އައިޓަމް ގާރލް"އެއްގެ ގޮތުގައި މަޝްހޫރުވި ބަތަލާ މަލައިކާ އަރޯރާއަކީ ޑާންސް ޝޯވތަކުގައި އެންމެ ޑިމާންޑް ބޮޑު އެއް ޖަޖެވެ. އޭނާގެ ކެރިއަރުގައި އޭނާ ވަނީ ގިނަ ޑާންސް ޝޯވތަކެއް ޖަޖު ކޮށްފައެވެ. މިފަހަރު މި ބަލައިލަނީ މަލައިކާ ޖަޖު ކުރި 5 ޑާންސް ޝޯވއަށެވެ.

* ނަޗް ބަލިޔޭ

  ސްޓާ ވަންއިން 2 ސީޒަން ދެއްކުމަށްފަހު ފަހުން ސްޓާ ޕްލަސްއިން ގެނެސްދިން ކަޕްލް ޑާންސް ޝޯވ "ނަޗް ބަލިޔޭ"އަކީ މަލައިކާ ޖަޖުކަން ކުރި ފުރަތަމަ ޝޯވއެވެ. ޒަވާޖީ ގޮތުން ގުޅިގެން އުޅޭ ފަރާތްތަކާއި ލޯބިވެރިންނަށް ޚާއްސަކޮށް ގެނެސްދޭ މި ޝޯވގެ 10 ސީޒަން ނިންމާލާފައިވާއިރު މަލައިކާއަކީ ސީޒަން 1 އަދި 2 ގެ ޖަޖެވެ. ފުރަތަމަ ސީޒަންގައި މަލައިކާއާއެކު ޖަޖުން ޕެނަލްގައި ހިމެނެނީ ސަރޯޖް ޚާނާއި ފަރްހާން އަޚްތަރެވެ. ދެވަނަ ސީޒަން ޖަޖުކުރީ މަލައިކާއާއި ސަރޯޖްގެ އިތުރުން ކުނާލް ކޯލީއެވެ.

* ޖަލަކް ދިކްލާ ޖާ

  ސެލެބްރިޓީ ޑާންސް ޝޯވ "ޖަލަކް ދިކްލާ ޖާ" އަކީވެސް މަލައިކާ ޖަޖުކުރި ޝޯވއެކެވެ. އޭގެ 4 ވަނަ ސީޒަނާއި 8 ވަނަ ސީޒަން ޖަޖުކުރިއިރު 8 ވަނަ ސީޒަންގައި މަލައިކާ އައީ ކަރަން ޖޯހަރްގެ ބަދަލުގައެވެ. 4 ވަނަ ސީޒަންގެ ޖަޖުންނަކީ މަލައިކާގެ އިތުރުން ރެމޯ ޑީ ސޫޒާއާއި މަދޫރީ ދިކްޝިޓެވެ. 8 ވަނަ ސީޒަންގެ ޖަޖުންނަކީ މަލައިކާގެ ޝާހިދު ކަޕޫރާއި ލައުރެން ގޮތުލީބްއާއި ގަނޭޝް ހެގްޅޭއެވެ. ކާމިޔާބު ކަމާއެކު 9 ސީޒަން ނިންމާލާފައިވާއިރު 10 ވަނަ ސީޒަން މިއަހަރު ޖުލައިގައި ފަށާނެއެވެ.

* އިންޑިއާސް ގޮޓް ޓެލެންޓް

  ތަފާތު ހުނަރުތައް ދައްކާލުމަށް އިންޑިއާގެ މީހުންނަށް ހުޅުވާލި ޝޯވ "އިންޑިއާސް ގޮޓް ޓެލެންޓް"ގެ 8 ސީޒަން ގެނެސްދީފައިވާއިރު 4 ވަނަ ސީޒަނުން ފެށިގެން މަލައިކާއަކީ ޖަޖިން ޕެނަލްގެ މެންބަރެކެވެ. މަލައިކާގެ އިތުރުން ޖަޖުންގެ ތެރޭގައި ހިމެނެނީ ކިރޮން ކޭރްއާއި ކަރަން ޖޯހަރެވެ.

* އިންޑިއާސް ބެސްޓް ޑާންސާ

  "އިންޑިއާސް ބެސްޓް ޑާންސާ"އަކީ މުޅި އިންޑިއާއަށް ހުޅުވާލައިގެން މިދިޔަ އަހަރު ބޭއްވި ޑާންސް ރިއަލިޓީ ޝޯވއެކެވެ. ބާރްތީ ސިންގއާއި އޭނާގެ ފިރިމީހާ ހާރްޝް ލިމްބާޗިޔާ ހުށަހަޅައިދިން މި ޝޯވގެ ޖަޖުކަން ކުރީ މަލައިކާގެ އިތުރުން ގީތާ ކަޕޫރާއި ޓެރެންސް ލުވިސްއެވެ. އަދި ޚާއްސަ ޖަޖެއްގެ ގޮތުގައި ނޯރާ ފަތޭހީވެސް ދެތިން ހަފުތާގައި ބައިވެރިވިއެވެ. ޝޯވގެ އެއްވަނައަށް ހޮވުނީ ޓައިގާ ޕޮޕްއެވެ. ދެވަނަ ސީޒަން މިއަހަރު ފަށާނެއެވެ.

* ސުޕަ ޑާންސާ ޗެޕްޓަރ 4

  މިހާރު ސްޓާ ޕްލަސްއިން ގެނެސްދެމުންދާ ކުޑަކުދިންގެ ޑާންސް ޝޯވ "ސުޕަ ޑާންސާ ޗެޕްޓަރ 4" އަކީ ކުރިން ޝިލްޕާ ޝެޓީ ޖަޖުކުރި ޝޯވއެކެވެ. މަލައިކާ ޝޯވއާއި ގުޅުނީ ކޮވިޑާއި ގުޅިގެން ޝިލްޕާއަށް ޝޫޓިންގ ލޮކޭޝަނަށް ދެވޭގޮތް ނުވެގެން ޝޯވ ދޫކޮށްލުމުންނެވެ. ސުޕަ ޑާންސާގެ ޖަޖުންނަކީ މަލައިކާގެ އިތުރުން ގީތާ ކަޕޫރާއި ޓެރެންސް ލުވިސް އަދި އަނޫރާގް ބާސޫއެވެ. އަނޫރާގް ބާސޫވެސް އަމިއްލަ ސަބަބުތަކަކާއި ގުޅިގެން ޝޯވ ދޫކޮށްލާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.

މި ޝޯވތަކުގެ އިތުރުންވެސް މަލައިކާ ޖަޖުކުރި އެހެން ޝޯވތައް އެބަހުއްޓެވެ. އޭގެ ތެރޭގައި "ޕާފެކްޓް ބްރައިޑް"، "އިންޑިއާސް ނެކްސްޓް ޓޮޕް މޮޑެލް" އަދި "އެމްޓީވީ ސުޕަމޮޑެލް އޮފް ދަ ޔިއާ" ހިމެނެއެވެ. މަލައިކާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "ޗައްޔާ ޗައްޔާ"، "މުންނީ ބަދުނާމް ހުއީ"، "އަނާރްކަލީ ޑިސްކޯ ޗަލީ" އަދި "ޕާންޑޭޖީ ސީޓީ" ހިމެނެއެވެ.