވިސްޓަކަށްވުމުގެ ސަބަބުން ޝަތުފާއަށްވެސް މީހުންގެ ދުލުގެ ތޫނުކަމުން ސަލާމަތްނުވެވުނެވެ. އެކަމަކު މިހާރު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ޑިޕާޓްމެންޓްގައި އެންމެ އިސްކޮށް މަސައްކަތްކުރާ ޝަތުފާއަކީ ހަމައެކަނި މި މަސައްކަތްތަކަށް އާންމުން ދަންނަ މީހެއް ނޫނެވެ. އައްޑޫ މަރަދޫ، އަޅިވިލާގެއަށް ނިސްބަތްވާ ޝަތުފާ، އެންމެ ފުރަތަމަ މަސައްކަތްކުރީ ޓީވީއެމްގައެވެ.
އެއަށްފަހު މޯލްޑިވްސް އިމިގްރޭޝަންސްގައިވެސް އޭނާ މަސައްކަތްކޮށްފައި ވެއެވެ. އަދި މާލެ ސިޓީ ކައުންސިލްގައި ސިވިލް ސާވަންޓެއްގެ މަސައްކަތްވެސް ކޮށްފައި ވެއެވެ. ޝަތުފާ ވަނީ ނިމިދިޔަ ސަރުކާރުގައި ހެލްތް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމު ފުރާފައެވެ. ޝަތުފާ ހެލްތް މިނިސްޓްރީގެ ކޮމިއުނިކޭޝަންސްއާއި ބެހޭ ޑިޕާޓްމެންޓްގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެ ދާއިރާއަށް އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ. ގިނަ އޮފީސްތަކުގެ މީޑިއާ ބައިގައި މަސައްކަތްކުރި ޝަތުފާ، ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަގާމަކަށް އައްޔަންކުރުމުން އޭނާއަށް އޭރު ފާޑުކިޔުންތައް އަމާޒުވިއެވެ. އެކަމަކު ޝަތުފާއަކީ އާންމުންގެ މެދުގައި މުޅިން އެެހެން ހުނަރަކަަށްވެސް މަޝްހޫރުވި ފަރާތެކެވެ. ހޮބީއެއްގެ ގޮތުގައި ކުރަން ފެށި މަސައްކަތެއްގެ ރަހަ ރައްޓެއްސަކަަށް ދެއްކި ފަހުން ޝަތުފާ ފަސްއެނބުރި ބަލާލުމެއްނެތި އެކަން ވިޔަފާރިއަކަަށް ބަދަލުކުރިއެވެ. އެއީ އޭނާގެ ކެއްކުމުގެ ހުނަރުގެ އައު ފެށުމެވެ. 2018 ވަނަ އަހަރުން ފެށިގެން ޝަތުފާގެ ހުރިހާ ސޯޝަލް މީޑިއާތަކުން ހިންގާ "ޝަތޫސް ކިޗަން" މިއީ ވަކި އާދައިގެ ޕޭޖެއް ނޫނެވެ. ޝަތޫސް ކިޗަންއިން ފެނުނު މުޅިން ތަފާތު ރެސިޕީތަކަށް ތައްޔާރުކުރާ މެނޫތައް ފެނުމާއި ގުޅިގެން "ތީރު" އިން ޝަތުފާއަށް އެކި ދުވަސް މަތިން ގުޅާފައި އެންމެ ފަހުން އޭނާގެ އިންޓަވިއުއެއް ލައްކަ މަސައްކަތުން ލިބުނީ ޝަތުފާގެ ބިޒީ ޝެޑިއުލްއިން ވަގުތުކޮޅެއް ހޯދައިގެންނެވެ. ޝަތުފާ "ތީރު" އަށް ދިން ހާއްސަ އިންޓަވިއުގައި ވަނީ ކެއްކުމަކީ ހުނަރު ބޭނުންވާ ނަފާ ލިބޭ މަސައްކަތެއްކަން ހާމަކޮށްފައެވެ.
ޝަތޫ ބުނިގޮތުގައި ސިޓީ ކައުންސިލުގައި މަސައްކަތްކުރަމުން ޑިގްރީއަށް ކިޔަވާ ހަދާތީ އޭނާގެ ޝެޑިއުލް ވަރަށް ބިޒީއެވެ. އޭނާގެ ޒަވާޖީ ހަޔާތަށް ބަލާއިރު ޝަތޫއަކީ ފިރިއެއް އަދި 15 އަހަރުގެ ފިރިހެން ދަރިފުޅުގެ ޒިންމާތައް ބަލަމުންދާ މީހެކެވެ. އަދި އޭނާގެ މަންމައާއި ބައްޕަގެ އެންމެ ދޮށީ ދަރިފުޅުވެސް މެއެވެ. ޝަތޫ ބުނިގޮތުގައި މިހާރު އޭނާ ޝަތޫސް ކިޗަން ހިންގަނީ ޕްރީ އޯޑަރު އަންނަ ވަރަކަށެވެ. ކުރީގައި ލިބުނު ހުސްވަގުތު މިހާރު ނުލިބުނަސް ޝަތޫ އަދިވެސް ދަނީ އައު އުފެއްދުންތައް ތައްޔާރުކުރުމުގައި އަވަދިނެތިއެވެ.
1- ޝަތޫސް ކިޗަން މިއީ ކިހިނެއް ފެށުނު މަސައްކަތެއްތޯ އެވެ؟
އަޅުގަނޑަކީ މިއީ ވަރަށް ކުރީއްސުރެ ވަރަށް ކައްކާ ހިތްވާ މީހެއް. އަޅުގަނޑު އަބަދުވެސް ބަަލަނީ ތަފާތު ރެސިޕީތައް ތައްޔާރުކުރުމަށް. އެންމެ ފުރަތަމަ ކައްކަން އިންސްޕަޔާވީ އަޅުގަނޑު މަންމަ ކައިރިން. އެގޮތުން 2018 ވަނަ އަހަރު އަޅުގަނޑު ފޫހިވެގެން، ޝަތޫސް ކިޗަން ފެށީ. ޝަތޫސް ކިޗަން އިން ބައެއް ރެސިޕީތަކުގެ ފޮޓޯތައް އަޕްލޯޑްކުރިން. ދެން މަދު ބަޔަކަށް އޯޑަރުތައް ހަދައިދިނިން. ދެން މެދުކެނޑުމަކަށްފަހު 2021 ވަނަ އަހަރު އަޅުގަނޑު މިކަން ވިޔަފާރި އުސޫލުން ކުރަން ފެށީ ފުލްޓައިމްކޮށް. އެހެން ނަމަވެސް މިހާރު އެއްޗެހި ހަދަނީ ތަންކޮޅެއް ގިނަ އޯޑަރ ލިބުމުން.
2- އިންސްޓަގްރާމްއިން ބަލާލާއިރު ތަފާތު ކުލަކުލައިގެ ތަފާތު ޑިޝްތައް ފެނޭ. ޝަތޫގެ އުފެއްދުންތައް ތަފާތީ ކޮންގޮތަކުން ތޯއެވެ؟
އަޅުގަނޑު ތައްޔާރުކުރަނީ އެކި ތަންތަނަށް ނިސްބަތްވާ ކްވިޒީންތައް އޭގެ އަސްލު ނުގެއްލޭގޮތަށް. އަޅުގަނޑު ތައްޔާރުކުރާ ދިވެހި ކާނާގެ އިތުރުން ގިނަ ރެސިޕީތަކަކީ އަޅުގަނޑުގެ އަމިއްލަ ރެސިޕީތައް. އައްޑޫ އެއްޗެހި ތައްޔާރުކުރާއިރު އަޅުގަނޑު ވަކިން ހާއްސަ ސަމާލުކަމެއް ދެން އައްޑޫއަށް ހާއްސަ އެއްވެސް އެއްޗެއް އޭގެ އަސްލު ނުގެއްލޭ ގޮތަށް ތައްޔާރުކުރަން. މިސާލަކަށް އައްޑޫ ހަވާދުވެސް އަޅުގަނޑު ވިއްކަން. އައްޑޫ ހަވާދު އަޅުގަނޑު ތައްޔާރުކުރަނީ އަޅުގަނޑުގެ އަމިއްލަ ރެސިޕީއަކަށް. އައްޑޫ ބޮނޑި ކަހަލަ އެއްޗެހިވެސް ހަދަން އަޅުގަނޑަށް އެނގޭ. އެކަމަކު މާލެއިން ފްރެޝްކޮށް ލިބެން ނުހުންނަ އެއްޗެއް ނަމަ، އަޅުގަނޑު އެ އެއްޗެއް ތައްޔާރުނުކުރަން. ސަބަބަކީ އަޅުގަނޑުގެ ރެސިޕީތަކުގެ ކޮލިޓީ ހިފަހައްޓަން އަޅުގަނޑު މަސައްކަތްކުރަން. ދެން ކަސްޓަމަރުން ކިޔާދޭގޮތަކަށް އެއްޗެހި ތައްޔާރުކުރަން. މިސާލަކަށް ޑައިޓްކުރާ މީހުންނަށް ހާއްސަ ރަަހަމީރު ޕްލެޓާތައް. ދެން ކޮންމެ ހަފްތާއަކު ވަކިން މެނޫއެއް އޭރު ހަދަން. މިސާލަކަށް ސަންޑޭއަށް ޗިކަން ކަރީ އެންޑް ޕޫރީ ޕެކޭޖް. މީގެ އިތުރުންވެސް، ޔޫރަޕްގެ ޗިކަން ސްޓްރޮގަނޯފް ކަހަލަ ދިވެހިންނަށް އައު ޑިޝްތައްވެސް އަޅުގަނޑު ތައްޔާރުކުރަން.
3- ޝަތޫސް ކިޗަން އިން ވިއްކަނީ ކޮން ކަހަލަ ބާވަތްތަކެއްތޯއެވެ؟
އައްޑޫ ހަވާދުން ތައްޔާރުކުރާ މަސްބުރި ރިހަ، ކަންނެލި ބިސް ހިމެނޭ. ދެން ބަޓަރޑް ސްޕައިސީ ބޯވައާއި ކަޓްލްފިޝްވެސް ތައްޔާރުކުރަން. އަޅުގަނޑު އެވެސް ތައްޔާރުކުރަނީ ދިވެހި ބޯވައިން. ސަބަބަކީ ބޭރު ބޯވައިގެ ރަހަ އެހާ މީރެއް ނުވާނެ. ދެން އެމަންޑް ޕުޑިންއާއި ޗޮކްލެޓް ފަޖްއާއި މައިލޯ ތްރޭ ލެޝޭ މިލްކް ކޭކްއާއި މެންގޯ ސާގޯ ކަހަލަ ފޮނިކާތަކެއްޗާއި ބަރަބޯ ޕިއުރީއިން ތައްޔާރުކުރާ ޕާސްޓާއާއި ސްޕެގެޓީވެސް ހަދަން. އިޓޭލިއަން ފުޑްއާއި ބިރިޔާނީ ކަހަލަ އިންޑިއަން ފުޑްވެސް އޭރު ތައްޔާރުކުރިން.
4- ޝަތޫސް ކިޗަން އިން ތައްޔާރުކުރާ ތަކެތީގެ ތެރެެއިން އެންމެ ހިނގަނީ ކޯޗެއްތޯއެވެ؟
ޕޫރީ އެންޑް ޗިކަން ކަރީ. ދެން ތައި ނޫޑްލީހެއް ކަމުގައިވާ ޕަޑް ތައި ހޯދަން ވަރަށް ޕްރީ އޯޑަރު ލިބޭ. ދިވެހި ކެއުންތަކުގެ ތެރެއިން ކުޅިކޮށްފައިވާ ބޯވަ ރައިސް ޕެކޭޖާއި އައްޑޫ ހަވާދާއި ބޯކިބާވެސް ވަރަށް ހިނގާ. ބޯކިބާ ތައްޔާރުކުރަނީ ދެ ވައްތަރަކަށް. އެއީ އޯޓްސްއާއި މަންމަގެ އަމިއްލަ ރެސިޕީއެއް ކަމުގައިވާ އައްޑޫ ބޯކިބާ. ކުރީގައި އީދަށް ހާއްސަ ޕެކޭޖް ހަދަން އޭގެއިން. ދެން ހަވާދުލީ ބިސްވެސް ވިކޭ. ޝަތޫއަށް ކަމުދަނީ އޮތެންޓިކް ދިވެހި ހަވާދުން ހަވާދުލީ ބިސް ހަދަން. ދެން ހުންނާނެ މެނޫގައި ނުހިމެނޭ ޑައިޓް ފުޑް. ޖިމްތަކަށްދާ ޝަތޫގެ ވަރަށް ގިނަ ރައްޓެހިން އެ އެއްޗެހި އޯޑަރުކުރާނެ. މެނޫގައި ނެތް އެއްޗެހިވެސް ހަދަން.
5- މި މަސައްކަތުން މަހެއްގެ މައްޗަށް ކިހާވަރެއްގެ އާމްދަނީއެއް ޖެހޭތޯއެވެ؟
ކުރީގައި ވަގުތު އޮވެގެން މި މަސައްކަތްކުރި އިރު މަހެއްގެ މައްޗަށް 40،000 ރުފިޔާ ލިބޭ ސޭލްސްއިން. ހަރަދަށް ދަނީ ގާތްގަނޑަކަށް 7000 ރުފިޔާ. މިދިޔަ މަހުވެސް ލިބުނު ގާތްގަނޑަކަށް 10،000 ރުފިޔާ 4 ޕާޓީއަކާއި ގެޓް ޓުގެދާއަކަށް ތަކެތި ތައްޔާރުކޮށްގެން. އަޅުގަނޑު ބަލަން ގިނަ ޕްރޮޑަކްޓްސް 100 ރުފިޔާއަށްވުރެ އަގުބޮޑު ނުކުރަން. މިސާލަކަށް ބޯކިބާ އެއީ ދެން ފުދޭވަރަކަށް ސައިޒުން ބޮޑެތި ބޯކިބާ. އެ ވިއްކަނީ 100 ރުފިޔާއަށް.
6- ވިޔަފާރި ފުޅާކުރަން ގަސްދުކުރަންތޯއެވެ؟
މިހާރު އަޅުގަނޑު ވަނީ މަރަދޫގައި ރެސްޓޯރެންޓެއް ހުޅުވުމުގެ މަސައްކަތް ފަށާފައި އަމިއްލަ ބިމުގައި. ރޭނުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. މުސްތަގުބަލުގައި މާލޭގައިވެސް ކެފޭއެއް ހަދަން ބޭނުން. ނަމަވެސް، މިވަގުތު ބޮޑަށް ފޯކަސް ކުރަނީ ކައުންސިލުގެ މަސައްކަތްތަކަށް. މިހާރުވެސް ދޭތެރެއަކުން މީހުން ރިކުއެސްޓް ކުރޭ އެއްޗިއްސަށް. މިހާރުވެސް އަޅުގަނޑު ދަނީ ދިވެހިންނަށް ކެވޭނެ ޒާތުގެ ސޫޝީ ކަހަލަ އައު އެއްޗެހި ހަދަން ދަސްކުރަމުން. އެކަމަކު ބޮޑަށް ރެސްޓޯރެންޓަށް ހާއްސަ މެނޫތައް ފަރުމާ ކުރަން ފޯކަސް ހުރީ.
7- ޝަތޫގެ ހަޔާތުގައި ދިމާވި ގޮންޖެހުމެއް ކިޔާދެވޭނެތޯއެވެ؟
އޭރު ސޯޝަލް މީޑިއާގައި އެކްޓިވްކޮށް ހިޔާލު ފާޅުކުރި ދުވަސްވަރު ވަރަށް ފުރައްސާރަތައް ކުރިމަތިކުރުވި. އަދި ވަކިން ބޮޑަށް އަންހެނަކަށްވީތީ އަޅުގަނޑުމެންނަށް ސައިބާ ބުލީންއާއި ކުރިމަތިވި. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭރު އަޅުގަނޑާއި ބެހޭ އާޓިކަލްއެއް އޮވޭ ސޯޝަލް މީޑިއާއާއި ނޫސްތަކުގައި. ޓީވީންވެސް ނަން ގޮވާފާނެ. ކޮންމެވެސް ބަޔަކު ޝަތޫމެންނާއި ދެކޮޅަށް މަސައްކަތްކުރާތީތާ. އާންމުންނަށް އެނގޭ މީހަކަށްވާ ހިސާބުން މީހާގެ ޕާސަނަލް ލައިފްގެ ޕްރައިވެސީ މައްޗަށް އެއްވެސް ބާރެއް ނޯވޭ. ބުލީން ކުރިމަތިވޭ ފުދޭވަރެއްގެ. އެކަމަކު އިޓްސް އޯކޭ. އަޅުގަނޑަކީ މިއީ ވަރަށް 'ތިކް ސްކިންޑް' މީހެއް. މިހާރު ސޯޝަލް މީޑިއާގައި އެކްޓިވް ނުވިޔަސް ދޭތެރެ ދޭތެރެއިން އަދިވެސް ހަމަ އަޅުގަނޑަށް ފުރައްސާރަކުރޭ.